ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫރަޕްގެ މަޝްހޫރު ކްލަބްތަކާއެކު ރާއްޖޭގެ ޖޫނިއާ ޓީމް ވާދަކުރަނީ

ޔޫރަޕްގެ މަޝްހޫރު ކްލަބްތަކާއެކު ރާއްޖޭގެ ޖޫނިއާ ޓީމް ވާދަކުރަނީ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 1 ފެބްރުއަރީ 2020

އަންނަ ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުބާއީ އިންޓަކޮންޓިނެންޓަލް ފުޓްބޯލް ކަޕްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމް ބައިވެރިކުރަން ނިންމައިފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ދުބާއީގެ އެންމެ މަޝްހޫރު ސަރަހައްދުގައި އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ވަރަށް ޒަމާނީ ފެންވަރަށް ހަދައިފައިވާ ދުބާއީ ސްޕޯޓްސް ސިޓީގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ޓީމްތައް ފުރަތަމަ ވާދަކުރާނީ ގްރޫޕް ސްޓޭޖްގައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 13 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މި މުބާރާތުގައި މިހާތަނަށް ވާދަކުރާނެކަން ކަށަވަރުވެފައިވާ ޓީމްތަކުގެ ތެރޭގައި ޔޫރަޕްގެ އެންމެ މަޝްހޫރު ކްލަބްތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އިތުރުން ޖަރުމަންގެ ބަޔާން މިޔުނިކާއި އިޓަލީގެ އިންޓަމިލާން ހިމެނެއެވެ.

އެފްއޭއެމުން ބުނިގޮތުގައި މިއީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގްވާމީ ފެންވަރުގައި ތަޖްރިބާ ހޯދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި، އަދި މިއީ ދުނިޔޭގެ ނަން މަޝްހޫރު ކްލަބްތަކުގެ ޓީމްތަކާ ދެކޮޅަށް ރާއްޖޭގެ ޓީމަކަށް ވާދަކުރަން ލިބޭ މިކަހަލަ ފުރަތަމަ ފުރުސަތު ކަމަށެވެ.
މިދިޔަ އަހަރު އޮތް މި މުބާރާތުގައި ދުނިޔޭގެ ފަސް ބައްރަކުން 20 ޓީމް ބައިވެރިވިއިރު އެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ޔުވެންޓަސް އާއި ސެލްޓަވީގޯ އެވެ. އެ މެޗް 0-1 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސެލްޓަވީގޯ އެވެ.

ދުބާއީގައި އޮންނަ މުބާރާތަށް ދާ 13 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނާއި އަދި އެކުޅުންތެރިންގެ ބެލެނިވެރިންނާ ރޭ އެފްއޭއެމުން ވަނީ ބައްދަލުވެސްކޮށްފައެވެ. ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރުން ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް އާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!