މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމުގެ ގޮތުގައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވި ކްލަބް ވެލެންސިއާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ. ގްރޫޕް ދޭއްގެ ކުޅުން ރޭ ނިމުނުއިރު ވެލެންސިއާއާ އެކު އެ ގްރޫޕުން ސެމީ އަށް ދަތުރުކުރި ދެ ވަނަ ޓީމަކީ ކްލަބް ޕާކް ކަންމަތި (ޕީކޭ) އެވެ.
ވެލެންސިއާ އެއް ވަނަ ކަށަވަރުކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ލިބުނު ކްލަބް ޕީކޭ އަށް ލިބުނީ ހަ ޕޮއިންޓެވެ. މި ގްރޫޕުން ކެޓީ ދެ ޕޮއިންޓާއެކު ތިން ވަނަ ލިބުނު ކުޑަ ހެންވޭރު ޔުނައިޓެޑާއި ޕޮއިންޓެއް ލިބި ފުލަށް ދިޔަ ބީޖީ ސްޕޯޓްސް ކްލަބެވެ.
Club Valencia tops the group 2 as Kuda henveiru united ends their 2nd Division – Football Association of Maldives 2020 campaign here despite the draw.
(Photo: FAM/Ibrahim Faid) pic.twitter.com/4rP4GvhEZ3— Fahuminet (@fahuminet) February 3, 2020
ގްރޫޕް ދޭއްގެ އެއް ވަނަ ވެލެންސިއާއިން ކަށަވަރުކުރީ އިއްޔެ ހަވީރު ކުޑަ ހެންވޭރާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ލިބުނީ ކުޑަ ހެންވޭރުގެ ޑަކްސަން ޕުލަސް ޔޮގެންޑްރަން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ކުޑަ ހެންވޭރަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު 38 ވަނަ މިނެޓުގައި ޖެހީ އަހުމަދު ޒާދު އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ވެލެންސިއާ އިން 2-1 އިން ކްލަބް ޕީކޭ ބަލިކުރިއިރު ދެ ވަނަ މެޗުގައި އެޓީމުން ވަނީ 4-1 އިން ބީޖީ ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން ވެލެންސިއާ އަތުން ބަލިވި ނަމަވެސް ކްލަބް ޕީކޭ ވަނީ ދެ ވަނަ މެޗުގައި 2-1 އިން ކުޑަ ހެންވޭރު ބަލިކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނަށް އަލުން އަރަން އަމާޒުހިފާފައިވާ ވެލެންސިއާ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެތެރޭގައި ކުރިން އެޓީމަށް ކުޅުނު އަހުމަދު ރިލްވާން އާއި ނިއު ރޭޑިއަންޓުން ފެނުނު އަބްދުﷲ މިދުހަތު ފަހުމީ އަދި ކުރިން ގައުމީ ޓީމުގައި ވެސް ހިމެނުނު ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިމެނެ އެވެ.
2nd Division – Football Association of Maldives
CLUB PK (PArK KanMaThI) finishes 2nd in group 2, Abdulla Muaz (Oto) scoring the only goal against BG Sports Club early in the first half this evening.
(Photo: FAM/Ibrahim Faid) pic.twitter.com/86HBIAuJf1— Fahuminet (@fahuminet) February 3, 2020
ޕީކޭ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދީ ރޭ ކުޅުނު ގްރޫޕް ދޭއްގެ ފަހު މެޗުގައި 1-0 އިން ބީޖީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ޕީކޭގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒް (އޮޓޯ) އެވެ.
މުބާރާތުގެ ގްރޫޕް އެކެއްގެ މެޗުތައް ނިމޭނީ މިއަދާއި މި މަހުގެ އަށް ވަނަ ދުވަހު ކުޅޭ މެޗުތަކަށް ފަހު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި އދ. މަހިބަދޫ ސްޕޯޓްސް ކްލަބާއި 19 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
މި ގްރޫޕުގައި މިހާތަނަށް ކުޅެފައިވާ މެޗުތަކަށް ބަލާއިރު ތިން މެޗުން ހަތް ޕޮއިންޓް ހޯދައި އެއް ވަނައިގައި އޮތީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އެވެ. ދެ ވަނައިގައި ދެ މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ޖޭޖޭ ސްޕޯޓްސް އޮތްއިރު ތިން ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބުން ވަނީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިފަ އެވެ. ހަތަރު ވަނައިގައި އޮތް މަހިބަދޫ އަށް ޕޮއިންޓެއް ލިބިފައިވާއިރު ފުލުގައި އޮތް 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.
Club Valencia & CLUB PK (PArK KanMaThI) will play in 2nd Division – Football Association of Maldives 2020 semi-final from group 2 pic.twitter.com/dgzTji2OcI
— Fahuminet (@fahuminet) February 3, 2020
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
2017 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑް 4-1 އިން ބަލިކޮށް ހޯދި ޒެފްރޯލް މި އަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ. ފުރަތަމަ ޑިވިޝަނަށް އެރުމަށް ކުޅޭ ޕްލޭ އޮފް ބުރުގެ ފުރުސަތު މި ދެޓީމުން ވެސް ވަނީ އެ އަހަރު ދޫކޮށްލައިފަ އެވެ. 2018 ވަނަ އަހަރު އޮތް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ބަލިކޮށް ހޯދީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލާފައިވާ އެންމެ މަޝްހޫރު ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި އެޓީމު ވަނީ މިދިޔަ ސީޒަނުގެ ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، ޓީސީގެ ފަހުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބް ގްރީން ސްޓްރީޓްސް ވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލައިފަ އެވެ. މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ނިންމާލީ ފަސް ވަނައިގަ އެވެ.