ފުރަތަމަ ސަފްޙާ / ޚަބަރު / ޑި މާރިއާ އެމްބާޕޭ އަށް: އެހެން މީހުންވެސް ކުޅެން ބޭނުންވާނެކަން ހަނދާންކޮށްބަލަ

ޑި މާރިއާ އެމްބާޕޭ އަށް: އެހެން މީހުންވެސް ކުޅެން ބޭނުންވާނެކަން ހަނދާންކޮށްބަލަ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 5 ފެބްރުއަރީ 2020

ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ޓީމްގެ އެހެން ކުޅުންތެރިންނާ ދޭތެރޭވެސް ވިސްނަންޖެހޭނެ ކަމަށް އެމްބާޕޭއާ އެކު ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު އަންހެލް ޑި މާރިއާ ބުނެފި އެވެ. ޑި މާރިއާ މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފްރެންޗް ލީގުގައި ޕީއެސްޖީ އިން މޮންޓެޕެލިއާއާ ދެކޮޅަށް ކުޅުނު މެޗްގައި އެމްބާޕޭ ބަދަލުކުރުމާއި ގުޅިގެން ކުޅުންތެރިއާ ފާޅުކުރި ނުރުހުމާއި ގުޅުވައިގެންނެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި 0-5 އިން ކާމިޔާބު ހޯދި މެޗްގެ 68 ވަނަ މިނެޓްގައި އެމްބާޕޭގެ ބަދަލުގައި މައުރޯ އިކާޑީ އެރުވުމުން އެމްބާޕޭ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން އެމްބާޕޭ ދަނޑުން ފައިބައިގެން އައި ވަގުތު ޕީއެސްޖީގެ ކޯޗް ތޯމަސް ޓުޗެލްއާ ދެމެދު ހޫނު ބަހުސެއް ހިނގި މަންޒަރެއް ފެނިފައިވެ އެވެ.

އެ މެޗްގެ 90 މިނެޓް ފުރިހަމަކުރި ޑި މާރިއާ ބުނެފައިވަނީ މެޗްގައި ކުޅެވެން އޮތް އެންމެ ގިނަ އިރަކު ކުޅެން އެމްބާޕޭ ބޭނުންވާނެކަން އެނގޭކަމަށާއި އެކަމަކު ބެންޗުގައި ތިބި ކުޅުންތެރިންނަކީވެސް ދަނޑަށް އަރައި ކުޅެން ނުހަނު ބޮޑަށް ބޭނުންވެފައި ތިބި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނާ މެދުވެސް އެމްބާޕޭ ވިސްނަންޖެހޭނެ ކަމަށެވެ.

“އެއްވެސް ކުޅުންތެރިއަކު ބޭނުމެއް ނުވާނެ ދަނޑުން ފައިބާކަށް. އެއީ ކުޅުންތެރިންނަށް ކުރަން އުނދަގޫ ކަމެއް. އެންމެންވެސް ބޭނުންވޭ ކުޅެން. އެއީ ހަމަ އާއްމުކޮށް ވާ ކަމެއް. ކިލިއަން ބޭނުންވާނެ ގޯލްޖަހަން. އެކަމަކު ކޯޗް ނިންމީ އެމްބާޕޭ ބާލަން. ކުޅެން އަރައި ފެންވަރު ދައްކަން ބޭނުންވާ ބައިވަރު ކުޅުންތެރިން ބެންޗްގައި ތިބި. އެމްބާޕޭ އަށް އެބަޖެހޭ އެކަން އެނގެން.” ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ޑި މާރިއާ ބުންޏެވެ.

ލީގުގައި މި ހަފްތާގައި ޕީއެސްޖީން ކުޅުނު މެޗްގައި ޑި މާރިޔާ އަދި އެމްބާޕޭ ވެސް ވަނީ ގޯލް ޖަހައިފަ އެވެ. 12 ޕޮއިންޓްގެ ލީޑަކާ އެކު މިވަގުތު ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތް އިރު އެ ޓީމް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށްވެސް ކޮލިފައިވެފައެވެ. ދެވަނަ ބުރުގައި ޕީއެސަޖީން ވާދަކުރާނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!