ސްޕެނިޝް ލީގުގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ރެއާލްގެ ހަމައެކަނި ގޯލު ޑިފެންޑަރު ފޭލަންޑް މެންޑީ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އެވެ. ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާ ވަނީ ލީގުގައި އޭނާ ކުޅުނު 21 މެޗުގައި 13 ގޯލު ޖަހައި ފަސް ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ހާފުގައި އެތުލެޓިކޯގެ ވިޓޯލޯ ގޯލު ޖެހުމާ ގާތަށް ދިޔައިރު އޭގެފަހުން އެންހަލް ކޮރެއާ ފޮނުވާލި ބޯޅަ ވަނީ ދަނޑިއާ އަމާޒުވެފަ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ލީޑު ނެގުމަށް ފަހު ރެއާލަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބިފަ އެވެ. ރެއާލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުމުން ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ދެ ވަނަ ހާފު ފެށީ ދެ ބަދަލަކާއެކު އެވެ. ޓޮނީ ކްރޫސްގެ ބަދަލުގައި ވިނީޝިއަސް ކުޅެން އެރުވިއިރު އިސްކޯގެ ބަދަލުގައި ދެ ވަނަ ހާފު ފެށީ ލޫކަސް ވަޒްކޭޒް އެވެ. ފިޓުކޮށް ހުރިނަމަވެސް ރޭގެ މެޗަށް ނުކުތް ރެއާލް ޓީމުން ގަރެތު ބޭލް އަށް ކޯޗު ޒިދާން ފުރުސަތު ދީފައެއްނުވެ އެވެ.
މެޗަށް ފަހު ޒިދާން ބުނީ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުމުން ބަދަލުތައް ކުރަން އޭނާއަށް މުހިއްމުވި ކަމަށެވެ.
“ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމައެއް ނުޖެހުނު. އެކަމަކު އެއީ އެކުޅުންތެރިންގެ މައްސަލައެއް ނޫން. އެއީ އަހަރެންގެ ޒިންމާއެއް. ބަދަލެއް މުހިއްމުވި ދެ ވަނަ ހާފަށް” ޒިދާން ބުންޏެވެ.
އެންމެ ފަހުން ކުޅުނު 21 މެޗުން ރެއާލް ބަލިވެފައި ނުވާއިރު އެޓީމުން ވަނީ އޭގެތެރެއިން ޖެހިޖެހިގެން އަށް މެޗުން މޮޅުވެފަ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 22 މެޗުން 49 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ 21 މެޗުން 43 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި 21 މެޗުން 38 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު ހަތަރު ވަނައިގައި އޮތީ 37 ޕޮއިންޓާއެކު ވެލެންސިއާ އެވެ. ރެއާލާ ދެމެދު އޮތް ފަރަގު ކުޑަކުރަން ދެ ވަނައިގައި އޮތް ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ލެވަންޓޭއާ ދެކޮޅަށެވެ.
އެތުލެޓިކޯ ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. އަދި، ވާދަވެރި ރެއާލަށް ވުރެ ލީގުގައި އެޓީމު އޮތީ 13 ޕޮއިންޓް ފަހަތުގަ އެވެ.
ރަނގަޅު ފޯމެއްގައި އޮތް ރެއާލް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ ކޮޕަ ޑެލްރޭގެ ކުއާޓާ ފައިނަލުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. ކޮޕަ ޑެލްރޭ އިން ކަޓާފައިވާ އެތުލެޓިކޯ ދެން ކުޅޭނީ ލީގުގައި ގްރަނަޑާއާ ދެކޮޅަށެވެ.
އަދިވެސް މީހަކީ ބެންޒެމާ، ރެއާލްގެ ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފި
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
5 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން