އިނގިރޭސި ޕްރިމިއާ ލީގުގައި ގޯލެއް ނުޖެހި ހަތަރު ގަޑިއިރު ވޭތުވިޔަސް ފިނި މޫސުމުގެ ޗުއްޓީ ނިންމާފައި އަލުން ކުޅެން ފަށާއިރު މެންޗެސްޓަރ ޔުނައިޓެޑުން ގޯލު ޖަހަން ފަށާނެ ކަމަށް އެޓީމުގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ސޯލްޝެއާ މިހެން ބުނީ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ވުލްވްސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 0-0 އިން އެއްވަރުވި މެޗަށް ފަހު ލީގުގައި ޔުނައިޓެޑަށް ގޯލު ނުޖެހޭ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
ލީގުގައި ޔުނައިޓެޑަށް އެންމެ ފަހުން ގޯލު ޖެހުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނޯވިޗާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ލީގުގައި ލިވަޕޫލް އަތުންނާއި ބާންލީ އަތުން އެޓީމު ވަނީ 2-0 އިން ބަލިވެ ވުލްވްސްއާ ވަނީ އެއްވަރުވެފަ އެވެ. ނޯވިޗް އަތުން 4-0 އިން މޮޅުވި ފަހުން ލީގުގައި ގޯލެއް ނުޖެހި 284 މިނެޓު ޔުނައިޓެޑުން ވަނީ ކުޅެފަ އެވެ.
“މިދިޔަ މަސްތަކުގައި އަހަރެމެން ބައިވަރު މެޗު ކުޅެފިން. މިހާރު ކުޅުންތެރިން ތިބީ ވަރަށް ވަރުބަލި ވެފަ. ހަކަތަ ދަށްވެ ވަރަށް ބޮޑަށް ބަލިވެފަ. އެމީހުންނަށް ބްރޭކެއް ބޭނުންވޭ. އަހަރެންގެ ކުޅުންތެރިންނާ މެދު އުފާކުރަން. މިއަދު (ހޮނިހިރު) ވެސް ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް. އެކަމަކު ގޯލު ޖެހުން މަދުވަނީ ވަރުބަލިކަން ވެސް ހުރީމަ. އަހަރެމެންނަށް މި ބްރޭކް ދީ. އަލުން ގޯލު ޖަހަން ފަށާނަން” ގޯލެއް ނުޖެހި ނިމުނު ތިން ވަނަ މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.
ލީގުގައި ގޯލެއް ނުޖެހި ހަތަރު ގަޑިއިރު ހޭދަވިނަމަވެސް އެފްއޭ ކަޕާއި ލީގު ކަޕްގެ މެޗުތަކުގައި ޔުނައިޓެޑުން ވަނީ ގޯލު ޖަހައި ނަތީޖާ ނެރެފަ އެވެ. އެފްއޭ ކަޕްގައި އަމިއްލަ ދަނޑުގައި ވުލްވްސް 1-0 އިން ބަލިކުރިއިރު އޭގެފަހުން އެ މުބާރާތުގައި ރަށުން ބޭރުގައި ކުޅުނު މެޗުގައި ޓްރަންމެރޭ ރޯވާސް އަތުން 6-0 އިން ވަނީ މޮޅުވެފަ އެވެ. އަދި މިދިޔަ ހަފްތާ ކުޅުނު ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގެ މެޗުގައި ރަށުން ބޭރުގައި 1-0 އިން މެންޗެސްޓަރ ސިޓީ އަތުން އެޓީމު ވަނީ މޮޅުވެފަ އެވެ. އެމެޗުން މޮޅުވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ބަލިވެ ޔުނައިޓެޑަށް ލީގު ކަޕްގެ ފައިނަލުން ފުރުސަތެއް ނުލިބުނެވެ.
ފިނި މޫސުމުގެ ޗުއްޓީއަށް ފަހު ޔުނައިޓެޑުން ލީގުގައި އެންމެ ފުރަތަމަ ނުކުންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެލްސީއާ ދެކޮޅަށެވެ. ޔުނައިޓެޑަށް ގޯލު ޖެހުމުގެ މައްސަލަތައް ކުރިމަތިވި އެއް ސަބަބަކީ ސީޒަނުގައި 19 ގޯލު ޖަހާފައިވާ މާކަސް ރަޝްފާޑަށް އަނިޔާވެ އޭޕްރީލް މަހާ ހަމައަށް ކުޅުމާ ދުރަށްދާން ޖެހުމެވެ. އެކަމަކު މިދިޔަ މަހު ނިމުނު ޓްރާންސްފާ ބާޒާރުގައި އެޓީމުން ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅުނު ބްރޫނޯ ފެނާންޑޭސް އާއި ޗައިނާގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ފޯވާޑް އޮޑިއޮން އިގާލޯ ގެނެސްފަ އެވެ. ވުލްވްސްއާ ދެކޮޅަށް ފެނާންޑޭސް ކުޅުނުއިރު ބްރޭކަށް ފަހު ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އިގާލޯ ޓީމާ ގުޅޭނެ އެވެ.
ކުރިން ވެޓްފޯޑަށް ކުޅުނު ނައިޖީރިއަށް އުފަން 30 އަހަރުގެ އިގާލޯ އަކީ މިދިޔަ އަހަރު އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެކަމަކު އިގާލޯ ޔުނައިޓެޑަށް ގެނައުމުން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގެރީ ނެވިލް ބުނެފައިވަނީ އެއަށް ވުރެ ރަނގަޅު ކުޅުންތެރިން ޔުނައިޓެޑަށް ލިބުނީސް ކަމަށެވެ. ނެވިލްގެ ވާހަކަތަކަށް ރައްދުދެމުން ސޯލްޝެއާ ވަނީ އިގާލޯ އަށް ތައުރީފްކޮށް ޔުނައިޓެޑްގެ ކުރީގައި މިހާރު ކުޅެމުން އަންނަ އެންތަނީ މާޝިއަލް އަށް އިގާލޯގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް ބުނެފަ އެވެ. ހަ މަސްދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑުން އިގާލޯ ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރަޝްފާޑަށް އަނިޔާވުމާއި މާޝިއަލްގެ ފޯމު ވަރަށް ބޮޑަށް ދަށްވުމެވެ.
“އެއީ ވަރަށް ރަނގަޅަށް ގޯލުޖަހާ ކުޅުންތެރިއެއް. ފިޒިކަލީ ރަނގަޅު އަދި އެންތަނީ (މާޝިއަލް) އަށް އެހީތެރިވެވޭނެ ކުޅުންތެރިއެއް” އިގާލޯއާ ގުޅޭގޮތުން ސޯލްޝެއާ ބުންޏެވެ.
އިނގިރޭސި ލީގުގައި ކުޅުނު 25 މެޗު ލިބުނު 35 ޕޮއިންޓާއެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ.