ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ ނުކުޅުމުން ދެ ސަޕޯޓަރަކަށް ތިން ލައްކަ ވޮން ދޭން ޖެހިއްޖެ

ރޮނާލްޑޯ ނުކުޅުމުން ދެ ސަޕޯޓަރަކަށް ތިން ލައްކަ ވޮން ދޭން ޖެހިއްޖެ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 5 ފެބްރުއަރީ 2020

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ދެކުނު ކޮރެޔާގައި އިޓަލީގެ ޔުވެންޓަސް އިން ކުޅުނު ރަހްމަތްތެރިކަމުގެ މެޗެއްގައި އެ ޓީމްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅުމުން އެ މެޗް ބަލަން ވަތް ސަޕޯޓަރުންގެ ތެރެއިން ދެ މީހަކަށް ބަދަލު ދޭން މެޗް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވި ދެކުނު ކޮރެޔާގެ ޖަމާއަތެއްގެ މައްޗަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޮރެޔާ ލީގުން ހޮވާލެވުނު ތަރިންގެ ޓީމަކާއި ދެކޮޅަށް ޔުވެންޓަސް އިން ކުޅުނު މެޗްގެ ކުރިން އެ މެޗްހައި ޕޯޗްގަލްގެ ތަރި ރޮނާލްޑޯ ކުޅޭނެ ކަމަށް އިސްތިހާރުކޮށްފައިއޮތް ނަމަވެސް އެ މެޗްގައި އޭނާ ކުޅެފައެއް ނުވެއެވެ.

މެޗް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދެކުނު ކޮރެޔާގެ ޖަމާއަތެއް ކަމަށްވާ ދަ ފާސްޓާގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވަނީ ދެ ސަޕޯޓަރަކަށް 371،000 ވޮން (240 ޕައުންޑް) ދިނުމަށެވެ. މި ދެ ސަޕޯޓަރުހްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި ވަކީލު ކިމް މިން ކީ ބުނެފައިވަނީ ދަ ފާސްޓާ އިން ސަޕޯޓަރުންނަށް އޮޅުވާލައިފައިވާ ކަމަށާއި، އެ މީހުން މަސައްކަތްކޮށްފައިވަނީ ރޮނާލްޑޯގެ ސަޕޯޓަރުން ބޭނުންކޮށްގެން އަމިއްލަ ފައިދާއެއް ހޯދުމަށް ކަމަށެވެ.

“މިއީ މުޅި ހަޔާތް އެއްކޮށް ރޮނާލްޑޯ އަށް ތާއީދުކުރުމުގައި ހޭދަކުރި ސަޕޯޓަރުންނަށް އޭނަ ގެއްލުން ކަހަލަ ކަމެއް.” ކިމް ބުނެފައިވެއެވެ.
ރޮއިޓަސް އަށް ދިން އިންޓަވިއުއެއްގައި ކިމް ބުނެފައިވަނީ 3-3 އިން އެއްވަރުވި މި މެޗާ ގުޅިގެން ކޯޓަށް ހުށަހަޅައިފައިވާ މި ޒާތުގެ 86 މައްސަލައެއްގައި މިހާރުވެސް އޭނާ މަސައްކަރްކުރަމުން އަންނަ ކަމަށެވެ.

ރޮނާލްޑޯގެ ފޮޓޯ ބޭނުންކޮށްގެން އިސްތިހާރު ކުރި މި މެޗަށް ވިއްކި 65،000 ޓިކެޓް ވަނީ އެންމެ ތިން މިނެޓްގެ ތެރޭގައި ވިކި ހުސްވެފައެވެ. މެޗްގައި ދަނޑަށް ވަދެ ތިބި ސަޕޯޓަރުން ވަނީ ރޮނާލްޑޯ ބެންޗުން ކުޅެން އަރަން އުޅޭ ކަމުގެ ނިޝާނެއްވެސް ނުފެނުމުން މެޗްތެރޭގައި ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ މެސީގެ ނަމުން އެއް ވާނަކަށް ގޮވައިފައެވެ.

މެޗަށް ފަހު ކޮރެޔާގެ ފުޓްބޯޅައިގެ މައި އިދާރާ އިން ވެސް ވަނީ ކުރިން އެއްބަސްވި ގޮތާއި ހިލާފަށް ޔުވެންޓަސް އިން އަމަލުކޮށްފައިވުމުން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އެ ކްލަބަށް ސިޓީއެއް ފޮނުވައިފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!