އިނގިރޭސި އެފްއޭ ކަޕް ފަތަރުވަނަ ބުރުގައި ރޭ ހަލް ސިޓީ ބަލިކޮށް، ޗެލްސީ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ. އިންގްލިޝް ޗެމްޕިއަންޝިޕުގައި ކުޅޭ ހަލް ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް ޗެލްސީ ކާމިޔާބުކުރީ 2-1 އިންނެވެ.
ރޭގެ މެޗް ފަށައިގެން ހަވަނަ މިނިޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މިޗީ ބަޓްޝުއާއީ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީގެ ޗެލްސީގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޒުވާން ޑިފެންޑަރ ފިކަޔޯ ޓޮމޯރީ އެވެ. ޓޮމޯރީ މި ގޯލް ޖެހީ ރޮސް ބާކްލޭ ހިލޭޖެހުމަކުން އޭރިޔާރެތެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޓޮމޯރީ ވަނީ 2017-2018 ސީޒަނުގައި ލޯނު އުސޫލުން ހަލް ސިޓީއަށް ކުޅެފައެވެ. އެ ސީޒަނުގައި ހަލް ސިޓީ އެފްއޭ ކަޕުން ކެޓީ މުބާރާތުގެ ފަސްވަނަ ބުރުގައި ޗެލްސީ އަތުން 4-0 އިން ބަލިވެގެންނެވެ.
ހަލް ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނިޓުގައި ބަދަލުކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ކަމިލް ގްރޮސިސްކީ އެވެ. ގްރޮސިސްކީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް ވަނީ ކުރިމަތީ ފާރަށް އެތުރިގެން ތިބި ކުޅުންތެރިއެއް ފައަގައި ޖެހި، ކީޕަރު ވިލީ ކަބަލޭރޯގެވެސް ބޯމަތިންނެވެ.
????RESULTS ROUND-UP ????
Here's all the scorelines from Saturday's #EmiratesFACup action ???? pic.twitter.com/QstdEnrxqr
— Emirates FA Cup (@EmiratesFACup) January 25, 2020
އެފްއޭ ކަޕުގައި ރޭ ކުޅުން އެހެން ބައެއް މެޗްތަކަށް ބަލައިލާއިރު ލެސްޓާ ސީޓީން ވަނީ ތަށޫން ބޭރުގައި ބްރެންޓްފޯޑް ބަލި ކޮށްފައެވެ. ލެސްޓާ ސިޓީން 1-0 އިން ކާމިޔާބުކުރި މިމެޗުގެ ހަމައެކަނި ލަނޑު މެޗްގެ ވަރަށް ކުރީކޮޅު ކާމިޔާބު ކޮށްދިނީ ކެލެޗީ އިހެނާޗޯ އެވެ. ސައުތުހެމްޓަން އިން އަމިއްލަ ދަނޑުގައި ޓޮޓެންހަމް އާ 1-1 އިން އެއްވަރުކުރި މެޗުގައި ފުރަތަމަ ގޯލް ޖެހީ ޓޮޓެންހަމް އިންނެވެ. ދެވަނަ ހާފް ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ސޮން ހެއުން މިން އެޓީމަށް ލީޑު ނަގައިދިންނަމަވެސް ސައުތުހެމްޓަންއަށް ނަތީޖާ އެއްވަރު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް ސޮފިއާން ބޫފާލް އެވެ. މި ދެޓީމް ކުޅޭ ރީޕްލޭ މެޗް އޮންނާނީ ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ޓޮޓެންހަމްގެ ދަނޑުގައެވެ.
މިމުބާރާތުގެ ހަތަރުވަނަ ބުރުގެ މެޗްތަކެއް މިރޭވެސް ކުޅޭނެއެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން އަމިއްލަ ދަނޑުގައި ފުލަމް އާދެކޮޅަށް ނުކުންނަ މެޗް ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރެވެ. މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ޓްރެންމެރޭ ރޯވާސް އާދެކޮޅަށް ކުޅޭ މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރެވެ. އެއަށް ފަހު މިރޭ 10 ޖަހާއިރު ލިވަޕޫލް އިން ރަށުން ބޭރުގައި ނުކުންނާނީ ޝްރޫސްބަރީ ޓައުން އާ ދެކޮޅަށެވެ.