ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އާ ދެކޮޅަށް ބާސެލޯނާއިން ކުޅުނު މެޗްގައި ޒުވާން ފޯވާޑް އަންސޫ ފާޓީ ކާމިޔާބުކޮށްދިން ދެ ގޯލްއެކު އެޓީމް މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ޓޭބަލްގެ 13 ވަނައިގައި އޮތް ޓީމާ ވާދަކޮށް ރޭ ބާސެލޯނާއިން ކުރި ހޯދީ 1-2 އިންނެވެ.
ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ހޯދި މޮޅާއެކު އެޓީމް މިހާރު ވަނީ ޓޭބަލްގެ އެއް ވަނައިގައިވާ ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. މިހާތަނަށް ލީގުގައި 22 މެޗް ކުޅެގެން ބާސެލޯނާއިން 46 ޕޮއިންޓް ހޯދާފައިވާއިރު ތިން ވަނައިގައި އޮތް ގެޓާފޭ އުޅެނީ އެޓީމަށްވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ.
ރޭގެ މެޗްގައި ފެނުނު ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖަހައިފައިވަނީވެސް ބާސެލޯނާ އިންނެވެ. މެޗްގެ 30 ވަނަ މިނެޓްގައި ކެޕްޓަން ލިއޮނަލް މެސީ ނަގައިދިން ރީތި ހުރަހަކުން ފުރަތަމަ ގޯލް ލެވަންޓޭގެ ގޯލަށް ފާޓީ ވައްދާލިއިރު އޭގެ ގާތްގަނޑަކަށް މިނެޓެއް ފަހުން ޖެހި ދެ ވަނަ ގޯލަކީވެސް މެސީ ދިން ބޯޅައަކުން ފާޓީ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗްގައި ލެވަންޓޭ އިން ފަހު ހާފްގައި ކުޅުން ރަގަޅުކޮށް ބާސެލޯނާއަށް ޕްރެޝަރު ކުރި ނަމަވެސް އެޓީމަށް ގޯލެއް ކާމިޔާބުކުރެވޭ ވަރުވީ މެޗްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ލެވަންޓޭ އިން ޖެހި ހަމައެކަނި ލަނޑަކީ އެޓީމްގެ ރުބެން ރޮޝީނާ ބާސެލޯނާގެ ގޯލް އޭރިޔާގެވެސް ބޭރުގައި ހުރެ ފޮނުވާލި ބޯޅައެއް އެޓީމްގެ ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓެގަންގެ ފައިގައި ޖެހިފައި މިސްރާބް ބަދަލުވެގެން ގޯލަށް ވަތް ބޯޅައެކެވެ.
ރޭގެ މެޗުން ލެވަންޓޭއަށް ދަށްވެގެން ޕޮއިންޓެއް ނުހޯދުނު ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭ އެޓީމުން ވަނީ 1-3 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.
ރޭގެ މެޗްގައި އުމުރުން އެންމެ 17 އަހަރުގެ ފާޓީ ޖެހި ދެ ގޯލާއެކު އޭނާ ހިމެނިފައިވަނީ ލަލީގާ މެޗެއްގައި ދެ ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ. މީގެ އިތުރުން ފާޓީ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް ސްޕެނިޝް ލީގުގައާއި ޗެމްޕިއަންސް ލީގުގައި ގޯލް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދައިފަ އެވެ.