ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަސައްކަތްކުރާކަމުގެ މައުލޫމާތު “ފަހުމިނެޓް” އަށް އިތުބާރުހުރި ގޮތަކަށް އެނގިއްޖެ އެވެ. ސުޒޭން މިދިޔަ ދެ އަހަރު ކޯޗުކޮށްދިން ކްލަބް ގްރީން ސްޓްރީޓްސް އިން ވަނީ އޭނާގެ އެއްބަސްވުން މިދިޔަ ބުރާސްފަތި ދުވަހު އުވާލައިފަ އެވެ. ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ބާކީ އޮއްވައި އެއްބަސްވުން އުވާލީ ސުޒޭނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ގްރީން ސްޓްރީޓްސް އިން ވަނީ ބުނެފަ އެވެ.
ސުޒޭން އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސިކަމުގެ އެއްވެސް މައުލޫމާތެއް އެފްއޭއެމުން އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ. ގައުމީ ޓީމުތަކަށް ހަމަޖައްސާ ކޯޗުންނާއި ނަގާ ކުޅުންތެރިންގެ މައުލޫމާތު އެފްއޭއެމުން ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން މީޑިއާ ހާމަނުކުރާތީއާ އެކު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖެއްސުމާ ގުޅޭގޮތުން މިނޫހުގެ ފަރާތުން އެފްއޭއެމުން މައުލޫމާތު ސާފުކޮށްފައެއްނުވާނެ އެވެ.
ސުޒޭން އެމަގާމަށް ހަމަޖައްސައިފި ނަމަ ގައުމީ ޓީމުގައި ދެ އެސިސްޓެންޓް ކޯޗުން ތިބޭނެ އެވެ. އާ ކޯޗު މާޓީން ކޫޕްމަންއާ އެކު އެސިސްޓެންޓް ކޯޗަކަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަމަޖެއްސީ ނެދަލެންޑްސްގެ ރެނޭ ހިޑިންކް އެވެ. ރެނޭ އަކީ ދުނިޔޭގެ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ އެކެވެ.
ގައުމީ ޓީމުގައި މީގެ ކުރިން ވެސް އެސިސްޓެންޓުންގެ ގޮތުގައި ދެ ކޯޗުން ވަނީ މަސައްކަތްކޮށްފަ އެވެ. ސުޒޭނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުތަކުގަޔާއި އެފްއޭއެމްގައި މަސައްކަތްކޮށްފަ އެވެ. ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. އޭގެ ފަހުން ސުޒޭން ވަނީ އެފްއޭއެމްގައި ވެސް މަސައްކަތްކޮށްފަ އެވެ.
ކޯޗިން ކެރިއަރުގެ ކުރީކޮޅު އަތޮޅުތެރޭގެ ޓީމުތަކުން ވެސް ފެނުނު ސުޒޭން ވަނީ ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ އާއި މާޒިޔާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ދެޓީމުގައި ވެސް ސުޒޭން ވަނީ ދިވެހި ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، މާޒިޔާއާ އެކު 2015 އަދި 2016 ވަނަ އަހަރު ޗެރިޓީ ޝީލްޑް ސުޒޭން ކާމިޔާބުކުރި އެވެ. 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ސުޒޭން ފުރުސަތު ހޯދައިދިނެވެ.
ސުޒޭނަކީ ފުޓްބޯޅައިގެ ކަންކަމުގައި ޖެހިލުމެއް ނެތި އަބަދުވެސް ބިނާކުރަނިވި ފާޑުކިޔާ ކޯޗެކެވެ. އޭނާ އަބަދުވެސް ބުނަމުން ދަނީ ފާޑުކިޔަނީ ފުޓްބޯޅައަށް ރަނގަޅަކަށް ކަމަށާއި، ކޮންމެ މީހަކު ވެސް ފުޓްބޯޅައަށް ރަނގަޅަށް މަސައްކަތްކުރާނަމަ މަގްސަދު ހާސިލްވީ ކަމަށެވެ. ކޮންމެއަކަސް ސުޒޭން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސައިފި ނަމަ އެއީ ދިވެހި ތަޖުރިބާކާރު ކޯޗެއްގެ އެހީއާއެކު ކުޅުންތެރިންނަށް ލިބިގެންދާނެ ކުރިއެރުމެކެވެ.