ފުރަތަމަ ސަފްޙާ / ޚަބަރު / ޅަ ޓީމް އަރުވައިގެންވެސް ލިވަޕޫލުން ނަތީޖާ ނެރެފި

ޅަ ޓީމް އަރުވައިގެންވެސް ލިވަޕޫލުން ނަތީޖާ ނެރެފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 5 ފެބްރުއަރީ 2020

ސީނިއާ ޓީމް ވާދަކުރަންޖެހޭ މެޗެއްގައި މިހާތަނަށް ލިވަޕޫލުން ނެރުނު އެންމެ ޒުވާން ޓީމް ރޭ އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ލީގް ވަންގެ ޓީމެއް ކަމަށްވާ ޝްރެސްބަރީ ޓައުން އާ ވާދަކޮށް މޮޅުވެ މުބާރާތުގެ ފަސްވަނަ ބުރުން ލިވަޕޫލަށް ޖާގަ ކަށަވަރުކޮށްދީފިއެވެ. ރޭ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެފްއޭ ކަޕް ރީޕްލޭ މެޗް އެޓީމުން ކާމިޔާބުކުރީ 0-1 އިންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަލަށް ތައާރަފްކުރި ވިންޓަ ބްރޭކާއެކު ލިވަޕޫލްގެ ސީނިއާ ޓީމްގެ ކުޅުންތެރިންނާއި ކޯޗް ޗުއްޓީ ހޭދަކުރަމުން އަންނަ ވަގުތެއްގައި ކުޅުނު މި މެޗްގައި ޓީމަށް އިރުޝާދުދީފައިވަނީ ލިވަޕޫލްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗް ނީލް ކްރިޝްލީ އެވެ. ރޭގެ މެޗްގައި ލިވަޕޫލުން ނެރުނު ޓީމުގައި ފުރާވަރު އުމުރުގެ ހަތް ކުޅުންތެރިއަކު ހިމަނައިފައިވެއެވެ.

ރޭގެ މެޗްގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑަކީ އެޓީމްގެ ޑިފެންޑަރު ނިކޯ ވިލިއަމްސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޝްރެސްބަރީގެ ޑިފެންޑަރު ރޯ ޝޯން ވިލިއަމްސްގެ ބޮލުން ޖެހިފައި މިސްރާބް ބަދަލުވެގެން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗްގެ 75 ވަން މިނެޓްގައި މި ލަނޑު ލިވަޕޫލުން ކާމިޔާބުކުރުމުގެ ކުރިން ޝްރެސްބަރީ އިން މެޗްގެ ލީޑް ނެގުމާ ވަރަށް ގާތަށް ދިޔައެވެ. އެކަމަކު ޝްރެސްބަރީ އަށް ލަނޑުޖަހަން ލިބުނު ފުރުސަތެއްގައި އެޓީމްގް ޝޯން ވެލީ ލިވަޕޫލްގެ ގޯލްގެ ތެރެއަށް ބޮލުންޖަހައި ބޯޅަ ވައްދާލި ނަމަވެސް ރީ ޕްލޭ ބެލުމަށްފަހު މެޗްގެ ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ޝްރެސްބަރީގެ ކުޅުންތެރިޔަކު އޮފްސައިޑްވެފައި ހުރި ކަމަށެވެ.

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި މިދެ ޓީމް ޝްރެސްބަރީގެ ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗް ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗްގެ ނަތީޖާ ޝްރެސްބަރީ އިން ހަމަހަމަކުރީ ލިވަޕޫލުން ދެ ލަނޑު ޖަހައިފައި އޮއްވައި ފަހަތުން އަރައެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ލިވަޕޫލް ވާދަކުރަން ޖެހޭނީ ޗެލްސީ އާއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!