އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ރޭ މެންޗެސްޓަރ ޔުނައިޓެޑުން ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ 1-0 އިން ބަލިކުރި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ސިޓީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ. މިދެޓީމު ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު 3-1 އިން ސިޓީ ކާމިޔާބުކުރުމުން އެގްރިގޭޓް ނަތީޖާއިން އެޓީމަށް ކުރި ލިބުނީ 3-2 އިންނެވެ.
ފައިނަލުގައި ސިޓީ ވާދަކުރާނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވި އެސްޓަން ވިލާއާ އެވެ. ވެމްބްލީ ސްޓޭޑިއަމްގައި ފައިނަލް މެޗު ކުޅޭނީ މާޗް މަހުގެ އެއް ވަނަ ދުވަހު އެވެ. ސިޓީން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދާފައިވަނީ އަށް ފަހަރު ޗެމްޕިއަންކަން ހޯދި ލިވަޕޫލެވެ. ސިޓީން ވަނީ ހަ ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ދެ މެޗަށް ބަލާއިރު ސިޓި މޮޅު ކަމަށާއި، އެޓީމަށް ދިމާވީ ނިންމާލުމުގެ މައްސަލަ ކަމަށެވެ.
“180 މިނެޓަށް ބަލާއިރު އަހަރެމެން ޔުނައިޓެޑަށް ވުރެ މޮޅަށް ކުޅުނީ. ގޯލު ޖަހާނެ ބައިވަރު ފުރުސަތުތައް ލިބި ބޭނުން ނުހިފި ދިޔަ. ޔުނައިޓެޑަކީ ވަރަށް މޮޅު ޓީމެއް. އެމީހުން މިރޭ ގޯލު ޖެހީ ޖެހުމަކުން ލިބުނު ފުރުސަތެއްގައި ގޯލާ އަމާޒުކުރި ފުރަތަމަ ބޯޅައިން. ދެ މެޗަށް ބަލާނަމަ އަހަރެމެން ޔުނައިޓެޑަށް ވުރެ މޮޅު” ގާޑިއޯލާ ބުންޏެވެ.
މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ ނިމެންޔާ މަޓިޗް އެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ރިޔާދް މާރޭޒް އާއި ސާޖިއޯ އަގުއޭރޯ ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވީ މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. މި ހާފު ނިމުމުގެ ކުރިން ރަހީމް ސްޓާލިން ޖެހި ގޯލެއް އޭނާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ޔުނައިޓެޑަށް ސިޓީގެ ގޯލަށް ނުރައްކާ ކުރެވިފައެއްނުވެ އެވެ. މި ހާފުގައި ޖެހުމަކުން ހެރީ މެގުއާ ބޮލުން ޖެހި ބޯޅަ ބޭރަށް ދިޔައިރު މެޗުގެ އިތުރު ވަގުތުގައި އޭރިޔާ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭ ޖެހުން ފްރެޑް ފޮނުވާލުމުން ސިޓީގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ. އިތުރު ގޯލެއް ޖަހަން ޔުނައިޓެޑުން ކުރި މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވީ 76 ވަނަ މިނެޓުގައި މަޓިޗަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މި ހާފުގައި ކައިލް ވޯކާ ފޮނުވާލި ބާރު ހަމަލާއެއް ޑެހެއާ ހިފެހެއްޓިއިރު އަގުއޭރޯ ގޯލަށް ވައްދާލި ބޯޅައެއް ވީއޭއާރުން ވަނީ ކެންސަލްކޮށްފަ އެވެ.
ރޭގެ މެޗަކީ މި ސީޒަނުގައި ސިޓީގެ ދަނޑުގައި ޔުނައިޓެޑުން ހޯދި ދެ ވަނަ މޮޅެވެ. ލީގުގައި ޔުނައިޓެޑުން ސިޓީ ދަނޑުގައި މޮޅުވީ 2-1 އިންނެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ ކުޅުންތެރިންނާ މެދު ފަހުރުވެރިވާކަމަށް ބުނެފަ އެވެ.
“އަހަރެން ފަހުރުވެރިވޭ މި ކުޅުންތެރިންނާ މެދު. ސިޓީ ދަނޑުގައި ދެ ފަހަރަށް އެޓީމު ބަލިކޮށްފި. މި ކުޅުންތެރިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފި. މެޗުގައި މާގިނަ ހުސް ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނަސް އަހަރެމެން އެޓީމަށް ޕްރެޝަރު ކުރިން. އެއީ އަހަރެންނަށް ލިބޭ ހިތްހަމަޖެހުމެއް” ސޯލްޝެއާ ބުންޏެވެ.