ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން މިހާރު އެކުލަވާފައިވާ ސްކޮޑުގައި، މޮޅަށް ކުޅޭ ބައެއް ކުޅުންތެރިން ނުހިމެނި ހުރެދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަ އާއިލާ އިން ހިތްހަމަޖެހޭ ވަރުގެ ސްކޮޑެއް އެކުލަވާލަން މަސައްކަތްކުރާނެ ކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަމުގެ މަގާމާއި ރޭ ހަވާލުވި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސުޒޭން ތައާރަފްކުރުމަށް ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ފަހުމިނެޓް” އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސްއަށް އިރުޝާދު ދިން ކޯޗް ބުނެފައިވަނީ މިހާރު އެކުލަވާލައިފައިވާ ސްކޮޑާއި ބެހޭގޮތުންވެސް ކޯޗާއި މަޝްވަރާކުރާނެ ކަމަށާއި އެހެން ނަމަވެސް މިހާރު އޮތް ސްކޮޑަށް މާ ބޮޑު ބަދަލުތަކެއް އައުމަކީ ދުރު ކަމެއް ކަމަށެވެ.
“މިހާރު މިއޮތް ސްކޮޑާ ގުޅޭގޮތުންވެސް ކޯޗަށް ދޭންވާ ހުރިހާ މަޝްވަރާއެއް ދޭނަން. ތިޔަ ފާހަގަކުރެއްވިހެން ފާޑުކިޔުންތައް އަމާޒު ނުވާނެ، ވީހާވެސް ފުޓްބޯޅަ އާއިލާގެ އަދި ހާއްސަކޮށް މީޑިއާގެ އިތުބާރު ލިބޭނެ ކަހަލަ ސްކޮޑެއް އެކުލަވާލުމުގައި ކޯޗަށް އެހީތެރިކަން ދިނުން އެއީ އެންމެ ބޮޑަށް ވިސްނާނެ އެއް ކަންތައް ގައުމީ ޓީމު އެކުލަވާލާއިރުގަ. އެ އެހީތެރިކަން ހަމަގައިމުވެސް ފޯރުކޮށްދެވޭނެ. މިހާރު އޮތް ސްކޮޑަކަށް މާބޮޑު ބަދަލެއް ނާންނާނެ. ދެން ޓްރެއިނިން ތަކާއި އެކުދިންގެ ޕާފޯމެންސް އާ ކޯޗް ބޭނުންވާ ކަންތައްތައް އެކުދިންގެ ހުރި ކަމަށް ވަންޏާ އެ ހުރި ކުދިން ހަމަގައިމުވެސް ހިމެނިގެންދާނީ. ދެން ކުރިއަށް އޮތް ތަނުގަ ސްކޮޑެއް އެކުލަވާލާއިރުގަ ކޮންމެވެސް ވަރަކަށް އަޅުގަނޑުގެ ދައުރެއް އޮންނާނެ ކަމަށް ގަބޫލުކުރަނީ. އެހެންވީމަ ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގަ ހަމަ ގައިމުވެސް އަޅުގަނޑުގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކުރާނަން” 2005 ވަނަ އަހަރު ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ސުޒޭން ބުންޏެވެ.
މީގެ ކުރިން ގައުމީ ޓީމުން އަލީ އަޝްފާގް (ދަގަނޑޭ) އަށް ފުރުސަތު ނުދިން މައްސަލައިގައި އޭރުގެ ކޯޗު ޕީޓަ ސެގާޓުގެ ނިންމުމަށް ސުޒޭން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެކަމަކު ސަޕޯޓަރުންނާއި ފުޓްބޯޅަ ކޯޗުންގެ ޕްރެޝަރާއެކު ފަހުން ދަގަނޑޭ އަށް ސެގާޓް ފުރުސަތު ދިނެވެ. އެކަމަކު ސަޕޯޓަރުން އަނެއްކާވެސް ހޫނުވެގެން މިއުޅެނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މޮޅަށް ކުޅުނު ކުޅުންތެރިން ބާކީކޮށް ފޯމު ގެއްލިފައި ތިބި ބައެއް ކުޅުންތެރިންނާއެކު މިފަހަރު ގައުމީ ސްކޮޑް އެކުލަވާލުމުންނެވެ. އެކަމުގެ ނުތަނަވަސްކަން ސަޕޯޓަރުންގެ ފަރާތުން ފެންނަން ފެށީ ގައުމީ ކޯޗުކަމާ ހަވާލުވުމަށް ފަހު ޓީމުން ފުރުސަތު ދިނުމުގައި ބަލާނީ އެވަގުތަކު މޮޅަށް ކުޅޭ ކުޅުންތެރިންނަށް ކަމަށް ކޫޕްމަން ބުނުމުންނެވެ. ކޯޗު އެހެން ބުނިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ފަހުން އެކުލަވާލި ސްކޮޑުން ފެނުނީ މަދު ބަދަލުތަކެކެވެ. ލީގުގައި ތަފާތު ދެއްކި ބައެއް ކުޅުންތެރިން ތިބީ ބާކީވެފަ އެވެ.
“މި ސްކޮޑް އެކުލަވާލުމުގަ ކުރީގަ އޮތް ސްކޮޑަށް ވަރަށް ބޮޑަށް ޑިޕެންޑްވެފަ މި އޮތީ. ދެން ފަހުން ފާހަގަކުރިހެން ކޯޗުންނަށް ގިނަ މެޗްތަކެއް ބަލާލުމުގެ ފުރުސަތު ނުލިބުމާ އަދި ކުއްލިއަކަށް އެހެން ކުޅުންތެރިޔަކު ދެ ދުވަހު ކުޅެލާތަން ބަލާލާފަ ސްކޮޑެއް ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ކުރިން އޮތް ސްކޮޑަށް ވަރަށް ބޮޑަށް ބިނާވެގެން މިހާރުގެ ސްކޮޑް އިއުލާންކޮށްފަ މިއޮތީ. އެހެންވީމަ އެއީކީ އެއްވެސް މައްސަލައެއް ނޫން. ދެން ހުރެދާނެ ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކުވެސް މީގަ ނުހިމެނި. އެކަމަކު ކުރިއަށް އޮތް ތަނުގަ މިކަންވެސް ކުރެވިގެންދާނީ މިއަށްވުރެ ރަގަޅަށް. ފުޓްބޯޅަ އާއިލާގެ އިތުބާރު ލިބޭ ގޮތަކަށޭ އަޅުގަނޑު ދަންނަވާނީ.” ކުރިން ފުޓްބޯޅައިގެ ކަންކަމުގައި އެފްއޭއެމަށް އަމާޒުވާ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި ސުޒޭން ބުންޏެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ފަރާތުން އެންމެ ބޮޑަށް ސުވާލު އަމާޒުވި އެއް ކަމަކީ މީގެ ކުރިން އެފްއޭއެމަށް ރައްދުވާ ގޮތަށް އެހާ ބޮޑަށް ފާޑުކިޔަމުން އައުމަށްފަހު އެފްއޭއެމްގެ ކޯޗިން ޓީމާއި ސުޒޭން ގުޅުމެވެ. ސުޒޭން ވަނީ ރޭ އެ ސުވާލުތަކަށް ވަރަށް ތަފްސީލްކޮށް ޖަވާބުދީފަ އެވެ.
“ބައެއް ބޭފުޅުންގެ ސުވާލަކަށް ވެދާނެ ކަންނޭނގެ ކުރިން އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔޭ. އޭރުގަވެސް ފާޑުކީ ފުޓްބޯޅައިގަ ހުރި ކަންތައްތަކެއް ރަގަޅު ކުރަން. ގޯސްކުރާކަށެއް ނޫން. އޭގެ ތެރެއިން ބައެއް ކަންކަން ވަގުތުން ވަގުތަށްވެސް ރަގަޅުވި. އަނެއް ބައި ކަންތައްތައް ކޮންމެވެސް ވަރެއްގެ މުއްދަތެއް ނަގާފަ ބަދަލުތަކެއް އައި. އެހެންވީމަ އެކަން އަދިވެސް ކުރާނީ. އެއަކަށް އިތުރު އެއްވެސް ބަދަލެއް ނާދެ.” މީގެ ކުރިން ވިކްޓްރީ އަށާއި މާޒިޔާއަށްވެސް ކޯޗްކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާ އެތަނަށް ގެންނަން ޖެހޭ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. ސުޒޭން ބުނީ އޭނާއަކީ އެއްވެސް ކްލަބެއްގެ އެގްޒެކެޓިވް ބޯޑުގައި ހިމެނޭ މީހެއް ނޫންކަމަށާއި ވޯޓުލާން އޭނާގެ އެއްވެސް ކްލަބެއް ވެސް ނޯންނާނެ ކަމަށެވެ. އަދި، ފުޓްބޯޅައިގައި އެހީތެރިކަން ބޭނުންވާ އެއްވެސް ވަގުތެއްގައި ބަޔަކު މާޔޫސްކޮށްލާފައި ނުވާނެކަމަށް ސުޒޭން ބުންޏެވެ.
“އޭރުގަ ފުޓްބޯޅައިގެ ވާހަކަ ދެއްކީ ހަމަ ފުޓްބޯޅަށް ހަމަ ހެވެއް އެދިގެން. އޭރުގަ ހުރި ރޫހުގަ އަދިވެސް މިހުރީ. އެއްވެސް ބަދަލެއް ނާދޭ. މީގަ ތަފާތަކީ ތަންކޮޅެއް ކައިރިން އެކަން އިސްލާހުކުރަން ބައިވެރިވުންވެސް އޮވެގެން ކޯޗުންނަށް މަޝްވަރާދީ އެހުރި ހިޔާލުތައްދީ އެކަންކަން ކުރަން އެފުރުސަތު ލިބިގެންދިއުން. އިތުރަށް އެކަންކަން ރަގަޅުކުރަން އިތުރު ފުރުސަތެއް ލިބިގެން މިދިޔައީ. މީގެ ބޭނުން ވަރަށް ރަގަޅަށް ހިފާނަން.” ސުޒޭން އިތުރަށް ބުނެފައިވެ އެވެ.