ފުރަތަމަ ސަފްޙާ / ޚަބަރު / ސުޒޭންގެ އެއްބަސްވުން ގްރީން ސްޓްރީޓްސް އިން އުވާލައިފި

ސުޒޭންގެ އެއްބަސްވުން ގްރީން ސްޓްރީޓްސް އިން އުވާލައިފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 6 ފެބްރުއަރީ 2020

ދެފަރާތް އެއްބަސްވެ ރާއްޖޭގެ ކާމިޔާބު ކޯޗު އަލީ ސުޒޭނާ އެކު ކްލަބް ގްރީން ސްޓްރީޓްސް އިން ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފި އެވެ. ސުޒޭންގެ އެއްބަސްވުން ކްލަބުން އުވާލިއިރު ސީޒަނުގައި ބާކީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެބައޮތެވެ.

ސުޒޭނާ އެކު ގްރީން ސްޓްރީޓްސް އިން ހަދާފައިވާ އެއްބަސްވުން އުވާލާފައިވާކަން އެ ކްލަބުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ވަނީ މިދިޔަ ދެއަހަރުތެރޭ ސުޒޭން އެ ކްލަބަށް ގެނެސްދިން ކުރިއެރުން ފާހަގަކޮށްފަ އެވެ. އަދި، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް އެޓީމު ގެންގޮސްދީ މިދިޔަ ދެއަހަރު ދުވަހުގެތެރޭގައި ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމާއި ކުޅިވަރުގެ އަހުލާގް ދެމެހެއްޓިކަން ފާހަގަކޮށް ސުޒޭނަށް އެ ކްލަބުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
https://www.facebook.com/ClubGreenStreets/photos/a.696260293743289/2669366533099312/?type=3
ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ ސުޒޭން ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ ތިން ވަނަ ދުވަހު އެވެ. ގްރީން ސްޓްރީޓްސްއާ އެކު ސުޒޭން އެންމެ ފުރަތަމަ ނުކުތީ 2018 ވަނަ އަހަރުގެ މާލޭ ލީގަށެވެ. މާލޭ ލީގުގައި ކުޅުނު 14 މެޗުން ލިބުނު 14 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް އަށް ލިބުނީ އަށް ޓީމު ވާދަކުރި ލީގުގެ ހަ ވަނަ އެވެ. އެކަމަކު އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ނަތީޖާތައް ރަނގަޅުކޮށް ސުޒޭން ވަނީ 10 ޓީމު ވާދަކުރި ލީގުގެ ހަ ވަނަ ގްރީން ސްޓްރީޓްސް އިން ހޯދި އެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ވަނީ 16 މެޗުން 26 ޕޮއިންޓް ހޯދައިފަ އެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 21 މެޗުން 29 ޕޮއިންޓް ހޯދައި އެޓީމު ނިންމާލީ ހަތަރު ވަނައިގަ އެވެ. ގަދަ ހަތަރެއްގައި ހިމެނުމުން ގްރީން ސްޓްރީޓްސް ވަނީ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވެފަ އެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ގްރީން ސްޓްރީޓްސް ކުޅުނު 51 މެޗުގެ ތެރެއިން އެޓީމު މޮޅުވީ 19 މެޗުންނެވެ. 12 މެޗުން އެއްވަރުވިއިރު 20 މެޗުން ވަނީ ބަލިވެފަ އެވެ. 51 މެޗުގައި 110 ލަނޑު ޖެހިއިރު އެޓީމު ކޮޅަށް ވަނީ 102 ގޯލު ވަދެފަ އެވެ.

ސުޒޭން ގްރީން ސްޓްރީޓްސްގެ ބެންޗުގައި. އެ ކްލަބުން ވަނީ ސުޒޭން ކޮށްދިން ހިދުމަތަށް ޝުކުރުއަދާކޮށްފަ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ސުޒޭނާ އެކު ގްރީން ސްޓްރީޓްސް މި ސީޒަނާ ކުރިމަތިލީ ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި ލީގަށް އަމާޒުހިފައިގެންނެވެ. އެކަމަކު ގިނަ ޓީމުތަކަށް ދިމާވި މާލީ މައްސަލަތައް ގްރީން ސްޓްރީޓްސް އަށް ވެސް މި ސީޒަނުގައި ކުރިމަތިވި އެވެ. އަދި، ލީގުގެ ތިން ވަނަ ބުރުގެ ކުރިން އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކްލަބް ބަދަލުކުރުމުން ނަތީޖާތައް އިތުރަށް ދަށްވި އެވެ. ލީގުގެ ފަހު ބުރުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމަށް މޮޅެއް ލިބުނީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުންނެވެ. އެޓީމުގެ ކެޕްޓަންކަން މި ސީޒަނުގައި ކުރި އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ލީގުގެ ދެ ވަނަ ބުރަށް ފަހު ގްރީން ސްޓްރީޓްސް ދޫކޮށް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފަ އެވެ.

ސުޒޭން އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗެވެ. ކުރިން ވެލެންސިއާ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ފުޓްބޯޅަ ކުޅުނު ސުޒޭން ކޯޗިން ކެރިއަރު ދެހާހުގެ ކުރީކޮޅު ފެށީ ވިކްޓްރީންނެވެ. އެޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވެ ސުޒޭން ވަނީ ދިވެހި ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. ވިކްޓްރީގެ އިތުރުން ސުޒޭން ވަނީ މާޒިޔާއާ އެކު 2016 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ޗެރިޓީ ޝީލްޑާއި 2014 ވަނަ އަހަރުގެ އެފްއޭ ކަޕް އަދި 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. 2017 ވަނަ އަހަރު ވިކްޓްރީ ދިވެހި ލީގަށް ކޮލިފައިނުވުމުން އެ ސީޒަނުގައި ސުޒޭން ވަނީ ގދ. ތިނަދޫ ޓީމަށް އިރުޝާދުދީފަ އެވެ. ދިވެހި ޕްރިމިއާ ލީގުގައި ތިނަދޫ ޓީމަށް އިރުޝާދުދީ ސުޒޭން ވަނީ އެޓީމަށް ގަދަ ހަތަރަކުން ފުރުސަތު ހޯދައިދީފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!