ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމާވާން ގާތްގަނޑަކަށް ނުވަ މަސް ދުވަސް ބާކީ އޮއްވައި އިންތިހާބު ބާއްވަން ނިންމީ ދިވެހި ފުޓްބޯޅައަށް ރަނގަޅަކަށް ކަމަށް އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
2016 ވަނަ އަހަރު އިންތިހާބުކުރި އެފްއޭއެމްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހު އެވެ. އެހެން ކަމަށްވިޔަސް ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އިންތިހާބު ބާއްވަން މިދިޔަ ހަފްތާގެ ތެރޭގައި އެކްސްކޯގެ ރުހުމާއެކު ބައްސާމް ވަނީ ނިންމަވައި އެކަން އިއުލާންކުރައްވައިފަ އެވެ. “ފަހުމިނެޓް” އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ އިންތިހާބު ބާއްވާން މިހާރު ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ އިންތިހާބު ބާއްވަން ނިންމެވީ ދިވެހި ފުޓްބޯޅައިގެ މިހާރުގެ ހާލަތަށް ބަލައި މިވަގުތަކީ އެކަން ކުރަން އެންމެ ރަގަޅު ވަގުތު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
“އަޅުގަނޑަށް ވެސް ވަރަށް ފަސޭހަ އަޅުގަނޑުގެ ދައުރު ނިމެން ވަރަށް ކައިރިވެފަ އޮއްވަ އިންތިހާބަކަށް ގޮވާލުން. އެކަމަކު އަޅުގަނޑުގެ ވިސްނުމަކަށް އައީ ފެށެން އޮތް ސީޒަންވެސް އެބައޮތް ޖޫން ތެރޭގަ. ހަމަ އެއާއެކީގަ އަޅުގަނޑުމެން އޭޝިއަން ކަޕަށް ކޮލިފައިވުމަށްޓަކައި ހަމަ ވަރަށް މުހިއްމު ތިން މެޗެއް އޭގެ ކުރީގަ ކުރިއަށް އެބައޮތް. އެހެންވީމަ މިހުރިހާ ކަމަކަށް ބަލާފަ އަޅުގަނޑަށް ވިސްނުނީ އަދި ހަމަ އެއާއެކީގަ ވަރަށް މަދު ބަޔަކު ނަމަވެސް ސޯޝަލް މީޑިއާގަ ފާޑު ކިޔާކަމަށް އަޅުގަނޑަށް ހަބަރު ލިބޭ. އަޅުގަނޑެއް ދެކެނީއެއް ނޫން. އެހެންވީމަ މިހުރިހާ ކަމަކަށް ބަލާފަ އަޅުގަނޑު ހިތައް އެރީ މި އިތުބާރު ބޮޑުކުރީމައޭ އަދި ހަމަ އެއާ އެކީގަ މިދެންނެވި މުހިއްމު ތިން މެޗަށް ދާއިރުގަ އެފްއޭއެމްގެ މެނޭޖްމަންޓްގެ ސްޓެބިލިޓީ އެބަ އަންނަންޖެހެއޭ. ސްޓޭބަލްވެފައޭ އޮންނަންވާނީ. އެހެންވެއްޖެ ކަމަށް ވަންޏާ މިއީ ކަންނޭނގެއޭ އެންމެ ރަގަޅު ދަނޑިވަޅަކީ އެފްއޭއެމްގެ އިންތިހާބެއް ބާއްވައި އަދި އެކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ކުރިމަތިލައިގެން އެންމެ ގިނަ ވޯޓް ލިބޭ ބަޔަކު އެ މަގާމްތަކަށް އައިސް އެ މެޗްތަކުގެ ކުރިން އެފްއޭއެމާއި ހަވާލުވެ އެފްއޭއެމްގެ ކަންކަމުގައި އުޅުން. އެހެންވީމަ މިއީ ކަންނޭނގެ އަޅުގަނޑަށް ހީވަނީ މިކަމަށް އެންމެ ރަގަޅު ދަނޑިވަޅަކީ.” އިންތިހާބު އަވސްކުރަން ނިންމި ސަބަބު ވަރަށް ތަފްސީލްކޮށް ބައްސާމް ވިދާޅުވެދެއްވި އެވެ.
އެފްއޭއެމްގެ އިންތިހާބް އަންނަ މަހު ބާއްވާނެ ކަން އިއުލާންކޮށްފައިވީ ނަމަވެސް އަދި މިހާތަނަށް އެ އިންތިހާބުގައި ވާދަކުރައްވާނެކަން އެއްވެސް ފަރާތަކުން އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މިހާރުގެ ރައީސް ބައްސާމަށް ދެ ވަނަ ދައުރެއް ދޭން ތާއީދުކުރާކަން މިވަގުތު އެއް ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ އެންމެ ވަރުގަދަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބަގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ ހާމަކޮށްފަ އެވެ.