ބާސެލޯނާގެ ކޯޗްކަމުގެ މަގާމާއި މިދިޔަ މަހު އަލަށް ހަވާލުވި ކީކޭ ސެޓިއެންގެ ފަރާތުން ޓީމަށް އެދެވޭ ބަދަލުތަކެއް ގެންނަން މަސައްކަތްކުރަމުން އަންނައިރު އެންމެ ބޮޑަށް ވިސްނާ ކަންތައްތަކުގެ ތެރޭގައި އެޓިމުގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ އުފަލުގައި ބެހެއްޓުން ހިމެނޭ ކަމަށް ކޯޗް ސެޓިއެން ބުނެފި އެވެ. ސެޓިއެން އުއްމީދުކުރާ ގޮތުގައި ބާސެލޯނާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމާއި މެދު މެސީ ފިކުރުކުރަން ނުޖެހޭ މިންވަރަށް އޭނާ އުފަލުގައި ބަހައްޓަން ބާސެލޯނާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ އެވެ.
“އަހަރެން އުއްމީދުކުރަން މެސީ މި ކްލަބްގައި މަޑުކުރަން ބޭނުންވާނެ މިންވަރަށް އަހަރެމެންނަށް އޭނަ އުފާކޮށްދެވޭނެ ކަމަށް.” ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސެޓިއެން ބުނެފައިވެ އެވެ.
ބާސެލޯނާގެ ކޯޗް ސެޓިއެން އެއްބަސްވި ގޮތުގައި ބާސެލޯނާއިން ކުރިން ދައްކަމުން އައި ކުޅުން މިހާރު ނުދެއްކޭ ކަމަށާއި އެކަން އަނބުރާ ގެނަންނަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
“އަހަރެން ގަބޫލުކުރަން ބާސެލޯނާގެ އަސްލު ކުޅުމާ އަހަރެމެން މިހާރު ދުރަށް ގޮސްފައިވާކަން. އަހަރެން ބޭނުން ހުރިހާ މެޗެއް ކާމިޔާބުކުރަން އަދި ބާސެލޯނާ އާއެކު ރަގަޅު ހަނދާންތަކެއް ދޫކޮށްފައިދާން.” ސެޓިއެން ބުންޏެވެ.
ބާސެލޯނާގެ ކޯޗް ކަމުގެ މަގާމާއި ރެއާލް ބެޓިސްގެ ކުރީގެ ކޯޗް ސެޓިއެން ހަވާލުވިފަހުން މެސީ ވަނީ މިހާތަނަށް ތިން ގޯލް ކާމިޔާބުކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ގްރާނަޑާ އާ ދެކޮޅަށް ލީގުގައި ކުޅުނު މެޗްގައި ޖަހައިދިން ގޯލާއި މިދިޔަ ހަފްތާގައި ކުޅުނު ކޮޕަ ޑެލްރޭ މެޗްގައި ލެގަނޭސް ކޮޅަށް ވައްދާލި ދެ ގޯލެވެ.
ބާސެލޯނާ މިސީޒަނުގެ ބައެއް މެޗްތަކުގައި ދައްކަމުން އައި ދަށް ކުޅުމުގެ ސަބަބުން ކުރީގެ ކޯޗް އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކޮށްފައިވީނަމަވެސް ސެޓިއެންގެ އިރުޝާދުގެ ދަށުން މިހާތަނަށް ބާސެލޯނާ އަށް އަދި މާ ބޮޑު ތަފާތެއް ދެއްކިފައިނުވާކަން ފާހަގަކުރެވެ އެވެ. އެންމެ ފަހުން އެޓީމް ކުޅުނު ކޮޕަ ޑެލްރޭ މެޗް ބޮޑު ތަފާތަކުން ކާމިޔާބުކުރި ނަމަވެސް ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުން ވަނީ ވެލެންސިއާ އަތުން 0-2 އިން ބަލިވެފަ އެވެ. މިހާތަނަށް 21 މެޗް ބާސެލޯނާއިން ލީގުގައި ކުޅެފައިވާއިރު އެޓީމް އޮތީ ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ތިން ޕޮއިންޓް ފަހަތުން ދެ ވަނައިގަ އެވެ.
ބާސެލޯނާއާ އެކު މެސީ މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ.