ފުރަތަމަ ސަފްޙާ / ޚަބަރު / ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއް ވަނަ އަށް

ފަހަތުން އަރައި މިލާން ބަލިކޮށް އިންޓަ އެއް ވަނަ އަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 13 ފެބްރުއަރީ 2020

އޭސީ މިލާން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުން މޮޅުވެ އިންޓަ މިލާން އިޓަލީ ލީގުގެ އެއް ވަނަ މަގާމަށް އަރައިފި އެވެ. ރޭ ކުޅުނު ވާދަވެރި ޑާބީ މެޗު އިންޓަ އިން ކާމިޔާބުކުރީ 4-2 އިންނެވެ.
ރޭގެ މޮޅާއެކު އިންޓަ އާއި ޔުވެންޓަސް އަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. އިންޓަ އޮތީ ޔުވެންޓަސް އަށް ވުރެ ފައިދާ ހަތް ގޯލު ކުރީގަ އެވެ. ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ވެލަސް ވެރޯނާއާ ވާދަކުރި މެޗުން 2-1 އިން ޔުވެންޓަސް ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން ރޭ ރަށުން ބޭރުގައި 1-0 އިން ޕާމާ ބަލިކޮށް ލާޒިއޯ ވަނީ 53 ޕޮއިންޓް ހޯދައި ޔުވެންޓަސްއާ ޕޮއިންޓަކާ ގާތަށް ޖެހިލާފަ އެވެ. އިޓަލީ ލީގުގައި ކޮންމެ ޓީމަކުން 23 މެޗު ކުޅެފައިވާއިރު ޔުވެންޓަސް އާއި އިންޓަގެ ފަހަތުން ލާޒިއޯ ވެސް މިފަހަރުގެ ލީގަށް ވާދަކުރާނެކަމަށް ބެލެވެ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 16 މެޗުން ވެސް އިންޓަ ބަލިވެފައިނުވާއިރު ކުރިއަށް އޮތީ ނަޕޯލީ އާއި ލާޒިއޯއާ ދެކޮޅަށް ނުކުންނަ މެޗުތަކެވެ. ނަޕޯލީއާ ދެކޮޅަށް މި ބުދަ ދުވަހު ނުކުންނައިރު ލާޒިއޯއާ ދެކޮޅަށް އިންޓަ ނުކުންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.
މެޗަށް ފަހު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ލީގު ހޯދަން ކުރާ މަސައްކަތުގައި އެޓީމަށް ދެންއޮތީ އުނދަގޫ މެޗުތަކެއް ކަމަށެވެ.
“ލީގު ހޯދުމުގެ ހުވަފެން އަހަރެމެންގެ އެބައޮތް. ކުރިއަށް އޮތީ ވަރަށް ޕްރެޝަރު މެޗުތަކެއް. އޭގެ ފަހުން އަހަރެމެންނަށް އެނގޭނެ ތަށި ހޯދުމުގެ ފުރުސަތު އޮންނަ ވަރު” އިނގިރޭސި ކްލަބް ޗެލްސީއާ އެކު ފުރަތަމަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކުރި ކޮންޓޭ ރޭގެ މެޗަށް ފަހު ބުންޏެވެ.
މެޗުގައި އިންޓަ އިން ގޯލުތައް ޖެހީ ފުރަތަމަ ހާފުގައި މިލާނުން ދެ ގޯލު ކުރީގައި އޮއްވައި ދެ ވަނަ ހާފުގައި ދެއްކި މޮޅު ކުޅުމާއެކު އެވެ. ފުރަތަމަ ހާފުގައި މިލާންގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަންޓޭ ރެބިޗް އާއި 38 އަހަރުގެ ޒަލަޓަން އިބްރަހިމޮވިޗެވެ. އިންޓަ އިން ނަތީޖާ އަނބުރާލި ގޯލުތައް ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗާއި މަޓިއަސް ވެސީނޯ އަދި ސްޓެފަން ޑި ވާޖް އާއި ރޮމެލޫ ލުކާކޫ އެވެ.
ރޭގެ މެޗުން ބަލިވި މިލާން އޮތީ މިހާރު ލީގު ތާވާލުގެ 10 ވަނައިގަ އެވެ. ކުރިން އިންޓަ އަށް ކޯޗުކޮށްދިން ސްޓެފާނޯ ޕިއޯލީގެ އިރުޝާދުގެ ދަށުން މިލާނުން އައީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ރޭގެ މެޗަކީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އެކަމަކު މެޗުގައި ލީޑުގައި އޮވެފައި އެޓީމަށް ތިން ޕޮއިންޓް ނުލިބުނީ ދެ ވަނަ ހާފުގައި ފެނުނު ދަށް ކުޅުމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!