އިޓަލީ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެގޯލާއެކު ޔުވެންޓަސް އިން 3-0 އިން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު ރޮނާލްޑޯ ވަނީ މި ސީޒަނުގައި ޔުވެންޓަސް އާއި ޕޯޗުގަލަށް ކުޅުނު 33 މެޗުގައި 33 ގޯލު ޖަހައިފަ އެވެ. ކޮންމެ މެޗަކަށް ގޯލެއް ޖެހިއިރު 34 އަހަރުގެ ރޮނާލްޑޯ އަށް އަންނަ ބުދަ ދުވަހު 35 އަހަރު ވާނެ އެވެ. ރޭގެ ގޯލުތަކާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް އޭނާ އެންމެ ފަހުން ކުޅުނު ހަ މެޗުގައި 10 ގޯލު ޖަހައިފަ އެވެ. ލީގުގައި ރޮނާލްޑޯ ޖެހިޖެހިގެން ގޯލު ޖެހި ނުވަ ވަނަ މެޗާއެކު އޭނާ ވެފައިވަނީ ވޭތުވެދިޔަ 15 އަހަރުތެރޭ މިއަދަދަށް، ޔުވެންޓަސް އަށް ކުޅުންތެރިއަކު ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެންމެފަހުން ލީގުގެ ނުވަ މެޗުގައި ޖެހިޖެހިގެން ގޯލު ޖެހީ 2005 ވަނަ އަހަރު ޑޭވިޑް ޓްރެޒެގޭ އެވެ. ލީގުގައި ދެން އޮތް މެޗުން ގޯލު ޖަހައިފިނަމަ ރޮނާލްޑޯ އަށް ޓްރެޒެގޭގެ ރެކޯޑް މުގުރާލެވޭނެ އެވެ. 2018 ވަނަ އަހަރު ރެއާލް މެޑްރިޑުން ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު އެ ކްލަބަށް ކުޅުނު 70 މެޗުގައި ރޮނާލްޑޯ މިހާރު ވަނީ 50 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ ވެފައިވަނީ ޔުވެންޓަސްގެ ތާރީހުގައި އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާއަށެވެ.
ރޭ ފިއޮރެންޓީނާ ކޮޅަށް ރޮނާލްޑޯ ދެގޯލު ވެސް ޖެހީ ލިބުނު ޕެނަލްޓީތަކުންނެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ޕެނަލްޓީ ލިބުނީ ފިއޮރެންޓީނާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މެޗުގެ 80 ވަނަ މިނެޓުގައި ރޮނާލްޑޯ ދެ ވަނަ ގޯލު ޖެހީ ރޮޑްރީގޯ ބެންޓަންކުރާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޔުވެންޓަސްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޑިފެންޑަރު މެތިއަސް ޑި ލިޓް އެވެ.
މޮޅާއެކު ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އޮތީ 22 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތީ އިންޓަ މިލާނެވެ. ލީގުގައި ރޭ އިންޓަ އިން ވަނީ ރަށުން ބޭރުގައި 2-0 އިން ޔުދިނޭސީ ބަލިކޮށްފަ އެވެ. މެޗުގައި އިންޓަގެ ދެ ގޯލު ވެސް ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. ލުކާކޫ ދެ ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އެއްވަރުވުމުން ޔުވެންޓަސްއާ އޮތް ފަރަގު ކުޑަކުރުމަށް އިންޓަ އަށް ރޭގެ މެޗުން މޮޅެއް ހޯދުން އޮތީ މުހިއްމުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި އިންޓަ އަށް ބަދަލުވި އޭޝްލީ ޔަންގާއި ކްރިސްޓިއަން އެރިކްސެން އަދި ޗެލްސީން ލޯނެއްގެ ގޮތުގައި ބަދަލުވި ވިކްޓަ މޫސަސް ރޭ ވަނީ ލީގުގައި ފުރަތަމަ ފަހަރަށް އިންޓަ އަށް ކުޅެފަ އެވެ.