އިޓަލީ ލީގުގައި ޔުވެންޓަސް އަށް ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޭ ލިބުނު ނަމަވެސް، ރަށުން ބޭރުގައި ހެލަސް ވެރޯނާއާ ވާދަކުރި މެޗުން 2-1 އިން އެޓީމު ބަލިވެއްޖެ އެވެ.
ޔުވެންޓަސް ބަލިވިއިރު ރޭ އެޓީމުގެ ހަމައެކަނި ލަނޑު ޕައޮލޯ ޑިބާލާގެ އެހީތެރިކަމާ އެކު ޖެހީ ރޮނާލްޑޯ އެވެ. ލީގުގެ 10 މެޗުގައި ޖެހިޖެހިގެން ރޮނާލްޑޯ ލަނޑު ޖެހުމާއެކު އެނާ ވަނީ ޑޭވިޑް ޓްރެޒެގޭ ކުރިން ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ. ޓްރެޒެގޭ ވަނީ ލީގުގައި ޖެހިޖެހިގެން ނުވަ މެޗުގައި ޔުވެންޓަސް އަށް ލަނޑު ޖަހައިދީފަ އެވެ.
ރޭގެ ގޯލާއެކު އިޓަލީ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހުމުގެ ރެކޯޑާ ހަމަކުރަން ރޮނާލްޑޯ އަށް ވަނީ ފުރުސަތު ލިބިފަ އެވެ. ލީގުގައި ދެން ކުޅޭ މެޗުގައި ރޮނާލްޑޯ ގޯލު ޖަހައިފި ނަމަ ސަމްޕްޑޯރިއާގެ ފަބިއޯ ކުއަލިއެރެއްލާ އާއި ގެބްރިއަލް ބަޓިސްޓޫޓާ ލީގުގައި ހަދާފައިވާ 11 މެޗުގެ ރެކޯޑާ އެއްވަރުވާނެ އެވެ. ކުއަލިއެރެއްލާ މިދިޔަ ސީޒަނުގައި ޖެހިޖެހިގެން 11 މެޗުގައި ގޯލު ޖެހިއިރު އާޖެންޓީނާގެ ކުރީގެ މަޝްހޫރު ތަރި ބަޓިސްޓޫޓާ މި ރެކޯޑް ހެދީ 95-1994 ވަނަ ސީޒަނުގަ އެވެ.
މިދިޔަ ބުދަ ދުވަހު 35 އަހަރު ފުރުނު ރޮނާލްޑޯ މިހާރު ވަނީ ލީގުގައި ކުޅުނު 20 މެޗުން 20 ގޯލު ޖަހައިފަ އެވެ. އޭގެތެރެއިން 15 ގޯލު ރޮނާލްޑޯ ޖެހީ އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗުގަ އެވެ. ސީޒަނުގައި ކްލަބާއި ގައުމަށް ކުޅުނު 34 މެޗުގައި ރޮނާލްޑޯ ވަނީ މިހާތަނަށް 34 ގޯލު ޖަހައިފަ އެވެ.
65 ވަނަ މިނެޓުގައި ރޮނާލްޑޯގެ ގޯލުން ޔުވެންޓަސް ކުރީގައި އޮއްވައި ވެރޯނާއިން ނަތީޖާ އަނބުރާލީ 78 ވަނަ މިނެޓާއި 86 ވަނަ މިނެޓުގައި ޖެހި ގޯލުތަކުންނެވެ. ވެރޯނާގެ ފުރަތަމަ ގޯލު ލިވަޕޫލްގެ ކުރީގެ ފޯވާޑް ފަބިއޯ ބޮރިނީ ޖެހިއިރު ލިބުނު ޕެނަލްޓީއަކުން މޮޅުވި ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ގިއޮމްޕައޮލޯ ޕަޒީނީ އެވެ. މިއީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޔުވެންޓަސް ބަލިވުމުން ލީގުގައި މިރޭ އޭސީ މިލާން ބަލިކޮށްގެން ފައިދާ ގޯލުގެ ތަފާތުން އެއް ވަނަ އަށް އެރުމުގެ ފުރުސަތު އިންޓަ މިލާނަށް ވަނީ ލިބިފަ އެވެ. އެއް ވަނައިގައި 54 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު އިންޓަ އޮތީ 51 ޕޮއިންޓުގަ އެވެ. އަދި ތިން ވަނައިގައި 50 ޕޮއިންޓާ އެކު އޮތް ލާޒިއޯ މިރޭ ރަށުން ބޭރުގައި ޕާމާ ބަލިކޮށްގެން ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކުރެވޭނެ އެވެ. ރޭ ޔުވެންޓަސް އަތުން މޮޅުވި ވެރޯނާ މިހާރު ވަނީ 34 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.
ލީގުގައި މިރޭ މިލާން ޑާބީ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދަމު 12:45 ގަ އެވެ.