ފުރަތަމަ ސަފްޙާ / ޚަބަރު / އުމެއިރު ވެސް ގައުމީ ސްކޮޑަށް އިތުރުކޮށްފި

އުމެއިރު ވެސް ގައުމީ ސްކޮޑަށް އިތުރުކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 9 ފެބްރުއަރީ 2020

މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސް ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އުމެއިރު ވެސް ގައުމީ ޓީމުގައި ހިމަނައިފި އެވެ. އުމެއިރުގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓުން މިއަދު ވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ އިޝާން އިބްރާހީމް (ސައްޓު) އާއި އިސްމާއީލް އީސާ (މެސީ) ވެސް ގައުމީ ސްކޮޑުގައި ހިމަނައިފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ގްރީން ސްޓްރީޓްސް ފުރުސަތު ހޯދިއިރު އުމެއިރު އަކީ އެޓީމުގެ އެއްމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވުމުން މިހާރު ގްރީން ސްޓްރީޓްސްގެ ކެޕްޓަންކަން ކުރަނީ ވެސް އުމެއިރު އެވެ. ލީގުގައި ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި އުމެއިރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

އުމެއިރު އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނުނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު ރާއްޖޭން ކާމިޔާބުކުރި ސާފް ސުޒުކީ ކަޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ނަމަވެސް އޭނާ ފައިނަލް ސްކޮޑުން ފުރުސަތެއް ނުލިބުނެވެ. އޭރު މައުލޫމާތު ލިބުނީ އުމެއިރު ޓީމުން ބާކީކުރީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު ކުރީގެ ކޯޗު ޕީޓަ ސެގާޓް އޭގެފަހުން އުމެއިރު އަށް ފުރުސަތުދީފައެއްނުވެ އެވެ.

ތިން ކުޅުންތެރިއަކު މިއަދު ޓީމަށް އިތުރުކުރިއިރު ޓީމުގެ ފުރަތަމަ ފަރިތަކުރުން މިއަދު ވަނީ ބާއްވައިފަ އެވެ. އެކަމަކު ފޯމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ނުދީ ޓީމު އެކުލަވާލުމުން ސަޕޯޓަރުންގެ ފާޑުކިއުން މިފަހަރު ވެސް އެފްއޭއެމް އަށާއި އާ ކޯޗު މާޓިން ކޫޕްމަން އަށް އަމާޒުވި އެވެ.

ފުރަތަމަ އެކުލަވާލި ޓީމުން އަލަށް ފުރުސަތު ދިނީ ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އާއި ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު އަށް ކޯޗު ވަނީ ފުރުސަތުދީފަ އެވެ. އަހުނަފަކީ ދެ ވަނަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ.

ޓީމަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް ދިނީ ރޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި އަލީ ސުޒޭން އެވެ. ރޭގެ ޕްރެސްގައި ސުޒޭން ބުނީ މިހާރު ސްކޮޑް ނަގާފައި އޮތީ ކުރީގެ ޓީމަށް ބަލައިގެން ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ޓީމަށް ކުޅުންތެރިން ނަގާއިރު ކޯޗަށް ލަފާ އަރުވާނެ ކަމަށެވެ. އަދި، މިހާރުގެ ޓީމަށް ކުޑަ ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެއް ސުޒޭން ރޭ ވަނީ ދީފަ އެވެ.

“މި ސްކޮޑް އެކުލަވާލުމުގަ ކުރީގަ އޮތް ސްކޮޑަށް ވަރަށް ބޮޑަށް ޑިޕެންޑްވެފަ މި އޮތީ. ދެން ފަހުން ފާހަގަކުރިހެން ކޯޗުންނަށް ގިނަ މެޗްތަކެއް ބަލާލުމުގެ ފުރުސަތު ނުލިބުމާ އަދި ކުއްލިއަކަށް އެހެން ކުޅުންތެރިޔަކު ދެ ދުވަހު ކުޅެލާތަން ބަލާލާފަ ސްކޮޑެއް ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ކުރިން އޮތް ސްކޮޑަށް ވަރަށް ބޮޑަށް ބިނާވެގެން މިހާރުގެ ސްކޮޑް އިއުލާންކޮށްފަ މިއޮތީ. އެހެންވީމަ އެއީކީ އެއްވެސް މައްސަލައެއް ނޫން. ދެން ހުރެދާނެ ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކުވެސް މީގަ ނުހިމެނި. އެކަމަކު ކުރިއަށް އޮތް ތަނުގަ މިކަންވެސް ކުރެވިގެންދާނީ މިއަށްވުރެ ރަގަޅަށް. ފުޓްބޯޅަ އާއިލާގެ އިތުބާރު ލިބޭ ގޮތަކަށޭ އަޅުގަނޑު ދަންނަވާނީ.” ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

އަލަށް ޓީމުގައި ހިމެނި ތިން ކުޅުންތެރިން މާދަމާ އޮންނަ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!