ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ބާއްވަން އެ އެސޯސިއޭޝަންގެ އެކްސްކޯގެ ހުއްދައާއެކު ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. 2016 ވަނަ އަހަރުގެ ފަހުކޮޅު މަގާމާއި ހަވާލުވި ބައްސާމް މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
ބައްސާމް މިހާރު ފުރުއްވަމުންގެންދަވާ ރައީސްކަމުގެ ހަތަރު އަހަރުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ގައުމީ ޓީމުގެ އާ ކޯޗް ނެދަލޭންޑްސްގެ މާޓިން ކުޕްމަން މީޑިއާ އަށް ތައާރަފްކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ އިންތިހާބާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބައްސާމް ވިދާޅުވެފައިވަނީ އެކަމާއި މެދު އަދި ވިސްނާވަޑައިނުގަންނަވާ ކަމަށާއި ނޮވެމްބަރުގެ ކުރިން ކޮންމެ ދުވަހެއްގައިވެސް އިންތިހާބު ބޭއްވުމުގެ ފުރުސަތު އޮތް ކަމަށެވެ.