ފުރަތަމަ ސަފްޙާ / ޚަބަރު / 21 އަހަރުގެ ސޯފިއާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

21 އަހަރުގެ ސޯފިއާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 2 ފެބްރުއަރީ 2020

އޮސްޓްރޭލިއާގެ މެލްބަންގައި މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އެމެރިކާގެ ސޯފިއާ ކެނިން ހޯދައިފިއެވެ. މިއަދު މެންދުރު ފަހު މެލްބަން ޕާކްގައި ކުރިއަށްދިޔަ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި މުބާރާތުގައި ސީޑްވެސް ކޮށްފައި ނުވާ ސްޕެއިންގެ ގާބައިން މުގުރޫޒާ އާ ވާދަކޮށް 21 އަހަރުގެ ސޯފިއާ މެޗް ކާމިޔާބުކުރީ ދެ ސެޓް އެއް ސެޓުންނެވެ.

މިއީ ދުނިޔޭގެ ރޭންކިންގްގެ 14 ވަނައިގައި ހުރި ސޯފިއާ މިހާތަނަށް ކާމިޔާބުކުރި ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތަށް ވީއިރު އޭނާ ހިމެނިފައިވަނީ 2008 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ރަޝިޔާގެ މާރިއާ ޝަރަޕޯވާ ކާމިޔާބުކުރި ފަހުން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގައެވެ. ސޯފިއާގެ މި ކާމިޔާބީއާއެކު އޭނާ ދުނިޔޭގެ ރޭންކިންގްގެ ހަތް ވަނައަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިއަދު ކުޅުނު ފައިނަލް މެޗް ސޯފިއާ ކާމިޔާބުކުރި ނަމަވެސް ފުރަތަ ސެޓްގައި 4-6 އިން ކުރި ހޯދީ ކުރިން ދެ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ އުމުރުން 26 އަހަރުގެ މުގުރޫޒާ އެވެ. އެކަމަކު ޖެހިގެން އައި ދެ ސެޓްވެސް ސޯފިއާ ގެންދިޔައީ ވަރަށް ފަސޭހަކަމާއެކު 2-6 އިންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ސޯފިއާ ބުނީ މިއީ އޭނާ ވަރަށް ކުރިއްސުރެ ދެކެމުންއައި ހުވަފެނެއް ހަގީގަތަކަށްވި ދުވަސް ކަމަށެވެ.

“އެންމެފަހުން އަހަރެން ދެކެމުންއައި ހުވަފެން ރަސްމީކޮށް ހަގީގަތަކަށް މިވީ. ހުވަފެނަކީ ހަގީގަތަކަށް ހެދޭނެ އެއްޗެއް. ހުވަފެނެއް އޮތްކަމަށް ވަންޏާ ހަގީގަތަކަށް ހަދަން މަސައްކަތްކުރޭ. އޭރަށް އެކަމެއް ހާސިލްވާނެ. މިދިޔަ ދެ ހަފްތާ އަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ކާމިޔާބު ދެ ހަފްތާ.” ސޯފިއާ ބުނެފައިވެއެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލް ކުޅޭގޮތަށް ހަމަޖެހިފައިވަނީ މާދަމާއެވެ. ފައިނަލްގައި ބައްދަލުކުރާނީ މިހާތަނަށް އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސާބިއާގެ ނޮވާކް ޖޮކޮވިޗް އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!