ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރަށް ފާޑުކިޔައިފި

މެސީ ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރަށް ފާޑުކިޔައިފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 5 ފެބްރުއަރީ 2020

ބާސެލޯނާގެ ކުރީގެ ކޯޗް އާނެސްޓޯ ވަލްވޭޑޭ ޓީމާއި ހަވާލުގެން ހުރިއިރު ޓީމުގެ ކުޅުންތެރިން އެންމެ ރަގަޅަށް މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރ އެރިކް އަބިޑާލް ދިން އިންޓަވިއުއަކާ ގުޅިގެން އެޓީމްގެ ކެޕްޓަން ލިއޮނަލް މެސީ އަބިޑާލް އަށް ފާޑުކިޔައިފި އެވެ. ކުރިން މެސީއާ އެކު ބާސެލޯނާ އަށް ކުޅެފައިވާ އަބިޑާލް މި މޭރުމުން ވާހަކަދައްކައިފައިވަނީ ސްޕެއިންގެ ނޫހެއް ކަމަށްވާ ޑިއާރިއޯ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގަ އެވެ.

އެކަމަކު އެވާހަކަތަކަށް ރައްދުދެމުން އުމުރުން 32 އަހަރުގެ އާޖެންޓީނާގެ ފޯވާޑް މެސީ އިންސްޓަގްރާމްގައި ބުނެފައިވަނީ އަބިޑާލްގެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށެވެ. ބާސެލޯނާގެ ފަރާތުން ފެންނަމުން އައި ދަށް ކުޅުމާއި ގުޅިގެން އެ ޓީމްގެ ކޯޗްކަމުން ވަލްވޭޑޭ ވަކިކޮށް މިހާރުގެ ކޯޗް ކީކޭ ސެޓިއެން މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

“އެއްވެސް މީހަކު ކުޅުންތެރިން ކުރި ކަމަކާ ގުޅޭ ގޮތުން އެއްޗެއް ބުނާ ކަމަށް ވަންޏާ އެއީ ކޮން ކުޅުންތެރިންނެއްކަން އެނގޭގޮތަށް ކުޅުންތެރިންގެ ނަން ބުނަންވާނެ. އެހެން ނޫނީ އެއީ ތެދު ވާހަކަތަކެއް ކަމަކަށް ނުބެލެވޭނެ. ތެދަށް ބުނަންޏާ އަހަރެން މިކަހަލަ ވާހަކަ އާންމުކޮށް ދައްކާކާ ހިތެއްވެސް ނުވޭ. އެކަމަކު އަހަރެން ހިތަށް އަރާ އެއްޗަކީ މަގާމްތަކުގަ ތިބޭ މީހުން އެ މީހުންގެ މަގާމުގެ ހައިސިއްޔަތުން ނިންމާ ނިންމުތަކުގެ ޒިންމާ އެމީހުން އުފުލަންޖެހޭނެއޭ.” އަންނަ ސީޒަން ނިމުމުން ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބިފައިއޮތް މެސީ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

“ކުޅުންތެރިން ޒިންމާވާންޖެހޭނީ ދަނޑުމަތީގަ ހިނގާ ކަންކަމަށް. އަހަރެމެންނަށް ދަނޑުމަތީގަ ރަގަޅު ކުޅުމެއް ނުދެއްކިއްޖެނަމަ އެއީ އަހަރެމެންގެ ސަބަބުން ވީ ކަމެއް ކަމަށް ފުރަތަމަ ގަބޫލުކުރާ ބަޔަކަށްވެސް ވާނީ އަހަރެމެން. އެކަމުގެ ޒިންމާ ކުޅިވަރާ ބެހޭ ޑިޕާޓްމަންޓްގެ ވެރިންވެސް އުފުލަންޖެހޭ. އަދި އެ ހުރިހާ ކަމެއްގެ އިތުރުން އެމީހުން ނިންމާ ކަންކަމުން ނުކުންނަ ނަތީޖާގެ ޒިންމާ އެމީހުން ނަގަންޖެހޭނެ.” މެސީ އިތުރަށް ބުނެފައިވެ އެވެ.

ސްޕެއިން ކުޅިވަރު ނޫހަކަށް އަބިޑާލް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ކުރީގެ ކޯޗް ވަލްވޭޑޭ އަށް އެންމެ ފުރިހަމައަށް އެއްބާރުލުން ލިބިފައިނުވާ ކަމަށް ދެކޭ ކަމަށެވެ.

“ވަރަށް ގިނަ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފަ ނުވަތަ އެހާ ބުރަކޮންނެއް ނޫން ގިނަ ކުޅުންތެރިން މަސައްކަތްކުރަމުން އައީ. އޭގެ އިތުރުން ޓީމުގެ ތެރޭގަ އެކަކު އަނެކަކާ މުއާސަލާތުކުރުމުގަވެސް މައްސަލަތަކެއް އުޅުނު. ކުޅުންތެރިންނާއި ކޯޗާއި އޮންނަ ގުޅުން އަބަދުވެސް ފެނުނީ ރަގަޅުކަމަށް. އެކަމަކު ޓީމްގެ ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ތަންކޮޅަށް ނަގައިގަންނަން އުނދަގޫވި ކަންތައްތަކެއް ފާހަގަވި. އެކަމާ ގުޅޭގޮތުން އަހަރެންނަށް ފެންނަ ގޮތް އަހަރެން ކުލަބަށް އެންގިން. އަދި އަހަރެމެން އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅިން.” އަބިޑާލް ބުނެފައިވެއެވެ.

ސްޕެއިންގެ ނޫހަށް ދިން އިންޓަވިއުގައި އަބިޑާލް އިތުރަށް ބުނެފައިވަނީ މެސީ ބާސެލޯނާގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އާ އެއްބަސްވުމަކަށް އައުމާ ގުޅޭގޮރުން ކްލަބާއި މެސީ އާ ދެމެދު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!