ފުރަތަމަ ސަފްޙާ / ޚަބަރު / ދަގަނޑޭ ދެއްކި ރީތި މިސާލަށް މާޒިޔާގެ ތައުރީފް!

ދަގަނޑޭ ދެއްކި ރީތި މިސާލަށް މާޒިޔާގެ ތައުރީފް!

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 13 ފެބްރުއަރީ 2020

ރާއްޖޭގެ ތާރީހް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) މާޒިޔާގެ ޖޯޒީގައި އިއްޔެ އެޓީމުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު ބަލަން ދަނޑަށް ވަނުމުން އެ ކްލަބުން އެކަން ފާހަގަކޮށް ދަގަނޑޭ އަށް ތައުރީފްކޮށްފި އެވެ.

މާޒިޔާއިން ރޭ ސޯޝަލް މީޑިއާގައި ދަގަނޑޭ އިއްޔެ ދަނޑަށް ވަދެ އެޓީމަށް ސަޕޯޓްކުރަން އިން މަންޒަރު ފެންނަ ފޮޓޯއާ އެކު އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ދަގަނޑޭގެ ފަރާތުން އެ ފެނުނު އަމަލު ކްލަބްގެ ފަރާތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށާއި، މެޗް ބެލުމަށް ދަނޑަށް ވަދެ ޓީމަށް ތަރުހީބުދިން ކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

ދަގަނޑޭ ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު މާޒިޔާ އަށް ބަދަލުވެ އެ ސީޒަނުގެ ބާކީ ބައިގައި އެޓީމަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ދަގަނޑޭ މާޒިޔާއާ އެކު އެ އަހަރު އަލުން ދިވެހި ފުޓްބޯޅައިގެ ތެރެއަށް އައީ އޭގެ ކުރީ ދެ އަހަރު މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެ އަނިޔާގެ ސަބަބުން އެ ކްލަބާއެކު ހެދި އެއްބަސްވުން އުވާލުމަށް ފަހު އެވެ. މާޒިޔާ އަށް ބަދަލުވުމަށް ފަހު ކުޅުނު 12 މެޗުގައި ދަގަނޑޭ ވަނީ އަށް ގޯލު ޖަހައިފަ އެވެ.

The legend @AliAshfaq07 was in the stadium today cheering the #greenboys in our colors. We really appreciate the gesture and thanks for being there to support the team. #wearemaziya #gomaziyago #ooreedooaaieku pic.twitter.com/fD8XVTqiDU

— MAZIYA SPORTS (@MaziyaSr) February 12, 2020


2001 ވަނަ އަހަރު ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ ވަނީ 2014 ވަނަ އަހަރު ޕީޑީއާރްއެމްއާ ގުޅުމަށް ފަހު އެ ކްލަބަށް ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށްދީ ފުރަތަމަ ސީޒަނުގައި މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން ދަގަނޑޭ ވަނީ ވެލެންސިއާ، ވީބީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް، މާޒިޔާ އަދި ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ކްލަބް ކެރިއަރުގައި ކުޅުނު ތަފާތު އަށް ކްލަބުގައި ދަގަނޑޭ ވަނީ 422 ގޯލު ކާމިޔާބުކޮށްފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 80 މެޗުގައި ދަގަނޑޭ ވަނީ 53 ގޯލު ޖަހައިފަ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ވަނީ އަބަހާނީއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް އެއްވަރުކޮށް އަވޭ ގޯލުގެ އުސޫލުން ކުރި ހޯދައި ޕްލޭ އޮފް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޕްލޭ އޮފް ބުރުގައި އެޓީމުން ވާދަކުރާނީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީ 10-2 ގެ އެގްރިގޭޓުން ބަލިކުރި ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ.
ބެންގަލޫރުގެ މައްޗަށް އެގްރިގޭޓުން މާޒިޔާ ކުރި ހޯދައިފި ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ދަގަނޑޭ ހިމެނޭ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް އެޓީމު ނުކުންނާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!