ފުރަތަމަ ސަފްޙާ / ޚަބަރު / ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އަލުން ދެ ވަނަ އަށް

ގްރީން ސްޓްރީޓްސް ބަލިކޮށް އީގަލްސް އަލުން ދެ ވަނަ އަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 25 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 4-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ކްލަބް އީގަލްސް އަލުން ތާވަލުގެ ދެ ވަނަ އަށް އަރައިފި އެވެ.

މޮޅާއެކު އީގަލްސް އަށް ދެ ވަނަ ލިބުނީ 19 މެޗުން 39 ޕޮއިންޓާއެކު އެވެ. ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުން މޮޅުވި ޓީސީ ސްޕޯޓްސް ކްލަބް 36 ޕޮއިންޓާއެކު މިހާރު އޮތީ ތިން ވަނައިގަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ވަނީ ބާކީ ދެ މެދު އޮއްވައި 50 ޕޮއިންޓް ހަމަކޮށްފަ އެވެ. ގްރީން ސްޓްރީޓްސް ވަނީ ތިން ވަނަ ބުރުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެފަ އެވެ. މި ބުރުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ބަލިވިއިރު ދެ ވަނަ މެޗުގައި ބަލިވީ މާޒިޔާ އަތުންނެވެ. ގްރީން އޮތީ 26 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެޓީމަށް މިހާރު ވަނީ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލިފަ އެވެ. ލީގުގެ ފަސް ވަނައިގައި 24 ޕޮއިންޓާއެކު ދަ ގްރާންޑޭ އޮތްއިރު ހަ ވަނައިގައި އޮތީ 20 ޕޮއިންޓް ލިބިފައިވާ ފޯކައިދޫ އެވެ.

Dhiraagu Dhivehi Premier League
Club Eagles defeat Club Green Streets!
(Photo: FAM/Ibrahim Faid) pic.twitter.com/EKl3MVOXGt

— Fahuminet (@fahuminet) January 25, 2020

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ހާފުގައި އީގަލްސްގެ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އޭރިޔާ ތެރޭ ހުސްކޮށްހުރެ ޖެހި ބޯޅަ ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމްގެ އަތުގައި ޖެހިފައި ޖެހުނީ ހުރަސް ދަނޑީގަ އެވެ. އޭގެ ފަހުން އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ ކީޕަރު އަލީފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އަރިމަތިން އިބްރާހީމް ޝަފްރާޒް (ޝަފްލޭ) ނަގައިދިން ހުރަސް އައްމަޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ އޭރިޔާތެރޭ ހުހަށް ހުރެ އެވެ. ގްރީން ސްޓްރީޓްސް ލީޑު ނަގާފައިވަނިކޮށް ފަސް މިނެޓު ފަހުން އީގަލްސްގެ ރިޒޭ ޖެހި ގޯލުން ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ. އޭރިޔާ ތެރޭގައި ހުރި އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ގައިގައި ޖެހިފައި ރިޒޭ އަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އެއް ފަހަރުން ޖަހަ އެވެ.

Dhiraagu Dhivehi Premier League
2 games remaining …. ???? pic.twitter.com/YJuZy0s2ny

— Fahuminet (@fahuminet) January 25, 2020

އީގަލްސް އިން ފުރަތަމަ ފަހަރަށް ލީޑު ނެގި ގޯލު 58 ވަނަ މިނެޓުގައި ޖެހީ ހަންނަ އެވެ. ލިބުނު ކޯނަރެއް ރިޒޭ ކައިރީގައި ހުރި ހަންނަ އަށް ޖައްސާލުމުން، ހަމި އޭންގަލަކުން ހަންނަ ފޮނުވާލި ބޯޅަ މަތިން ގޮސް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އޭގެ ދެ މިނެޓު ފަހުން އީގަލްސްގެ ތިން ވަނަ ގޯލު ޓޮޝީކީ ޖެހީ ރިޒޭ ދިން ބޯޅައެއް ހޯދުމަށް ފަހު އޭރިޔާ ބޭރުގައި ހުރެފައި ކަނަށް ވައްދާލައިގެންނެވެ. ޓޮޝީކީ ގޯލު ވައްދާލީ ގްރީން ސްޓްރީޓްސްގެ ދެ ޑިފެންޑަރުން ކުރިމަތީގައި ތިއްބަ އެވެ. އީގަލްސްގެ ފަހު ގޯލު 77 ވަނަ މިނެޓުގައި ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިޒޭ އެވެ. އަލީ ފާސިރު (ސެންޓޭ) ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ރިޒޭ ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ. މިއީ ލަނޑު ލިސްޓުގެ ކުރީގައި އުޅޭ ރިޒޭ މި ސީޒަނުގައި ޖެހި 25 ވަނަ ގޯލެވެ. ގްރީން ސްޓްރީޓްސް އިން މެޗުގެ ދެ ވަނަ ގޯލު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ މުހައްމަދު މުސްލިހު އެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި މާޒިޔާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!