އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހޭމް އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި 19 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރަށުން ބޭރުގައި ތާވަލްގެ 17 ވަނައިގައި އޮތް ވެސްޓްހޭމް އާ ވާދަކޮށް ލިވަޕޫލުން މެޗް ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުގައި ކޮންމެ ޓީމަކަށް އަދި ބާކީ 14 މެޗް ކުޅެން އޮތް ނަމަވެސް ތާވަލްގެ އެއްވަނައިގައި ބޮޑު ލީޑެއް ލިވަޕޫލުން ނަގައިފައިވުމާއެކު މިފަހަރުގެ ލީގު އެޓީމުން ކާމިޔާބުކުރާނެ ކަމަށް މިހާރުވެސް ގިނަ ބަޔަކު ވަނީ ގަބޫލުކޮށްފައެވެ. 1990 ވަނަ އަހަރުގެ ފަހުން އިނގިރޭސި ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ގާތަށް ލިވަޕޫލުން އަންނައިރު ޕްރިމިއާ ލީގާއި ގުޅުންހުރި އެތައް ރެކޯޑެއް މިސީޒަނުގައި އެޓީމް މުގުރާލާނެ ކަމަށް މިހާރުވަނީ ބެލެވިފައެވެ. މިހާރު ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި ނަގައިފައިވާ 19 ޕޮއިންޓްގެ ލީޑަކީ މިހާތަނަށް އެންމެ ތަފާތު ބޮޑުކޮށް ޓީމަކުން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، ދެވަނައަށް އައި ޓީމާއި ދެމެދު އޮތް ފަރަގެވެ. މިރެކޯޑް 2017 ވަނަ އަހަރުގެ ސީޒަންގައި ހަދައިފައިވަނީ މެންޗެސްޓާ ސިޓީންނެވެ.
މިހާތަނަށް ލިވަޕޫލް ކުޅުނު 24 މެޗުން 70 ޕޮއިންޓް ހޯދައިފައިވާއިރު އެޓީމަށް އެއް ސީޒަނެއްގައި ޕްރިމިއާ ލީގުގަ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ވުމުގެ ފުރުސަތުވެސް އެބައޮތެވެ. 2017 ވަނަ އަހަރުގެ ސީޒަންގައި ހޯދި 100 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީގެ އަތުގައި މިވަގުތު އެ ރެކޯޑް އޮތްއިރު ލީގުގައި ބާކީ ލިވަޕޫލަށް އޮތް 14 މެޗްގެ ތެރެއިން 10 މެޗް ކާމިޔާބުކުތި ނަމަވެސް ލިވަޕޫލަށް ސިޓީގެ ރެކޯޑާ އަރާ ހަމަކުރެވޭނެއެވެ.
ދެން އޮތީ އެއް ސީޒަނެއްގައި އެންމެ ގިނަ މޮޅު ހޯދާ ޓީމުގެ ރެކޯޑެވެ. 2017 ވަނަ އަހަރުގެ ސީޒަންގައި މެންޗެސްޓާ ސިޓީން ހޯދި އާދަޔާ ހިލާފް ކާމިޔާބާ އެކު އެ ފަހަރުގެ ލީގުގެ 32 މެޗް ކާމިޔާބުކޮށްގެން އެ ރެކޯޑްވެސް ސިޓީން ހަދައިފައިވާއިރު ސިޓީގެ ރެކޯޑް މުގުރާލަން ލިވަޕޫލަށް ދެން ބޭނުން ވަނީ 10 މޮޅެވެ. ލިވަޕޫލް މި ސީޒަންގައި ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު މިއީ ނުވާނެ ކަމެއް ކަމަށް ބުނާ މީހުން ވަރަށް މަދުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ލިވަޕޫލުން މިފަހަރުގެ ލީގުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވެފައިވާއިރު ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗް ކާމިޔާބުކުރި ސިޓީގެ ރެކޯޑާ (18 މެޗް) އަރާ ހަމަކުރަން ލިވަޕޫލަށް ދެން ކުރަން އޮތް ހަމައެކަނި މަސައްކަތަކީ ކުރިއަށް އޮތް ތިން މެޗް ކާމިޔާބުކުރުމެވެ.
މިރެކޯޑްތަކުގެ އިތުރުންވެސް އަދި ވަރަށް ހާއްސަ އެހެން ރެކޯޑެއް މުގުރާލަނަް ލިވަޕޫލަށް ފުރުސަތު އެބައޮތެވެ. އެއީ މީގެ ގާތްގަނޑަކަށް 16 އަހަރުކުރިން ބަލި ނުވެ ލީގުގައި 49 މެޗް ހަމަކޮށްގެން އާސެނަލްއިން އެޓީމްގެ ރަން ދުވަސްަވަރު ހަދައިފައިވާ ތާރީހީ ރެކޯޑެވެ. އެއްވެސް މެޗަކުން ބަލި ނުވެ މުޅި ސީޒަން ނިންމާލުމާއި ލީގުގައި ބަލި ނުވެ އެންމެ ގިނަ މެޗް ހަމަކުރާ ޓީމްގެ ޝަރަފް ލިވަޕޫލުން މިފަހަރު މިފަހަރު ހޯދައިފާނެ ކަމަށް ގަބޫލުކުރާ މީހުން އަމުދުން މިހާރު މަދު ނުވާނެ ކަމަށް ބެލެވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 35 ވަނަ މިނެޓްގައި ވެސްޓްހޭމްގެ ޑިފެންޑަރު އިއްސާ ދިއޫޕް ލިވަޕޫލްގެ ޑިވޯކް އޮރިގީ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާހު ގޯލްގެތެރެއަށް ވައްދާލައިގެންނެވެ. މެޗްގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުރިން އާސެނަލްއަށް ކުޅުނު އެލެކްސް އޮކްސްލޭ ޗެމްބަލެއިން އެވެ.
ރޭގެ މެޗްގައި ވެސްޓްހޭމް އަށްވެސް ލަނޑުޖަހާނެ ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވިއިރު މެޗްގެ ނަތީޖާ 0-3 އަށް ބަދަލުކޮށްލަން ލިވަޕޫލްގެ ސަލާހް އަށް ރަގަޅު ފުރުސަތެއް ލިބުނެވެދ. އެހެން ނަމަވެސް ޕެނަލްޓީ އޭރިޔާގެ ބޭރުން ސަލާހް އަށް ލިބުނު ބޯޅަ ވެސްޓްހޭމްގެ ގޯލާ އަމާޒުކޮށް ފޮނުވާލުމުން ގޮސްޖެހުނީ ދަނޑީގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން 24 މެޗް ކުޅެފައިވާއިރު ރޭ ލިވަޕޫލުން ހޯދި މޮޅަކީ މި ސީޒަނުގައި އެޓީމުން ހޯދި 23 ވަނަ މޮޅެވެ. އަދި މިއީ އެޓީމް ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗަށް ވުމުގެ އިތުރުން އެޓީމުން ވަނީ ލީގުގައި ބަލިނުވެ 41 މެޗް ރެއާ ހަމައަށް ހަމަކޮށްފައެވެ. އެންމެފަހުން ލީގުގައި ލިވަޕޫލް ބަލިވެފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުންނެވެ.