ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސްޕެއިންގެ ރަފައެލް ނަޑާލް ބަލިކޮށް މުބާރާތުގެ ފަސް ވަނަ ސީޑް އޮސްޓްރިއާގެ ޑޮމިނިކް ތިއެމް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލް މެޗުން ނަޑާލް ބަލިވުމުން މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާ ފެޑެރާގެ ރެކޯޑާ އެއްވަރުކުރަން ނަޑާލްއަށް ލިބުނު ފުރުސަތު ގެއްލުނީ އެވެ. ފެޑެރާ ވަނީ މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.
މީގެ އިރުކޮޅެއް ކުރިން ނިމުނު މުބާރާތުގެ ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލްގެ ފަހު މެޗްގައި ތިއެމް އަތުން ނަޑާލް ބަލިވީ 3 ސެޓް 1 ސެޓުންނެވެ. އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ކުޅުނު މި މެޗްގެ ސެޓްތައް ނިމިފައިވަނީ 6-7، 6-7، 6-4 އަދި 6-7 އިންނެވެ. މިދިޔަ ދެ އަހަރުގެ ފްރެންޗް އޯޕަން ފައިނަލްގައި ނަޑާލް އަތުން ބަލިވި 26 އަހަރުގެ ތިއެމް ވަނީ ހަތަރު ގަޑިއިރަށް ދިގު ދެމިގެންދިޔަ މިއަދުގެ މެޗްގައި ވަރުގަދަ ކުޅުމެއް ދައްކައިފައެވެ.
ސެމީ ފައިނަލްގައި ތިއެމް ބައްދަލުކުރަން ޖެހޭނީ ޖަރުމަންގެ އެލެގްޒެންޑާ ޒްވެރޭވް އާއެވެ. މި މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މިއީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި މިދެކުޅުންތެރިން ކުޅޭ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލްގެ އަނެއް މެޗްގައި ވާދަކުރާނީ ސާބިއާގެ ނޮވާކް ޖޮކޮވިޗް އާއި ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އެވެ.