މިދިޔަ ހަފްތާ ސްޕެނިޝް ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑާއި ބާސެލޯނާ ކެޓިނަމަވެސް، ލީގުގައި ރޭ ކުޅުނު މެޗުތަކުން އެ ދެޓީމު މޮޅުވެއްޖެ އެވެ. ރެއާލުން ރޭ ރަށުން ބޭރުގައި 4-1 އިން އޮސަސޫނާ ބަލިކުރިއިރު ބާސެލޯނާއިން ވަނީ ރޭ ދަންވަރު ކުޅުނު މެޗުގައި 3-2 އިން ރެއާލް ބެޓިސް ބަލިކޮށްފަ އެވެ.
ރެއާލުން ރޭގެ މެޗު ކާމިޔާބުކުރީ 14 ވަނަ މިނެޓުގައި އޮސަސޫނާގެ އުނާއި ގާސިއާ ގޯލެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގައި ރެއާލަށް ގާތްގާތުގައި ގޯލުތައް ޖަހައިދިނީ އިސްކޯ އާއި ސާޖިއޯ ރާމޯސް އެވެ. މިއީ މި ސީޒަނުގައި ރާމޯސް ޖެހި ހަ ވަނަ ގޯލެވެ. އޭނާ ވަނީ ރެއާލަށް ބަދަލުވުމަށް ފަހު ހުރިހާ މުބާރާތެއްގައި އެ ކްލަބަށް 90 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ފަހުކޮޅު ރެއާލަށް ލީޑު ފުޅާކޮށްދިން ގޯލުތައް ޖަހައިދިނީ ލޫކަސް ވަޒްކޭޒާއި ލޫކާ ޔޮވިޗް އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ގިނަ ދުވަސްތަކަކަށް ފަހު ގަރެތު ބޭލް ހިމަނައިފަ އެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ކޮޕަ ޑެލް ރޭގެ މެޗުގައި ބޭލް އަށް އަނިޔާވިއިރު އޭގެފަހުން ރެއާލުން ކުޅުނު ފަސް މެޗުން ވެސް އޭނާއަށް ފުރުސަތެއް ނުލިބެ އެވެ. އެކަމަކު މިދިޔަ ތިން ހަފްތާ ބޭލް ހުރީ ފިޓުކޮށެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ބޭލް ވަނީ ރޭ 70 މިނެޓު ކުޅެފަ އެވެ.
ބާސެލޯނާއިން ބެޓިސް ބަލިކުރި މެޗުގައި އެޓީމުގެ ތިން ގޯލު ވެސް ޖެހީ ކެޕްޓަން ލިއޮނަލް މެސީގެ އެހީތެރިކަމާއެކު އެވެ. ރޭގެ މެޗުގައި ބެޓިސް އިން ވަނީ ދެ ފަހަރު ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ހަ ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޖިއޯ ކެނާލެސް އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މެސީގެ އެހީތެރިކަމާއެކު ފްރޭންކީ ޑި ޔޮން ވަނީ ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ބެޓިސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ މި ސީޒަނުގައި އެޓީމަށް ބަދަލުވި ފްރާންސްގެ ނަބިލް ފެކީރް ޖެހި ގޯލުންނެވެ. އެކަމަކު ސާޖިއޯ ބުސްކެޓްސް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން 2-2 އަށް ނަތީޖާ ބަދަލުކޮށްލައިފަ އެވެ. ބާސެލޯނާ މެޗުން މޮޅުވި ގޯލު މެސީ ނަގައިދިން ހިލޭ ޖެހުމަކުން ބޮލުން ޖަހައި ވައްދާލީ ޑިފެންޑަރު ކްލަމެންޓް ލެންގްލޭ އެވެ.
ލެންގްލޭ ގޯލު ޖެހިތާ ހަތަރު މިނެޓު ފަހުން ބެޓިސްގެ ފެކީރް އަށް ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފަ އެވެ. އަދި، މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާ މޮޅުވި ގޯލު ޖަހައިދިން ލެންގޭއަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ދެ ވަނަ ރީނދޫ ކާޑާއެކު ލެންގްލޭ ދަނޑުން ބޭރުކުރި ނަމަވެސް މެޗުގެ ބާކީގައި ބާސެލޯނާއިން ވަނީ ލީޑު ހިފަހައްޓައިފަ އެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް 52 ޕޮއިންޓާއެކު އޮތްއިރު ބާސެލޯނާ ދެ ވަނައިގައި އޮތީ 49 ޕޮއިންޓާއެކު އެވެ. 42 ޕޮއިންޓާއެކު ގެޓާފޭ ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 39 ޕޮއިންޓެވެ.