ފުރަތަމަ ސަފްޙާ / ޚަބަރު / ޖޮކޮވިޗް އަށް ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

ޖޮކޮވިޗް އަށް ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 2 ފެބްރުއަރީ 2020

މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ސާބިއާގެ ނޮވާކް ޖޮކޮވިޗް ހޯދައިފި އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ނިމުނު މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް މެޗް ޖޮކޮވިޗް ކާމިޔާބުކުރީ މުބާރާތުގެ ފަސް ވަނަ ސީޑް އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއާ ވާދަކޮށް 2-3 އިންނެވެ.

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި ހުރި ޖޮކޮވިޗް މުބާރާތުގެ ފައިނަލަށް އައީ މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ސެމީ ފައިނަލްގައި ބަލިކުރުމަށްފަހު އެވެ. ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި ހުރި ފެޑެރާ މިހާތަނަށް ޖުމްލަ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާއިރު މިފަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުން ޖޮކޮވިޗް ހޯދި ކާމިޔާބާއެކު އޭނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އަދަދު 17 އަށް އެރީ އެވެ. ފެޑެރާގެ އިތުރުން މި ރޭހުގައި ޖޮކޮވިޗަށް ވުރެ ކުރީގައި އުޅެނީ 19 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް އެވެ.
އުމުރުން 32 އަހަރުގެ ޖޮކޮވިޗް އަތުން އުމުރުން 26 އަހަރުގެ ތިއެމް މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ ސެމީ ފައިނަލްގައި ޖަރުމަނު ވިލާތުގެ އެލްގްޒެންޑާ ޒްވެރޭވް ބަލިކުރުމުގެ ކުރިން ކުއާޓާ ފައިނަލްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކުރުމަށްފަހު އެވެ.. މިދިޔަ ދެއަހަރުގެ ފްރެންޗް އޯޕަން ފައިނަލްގައި ވާދަކޮށް ނަޑާލް އަތުން ބަލިވި ތިއެމް އަށް އަދި މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި ހޯދިފައެއް ނުވެ އެވެ. އެހެން ނަމެވެސް އޭނާގެ މައްޗަށް މިއަދުގެ ފައިނަލް މެޗްގައި ކުރި ހޯދި ޖޮކޮވިޗްއާ ގްރޭންޑް ސްލޭމް މުބާރާތެއްގައި މީގެ ކުރިން ވާދަކުރި ދެ ފަހަރުވެސް މެޗް ކާމިޔާބުކޮށްފައިވަނީ ތިއެމް އެވެ.

މިއަދުގެ ފައިނަލް މެޗްގެ ސެޓްތައް ނިމިފައިވަނީ 6-4، 6-4، 6-2، 3-6 އަދި 4-6 އިންނެވެ. މިއަހަރުގެ ތެރޭގައި އަދި އިތުރު ތިން ގްރޭންޑް ސްލޭމް މުބާރާތްަ ކުރިއަށްދާނެ އެވެ. އެއީ ޖޫން މަހު ފްރާންސްގައި އޮންނަ ފްރެންޗް އޯޕަން އާއި އިނގިރޭސި ވިލާތުގައި ޖުލައި މަހު ކުރިއަށްގެންދެވޭ ވިމްބަލްޑަން އާއި އަހަރުގެ ފަހުކޮޅު އެމެރިކާގައި ބާއްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. ގްރޭންޑް ސްލޭމް މުބާރާތްތަކަކީ ޓެނިހުގެ ދުނިޔޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު މުބާރާތްތަކެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!