ޕޯޗްގަލްގެ ސްޕޯޓިން ލިސްބަން އަށް ކުޅެމުން އަންނަ 25 އަހަރުގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމާ ގާތަށް އަތުވެއްޖެ އެވެ. ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު ފެށުނީއްސުރެ މެންޗެސްޓާ ޔުނައިޓެޑުން ފެނާންޑެސް ގަތުމާއި ގުޅޭގޮތުން ސްޕޯޓިންގް ލިސްބަންއާ ވާހަކަދައްކަމުން އައި ނަމަވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި އޮތީ ސްޕޯޓިންގް އިން ކިޔަމުން އައި 80 މިލިއަން ޔޫރޯގެ އަގާއި ޔުނައިޓެޑުން އެއްބަސްނުވެގެންނެވެ.
އެހެން ނަމަވެސް އަންގާރަ ދުވަހު ދެ ކްލަބްގެ ދެމެދުގައި ބޭއްވި ވާހަކަތަކަށްފަހު ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވުމުން ކުޅުންތެރިޔާ ޔުނައިޓެޑަށް ގެނެވޭނެ ކަމުގެ އިތުބާރު އެ ކްލަބަށް މިހާރު ވަނީ ބޮޑުވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މި އެއްބަސްވުމުގައިވާގޮތުން ފެނާންޑޭސްގެ ފީގެ ގޮތުގައި ޔުނައިޓެޑުން ފުރަތަމަ ދައްކަން ޖެހޭނީ 55 މިލިއަން ޔޫރޯ އެވެ. އެކަމަކު ވަކިވަކި ޓާގެޓްތަކެއް ހާސިލްވުމުން ފަހުން ދައްކަންޖެހޭގޮތަށް އެއްބަސްވެފައިވާ އަދަދުތަކާއެކު ޔުނައިޓެޑުން ކުޅުންތެރިޔާގެ ފީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ އަގު 80 މިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ފަހުން ދައްކަންޖެހޭ އަދަދުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ ދައްކަން އެއްބަސްވެފައިވާ 10 މިލިއަން ޔޫރޯ އާއި ފެނާންޑޭސް އަށް ދީފައިވާ ޓާގެޓް ތައް ހާސިލްވުމުން ދައްކަންޖެހޭ 15 މިލިއަން ޔޫރޯ ހިމެނެ އެވެ.
ފެނާންޑޭސް މެންޗެސްޓާ ޔުނައިޓެޑަށް ގެނައުމުގެ އެއްބަސްވުން ފުރިހަމަވެއްޖެނަމަ މިއީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މިހާތަނަށް ޕްރިމިއާ ލީގުގެ ކްލަބަކުން ހަދާ އެންމެ ބޮޑު ޑީލަށް ވެގެންދާނެ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ އެންމެ އިސްކަމެއް މިފަހަރުގެ ޓްރާންސްފާ ބާޒާރާ ދިމާކޮށް ދީފައިވަނީ ޓީމްގެ މެދުތެރެ ވަރުގަދަކުރުމަށެވެ.
ފެނާންޑޭސް އިޓަލީގެ ސަމްޕްޑޯރިއާ އިން އޭނާ މިހާރު ކުޅެމުން އަންނަ ކްލަބް ސްޕޯޓިންގް ލިސްބަންއަށް ބަދަލުވީ 2017 ވަނަ އަހަރު 7.2 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިހާތަނަށް ސްޕޯޓިންގް ލިސްބަންގެ ޖޯޒީގައި 137 މެޗް ފެނާންޑެސް ކުޅެފައިވާއިރު އޭނާ ވަނީ 64 ގޯލް އެ ކްލަބަށް ކާމިޔާބުކޮށްދިނުމުގެ އިތުރުން އެ ކްލަބަށް މިދިޔަ ސީޒަންގައި ޕޯޗުގީޒް ކަޕް ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ. މީގެ އިތުރުން ފެނާންޑޭސް އަކީ މިދިޔަ ދެ ސީޒަންގައިވެސް ޕޯޗުގީޒް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ފެނާންޑޭސްގެ ގައުމީ ހިދުމަތަށް ބަލާއިރު އޭނާ ވަނީ ގައުމީ ޓީމަށް 19 މެޗް ކުޅެދީފަ އެވެ. ފެނާންޑޭސް އަކީ ޔޫއެފާ އިން އަލަށް ތައާރަފްކުރި ޔޫއެފާ ނޭޝަންސް ލީގު މިދިޔަ އަހަރު ކާމިޔާބުކުރި ޕޯޗުގަލް ޓީމުގައިވެސް ހިމެނުނު ކުޅުންތެރިއެކެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ މެޑިކަލް ހެދުމަށްޓަކައި ފެނާންޑޭސް ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އިނގިރޭސި ވިލާތަށް ދަތުރުކުރާނެ އެވެ. ފެނާންޑޭސް ހޯދުމަށްޓަކައި ސްޕެއިންގެ ބާސެލޯނާ އިން ވެސް ވަނީ މަސައްކަތްކޮށްފަ އެވެ.
ޕޯޗުގީޒް ލީގުގެ މޮޅު ކުޅުންތެރިޔާ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރަނީ
ކޮމެންޓްސް
ކޮމެންޓެއް ލިޔުއްވާ
އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!
# މަޤުބޫލު ލިޔުންތައް
# ފަހުގެ ޚަބަރުތައް
ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
4 ދުވަސް ކުރިން
ޑައިމަންޑް ޖުބިލީ ޖޫނިއާ މުބާރާތުގެ ފައިނަލްގައި އަހްމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ
5 ދުވަސް ކުރިން
އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފައިނަލުގައި ނައިވާދޫ އާއި ދެއްވަދޫ މިރޭ
5 ދުވަސް ކުރިން