ފުރަތަމަ ސަފްޙާ / ޚަބަރު / ގާޑިއޯލާ ރެއާލްގެ ރައީސަށް: ޑި ބްރޭނާ ހޯދަން ސީދާ މަށަށް ގުޅާ!

ގާޑިއޯލާ ރެއާލްގެ ރައީސަށް: ޑި ބްރޭނާ ހޯދަން ސީދާ މަށަށް ގުޅާ!

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 6 ފެބްރުއަރީ 2020

މެންޗެސްޓަރ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ގެންދަން ބޭނުންނަމަ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ޖެހޭނީ އޭނާއަށް ގުޅަން ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. މަޖާޒީ ގޮތަކަށް ގާޑިއޯލާ މިގޮތަށް ރައްދު ދިނީ ރެއާލުން ޑި ބްރޭނާ އަށް ޝައުގުވެރިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާތީ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގަ އެވެ.

28 އަހަރުގެ ޑި ބްރޭނާ އަކީ މިހާރު ދުނިޔޭގައި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އޭނާ ގެންދަން މީގެ ކުރިން ވެސް ތަކުރާރުކޮށް ރެއާލުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު ކުރިން ޗެލްސީ އަށް ކުޅުނު މިޑްފީލްޑަރު މިހާރު ވެފައިވަނީ ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށެވެ.

ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ރެއާލަށް ބަދަލުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ކްލަބުގެ ރައީސް ޕެރޭޒް އެވެ. މިދިޔަ ސީޒަނުގައި ރެއާލުން ގެންދިޔަ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ކުރިން ޗެލްސީއަށް ކުޅުނު އެޑެން ހަޒާޑެވެ. ހަޒާޑުގެ އިތުރުން މިހާރު ރެއާލުގެ އަމާޒަކީ ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ 20 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމެވެ.

“ޑި ބްރޭނާ ރެއާލަށް ބަދަލުވެދާނެތަ؟ އެކަން ކުރަން ބޭނުންނަމަ ފްލޮރެންޓީނޯ (ޕެރޭޒް) ޖެހޭނީ އަހަރެންނަށް ގުޅަން” ޑި ބްރޭނާ ރެއާލަށް ބަދަލުވެދާނެތޯ ސުވާލުކުރުމުން ގާޑިއޯލާ ބުންޏެވެ.

2015 ވަނަ އަހަރުގެ އޮގަސްޓް މަހު 55 މިލިއަން ޕައުންޑަށް ޖަރުމަނުގެ ވުލްފްސްބާގުން ސިޓީއަށް ބަދަލުވި ޑި ބްރޭނާ ވަނީ މިހާތަށް އެ ކްލަބަށް ކުޅެދިން 204 މެޗުގައި 47 ގޯލު ޖަހައިދީ ގިނަ ގޯލުތަކެއް ޖަހަން މަގުފަހިކޮށްދީފަ އެވެ. މިދިޔަ ދެ ސީޒަނުގައި ސިޓީން އިނގިރޭސި ލީގު ކާމިޔާބުކުރިއިރު ޑި ބްރޭނާ ވަނީ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، މި ސީޒަނުގެ ލީގުގައި 15 ގޯލު ޖަހަން އެހީތެރިވެދީ އެ ލިސްޓުގައި ޑި ބްރޭނާ އުޅެނީ އެއް ވަނައިގަ އެވެ. އެހެންވެ އެފެންވަރުގެ ކުޅުންތެރިއަކު ރެއާލުން ހޯދަން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޑި ބްރޭނާގެ އިތުރުން އިންޓަވިއުގައި ގާޑިއޯލާ ވަނީ އެޓީމުގެ 19 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން ކްލަބުން ދޫނުކުރާނެ ކަމަށް ބުނެފަ އެވެ. ގާޑިއޯލާ ތަކުރާރުކޮށް ތައުރީފްކޮށްފައިވާ ފޯޑެން އަކީ ކުރިމަގުގައި ސިޓީގެ އެންމެ ވިދުންގަދަ ތަރިއަށް ވާނެ ކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.

“ފޯޑެން އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ސިޓީގައި ފޯޑެން ވިދާލާނެ. ރިލީސް ކްލޯސް ނެތީމަ ފޯޑެން އެހެން ކްލަބަށް ގެންދިއުމުގައި ވަރަށް އުނދަގޫ މަސައްކަތެއް ކުރަން ޖެހޭނެ. އެކަމުގައި ވެސް އަހަރެންނާ ވާހަކަދައްކަން ޖެހޭނީ” ގާޑިއޯލާ ބުންޏެވެ.

ޑި ބްރޭނާ އާއި ރެއާލާ ގުޅުވައިގެން ދެކެވޭ ވާހަތަކަށް ގާޑިއޯލާ ރައްދު ދިންއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ ރެއާލް އެވެ. މި ދެޓީމު ވާދަކުރާ ފުރަތަމަ ލެގްގެ މެޗު މި މަހުގެ 27 ވަނަ ދުވަހު ރެއާލްގެ ދަނޑުގައި ކުޅޭއިރު ދެ ވަނަ ލެގްގެ މެޗު އަންނަ މަހުގެ 18 ވަނަ ދުވަހު އޮންނާނީ ސިޓީ ދަނޑުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!