ފުރަތަމަ ސަފްޙާ / ޚަބަރު / ދެ ވަނަ ޑިވިޝަން: ސެމީގެ ފަހު ޖާގަ ޖޭޖޭ ސްޕޯޓްސް އަށް

ދެ ވަނަ ޑިވިޝަން: ސެމީގެ ފަހު ޖާގަ ޖޭޖޭ ސްޕޯޓްސް އަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 8 ފެބްރުއަރީ 2020

މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބް 7-3 އިން ބަލިކޮށް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޖޭޖޭ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ. ގްރޫޕް އެކަކުން ޖޭޖޭ ސްޕޯޓްސް ސެމީގެ ފުރުސަތު ހޯދީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕުން އެއް ވަނަ ހޯދީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ. ގްރޫޕް ދެއަކުން ސެމީގެ ޖާގަތައް ކަށަވަރުކުރީ އެއް ވަނަ ހޯދި ކްލަބް ވެލެންސިއާ އާއި ކްލަބް ޕާކް ކަންމަތި (ޕީކޭ) އެވެ.

ނުވަ ޓީމު ވާދަކުރާ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ މިރޭ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ދިވެހި ސިފައިންގެ ކްލަބް ވާދަކުރާ މެޗެވެ. ގްރޫޕް އެކެއްގައި ހިމެނޭ މި ދެޓީމަށް ވެސް ވަނީ ސެމީއަށް ދިއުމުގެ ފުރުސަތު ބަންދުވެފަ އެވެ. ގްރޫޕް އެކެއްގެ އެއް ވަނަ ސުޕަރ ޔުނައިޓެޑުން ހޯދީ 10 ޕޮއިންޓް ކަށަވަރުކޮށްގެންނެވެ. ދެ ވަނަ ލިބުނު ޖޭޖޭ ސްޕޯޓްސް އަށް ނުވަ ޕޮއިންޓް ލިބުނުއިރު ތިން ވަނައިގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓް ލިބިފައިވާ މަހިބަދޫ އެވެ. ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު ސިފައިންގެ ކްލަބް އޮތްއިރު ފުލުގައި އޮތް 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ޕޮއިންޓެއް ނުލިބެ އެވެ.

މިއަދު މަހިބަދޫ ކޮޅަށް ޖޭޖޭ ސްޕޯޓްސް އިން ޖެހި ހަތް ގޯލުގެ ތެރެއިން ނޭޕާލުގެ ގައުމީ ޓީމުގެ ފޯވާޑް އަބީޝެކް ރިޖާލް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-1 އިން ޖޭޖޭ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ. ޖޭޖޭ ސްޕޯޓްސްގެ ފުރަތަމަ ގޯލު ރިޖާލް ޖެހިއިރު އޭގެ އިރުކޮޅެއް ފަހުން މަހިބަދޫގެ އަހުމަދު ފުއާދުގެ ގޯލުން އެޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން ޖޭޖޭ ސްޕޯޓްސް އަށް ލީޑު ނަގައިދިން ގޯލު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަހުމަދު އައިހަމް އެވެ. އައިހަމް ނަގައިދިން ހުރަހަކުން ތިން ވަނަ ގޯލު ބޮލުން ޖެހީ އަލީ ނާފިއު އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ޖޭޖޭ ސްޕޯޓްސްގެ ހަތަރު ވަނަ ގޯލު ޖެހީ އަލީ ހާފިޒް (ހާއްޕެ) އެވެ. އޭގެ މިނެޓެއް ފަހުން ފަސް ވަނަ ގޯލު ރިޖާލް ޖެހިއިރު އޭނާ ހެޓްރިކް ހެދި ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. 6-1 އިން ޖޭޖޭ ކުރީގައި އޮއްވައި މަހިބަދޫގެ އިސްމާއީލް ނަޒީރު އާއި ޝުއައިބް ސައީދުގެ ގޯލުތަކުން ފަރަގު ކުޑަކުރި އެވެ. ޖޭޖޭ ސްޕޯޓްސްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ރިޖާލް އެވެ.

ސެމީ ފައިނަލް މެޗުތައް އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ފުރަތަމަ ސެމީގައި އެދުވަހު ހަވީރު ބައްދަލުކުރާނީ ސުޕަރ ޔުނައިޓެޑާއި ކްލަބް ޕީކޭ އެވެ. ދެ ވަނަ ސެމީގައި އެރޭ ވާދަކުރާނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ވެލެންސިއާ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހު އެވެ.
ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ޖޫން މަހު ފަށާ ފުޓްބޯޅަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. 2018 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިވިޝަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސްގެ މައްޗަށް ކުރިހޯދީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!