އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގްގެ މެޗުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުކޮށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޕްލޭއޮފް ބުރުން ފުރުސަތު ހޯދައިފި އެވެ. މި ދެޓީމު ބަންގްލަދޭޝްގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 2-2 އިން އެއްވަރުވުމުން މާޒިޔާ އަށް ކުރި ލިބުނީ ހެޑް ޓު ހެޑް އުސޫލަށް ބަލައި އަވޭ ލަނޑުން ކުރި ލިބުމުންނެވެ.
މިއަދުގެ މެޗަކީ މިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ގަލޮޅު ދަނޑުގައި ކުޅުނު އޭއެފްސީ ކަޕްގެ ފުރަތަމަ މެޗެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓީމުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނީ ކްލަބް ލައިސަންސިން ކަންތައް ފުރިހަމަ ނުވެ އޮތުމުންނެވެ. 2018 ވަނަ އަހަރު ރާއްޖޭގެ ނިއު ރޭޑިއަންޓް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު ޓީސީ ސްޕޯޓްސް ކްލަބް ވަނީ ގްރޫޕް ސްޓޭޖަށް ނުހޮވި ޕްލޭ އޮފް ބުރުން ކަޓައިފަ އެވެ.
އަބަހާނީގެ މައްޗަށް ކުރި ހޯދުމުން މާޒިޔާ ޕްލޭއޮފް މެޗުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގްގައި ބެންގަލޫރުން ވަނީ ރަށުން ބޭރުގައި ބޫޓާނުގެ ޕަރޯ އެފްސީ 1-0 އިން ބަލިކޮށްފަ އެވެ. ބެންގަލޫރުގެ ދަނޑުގައި ދެ ވަނަ ލެގްގެ މެޗު ކުޅޭނީ މިރެ އެވެ.
މާޒިޔާއިން މިއަދުގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނާއިޒް ހަސަން (ދާދު) ގެ ބަދަލުގައި އަސަދުﷲ އަބްދުﷲ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި ހާފުގައި މާޒިޔާ އިން އަބަހާނީގެ ގޯލާ އަމާޒުކޮށް ހަމައެކަނި ހަމަލާ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލުމުން ގޯލްކީޕަރު ޝާހިދުލް އާލަމް ވަނީ ހުއްޓުވައިފަ އެވެ. ފުރަތަމަ ހާފުގައި އަބަހާނިގެ ޑިފެންޑަރު ސާދުއްދީން ފޮނުވާލި ބާރު ހަމަލާ މާޒިޔާގެ އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފާ ހިލާފަށް މާޒިޔާއިން ވަނީ މެޗުގެ ދެ ވަނަ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. މި ހާފުގެ ކުރީކޮޅު ފޭދޫ އިއްބެ ފޮނުވާލި ހަމަލާއެއް ގޯލު ހުރަސްވެގެން ދިޔައިރު އަސަދުﷲ ނަގައިދިން ހުރަހެއް ހުސްކޮށްހުރި ކޮނޭލިއަސް ސްޓެވާޓުގެ ބޮލުގައި ރަނގަޅަށް ލައްވައެއްނުލި އެވެ. އޭގެފަހުން ގާތްގާތުގައި އަސަދުﷲ އަށް ވަނީ ގޯލު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުހިފިފަ އެވެ. ފުރަތަމަ ބޯޅަ އޭރިޔާތެރޭގައި ހުރެފައި ފޮނުވާލުމުން އަބަހާނީގެ ޑިފެންޑަރަކު ބްލޮކްކުރިއިރު އޭގެފަހުން ކީޕަރަށް ހެދުނު ގޯހެއްގައި ގޯލަށް ޖަހަން ލިބުނު ފުރުސަތުގައި އަސަދުﷲ ބޮލުން ޖެހުމުގެ ކުރިން ކީޕަރު ޝާހިދުލް ވަނީ ކޯނަރަކަށް ބޯޅަ ބޭރުކޮށްލައިފަ އެވެ. އަދި ކޯނަރެއްގައި މާޒިޔާގެ ބިދޭސީ ޑިފެންޑަރު ޝަރީފް މުހައްމަދު ހުސްކޮށްހުރެ ބޮލުން ޖެހި ބޯޅައެއް ދިޔައީ އަރިމަތިން ބޭރަށެވެ. މި ހާފުގައި އަބަހާނީގެ ރުބެލް މިއާ އޭރިޔާ ތެރޭގައި ހުރެފައި ފޮނުވާލި ބާރު ބޯޅަ ގޯލަށް ނުވަނީ ކިރިޔާ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ތިރިތިރިން ބޭރަށެވެ.
It's all square at the National Football Stadium. @MaziyaSr advanced to the play-off round on away goals, with an aggregate of 2-2 against the Bangladesh side Dhaka Abahani!
(Photo: AFC) pic.twitter.com/1N4i3Z8GjF— Fahuminet (@fahuminet) February 12, 2020
މެޗުގެ ފަހުކޮޅު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޯވްސީ ވަނީ ކުރިއަށް ކުޅުނު އަސަދުﷲ އާއި ފޭދޫ އިއްބެ އަދި ހަމްޒާ މުހައްމަދުގެ ބަދަލުގައި މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި މޫސާ ޔާމީން އަދި ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ކުޅެން އަރުވައިފަ އެވެ. ފިޒިކަލް ފުޓްބޯޅައެއް ކުޅެމުންދިޔަ އަބަހާނީގެ ކުޅުންތެރިންނާއި މާޒިޔާގެ ކުޅުންތެރިންނާ ދެމެދު މެޗުގެ އިތުރު ވަގުތުގައި ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. ހަމަނުޖެހުން ފެށުނީ އަބަހާނީގެ ކުޅުންތެރިއަކު ބޯޅަ އެއްލަން ދިޔަ ވަގުތު މާޒިޔާގެ ކޯޗުގެ ގައިގައި ޖެހުމުންނެވެ. އެވަގުތު އަބަހާނީގެ ބެންޗުގައި ތިބި އޮފިޝަލުންނާއި މެނޭޖަރު އަދި ކުޅުންތެރިން ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި މާޒިޔާގެ ބެންޗާ ދިމާއަށް ގޮސްފަ އެވެ. ހަމަނުޖެހުމުގެ ތެރެއިން ކުޅުން މިނެޓެއް ހާއިރަށް ހުއްޓާލަން ވެސް ޖެހުނެވެ. އަދި، އެވަގުތު ރެފްރީ ވަނީ މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ބެންޗުން ބޭރުކޮށްފަ އެވެ.
މެޗު އެއްވަރުވިއިރު މާޒިޔާއިން ވަނީ އަބަހާނީގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް މިޑްފީލްޑަރު އަހުމަދު އިރުފާން (އިރޭ) އާއި ޑިފެންސުގައި ތިބި ކުޅުންތެރިންގެ ފަރާތުން މިއަދު ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.
މާޒިޔާއިން ވާދަކުރާ ޕްލޭއޮފްގެ ފުރަތަމަ ލެގްގެ މެޗު މި މަހުގެ 20 ވަނަ ދުވަހު ކުޅޭއިރު ދެ ވަނަ ލެގްގެ މެޗު އޮންނާނީ ފެބްރުއަރީ 26 ވަނަ ދުވަހު އެވެ. ޕްލޭއޮފްގައި ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިފި ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ހިމެނޭނީ ރާއްޖޭގެ ޓީސީއާ އެއް ގްރޫޕެއްގަ އެވެ.