ފުރަތަމަ ސަފްޙާ / ޚަބަރު / އީގަލްސް އިން ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި

އީގަލްސް އިން ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 29 ޖެނުއަރީ 2020

ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ކަށަވަރުކޮށްފި އެވެ. ބާކީ މެޗެއް އޮއްވައި އީގަލްސް އަށް ދެ ވަނަ މަގާމް ޔަގީންވީ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް ލިބުމުންނެވެ.

އީގަލްސް އަށް 42 ޕޮއިންޓާއެކު ދެ ވަނަ މަގާމް ލިބުނުއިރު ޓީސީ އަށް ތިން ވަނަ މަގާމް ޔަގީންވީ 38 ޕޮއިންޓާއެކު އެވެ. 26 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި 24 ޕޮއިންޓާއެކު އޮތީ މިއަދުގެ މެޗުން ބަލިވި ދަ ގްރާންޑޭ އެވެ. 20 ޕޮއިންޓާއެކު ހަ ވަނައިގައި އޮތީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ވަނީ ބާކީ މެޗެއް އޮއްވައި 51 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ފަހު މެޗުގައި އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ޓީސީ ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. މި މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިމުނަސް ލީގު ތާވަލަށް ބަދަލެއް ނާންނާނެ އެވެ.

ދެ ވަނަ ޔަގީންވުމާއެކު އީގަލްސް އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރުސަތު ބޮޑުވެފަ އެވެ. ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން މާޒިޔާއަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބިފައިވާއިރު ޕްރިލިމިނަރީ ކޮލިފައިން ބުރުން ފުރުސަތު ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށެވެ. އެކަމަކު އެއް ޓީމަކުން ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދާ ޓީމަކަމަށެވެ. 2018 ވަނަ އަހަރުގެ ސީޒަނުގައި އެފްއޭ ކަޕް ނުކުޅޭތީ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން މާޒިޔާ މިއަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ކޮލިފައިންގައި ވާދަކުރާނެ އެވެ. ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗުތައް އޮންނާނީ އަންނަ މަހު އެވެ.

މިއަދުގެ މެޗަށް ދަ ގްރާންޑޭގެ ޔަސްފާދު ހަބީބު (މުލަކޭ) ހުރީ ސަސްޕެންޝަނުގަ އެވެ. މިދިޔަ ދެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިވާ ނުވާ އަލީ ފާސިރު (ސެންޓޭ) މިއަދު ވަނީ ކުޅެފަ އެވެ. މެޗު ފެށިގެން އަށް ވަނަ މިނެޓުގައި އީގަލްސް އަށް ލީޑު ނަގައިދިނީ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. އަރިމަތިން އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަސް ޓޮޝީކީ ގޯލަށް ވައްދާލީ ބޮލުންނެވެ. 22 ވަނަ މިނެޓުގައި އީގަލްސްގެ ލީޑު ފުޅާކޮށްދިން ގޯލު ޖެހީ ރިޒޭ އެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ހުރަސް ރިޒޭ ގޯލުގެ ތެރެއަށް ފޮނުވާލީ ހުސްކޮށްހުރެ އެވެ. އީގަލްސްގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ދެ ވަނަ ގޯލު ޖެހި ރިޒޭ އެވެ. މިއީ އޭނާގެ ކޮއްކޮ 16 އަހަރުގެ ޒައިން ޒަފަރު ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ތިރީ ކަނަށް ފޮނުވާލައިގެން ރިޒޭ ޖެހި ލަނޑެކެވެ. މެޗުގައި ޒައިން ކުޅެން އެރީ ސެންޓޭގެ ބަދަލުގައި 89 ވަނަ މިނެޓުގަ އެވެ. މިއަދު ޖެހި ދެ ގޯލާއެކު ރިޒޭ ވަނީ ސީޒަނުގައި 27 ގޯލު ޖަހައި ލަނޑު ލިސްޓުގެ އެއް ވަނައިގައި ހަމަޖެހިލައިފަ އެވެ. ލިސްޓުގެ ދެ ވަނައިގައި އޮތީ 18 ގޯލު ޖަހާފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސް ޓީމުގެ އިމްރާން ނަޝީދު އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ އެވެ. މިރޭގެ މެޗު ކާމިޔާބުކޮށްގެން ގްރީން ސްޓްރީޓްސް އަށް ހަތަރު ވަނަ ކަށަވަރުކުރެވޭނެ އެވެ. ގަދަ ހަތަރަކުން ފުރުސަތު ހޯދަން ކުރިއަށް އޮތް ދެ މެޗު ކާމިޔާބު ކުރުން ނޫން ގޮތެއް ފޯކައިދޫއަކަށް ނެތެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!