ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކަށް ޖޫން މަހު ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދެވޭ ގޮތަށް ކޮކާކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.
މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ކޮކާކޯލާ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސޮކަ މޭޓްސް އިން އިންތިޒާމުކޮށްގެން އިއްޔެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅުނު “ލެޖެންޑްސް ކަޕް” ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގަ އެވެ. ޕްރޮމޯޝަން ފައްޓަވައިދެއްވީ ކޮކާކޯލާގެ ޖެނެރަލް މެނޭޖަރ އޮފް އޮޕަރޭޝަންސް މިލިން ދެރްސާރީ އެވެ. އަދި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ލެޖެންޑުންގެ ޓީމުތަކުގެ ކެޕްޓަނުން ކަމަށްވާ އައްސަދު އަބްދުލްގަނީ އާއި އިސްމާއީލް އަނިލްގެ އިތުރުން ސޮކަ މޭޓްސްގެ ރައީސް ހަސަން މަނިކް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، ރަން މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާ ފުޅީގެ މަތިގަނޑުގެ ދަށުގައި އިންނަ ނަންބަރު 2626 އަށް އެސްއެމްއެސް ކުރުމުންނެވެ. އެސްއެމްއެސް ކުރަންޖެހޭނީ ރަން މަތިގަނޑު ޖަހާފައި ހުންނަ ކޮކާކޯލާގެ 300 އެމްއެލް އާއި 500 އެމްއެލް އަދި 1.5 ލީޓަރުގެ ފުޅީގައި އިންނަ މަތިގަނޑުގެ ދަށުގައި ހުންނަ ނަންބަރުތަކެވެ. މިފަހަރުގެ ނަސީބުވެރިންނަށް ހޮވޭ 10 މީހަކަށް ބައިވެރިއާއާއެކު ރިޕަބްލިކް އޮފް އަޔަލެންޑުގައި ކުޅޭ ޔޫރޯ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. ޕްރޮމޯޝަންގެ ދަށުން ހޮވޭ ނަސީބުވެރިންގެ ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ކޮކާކޯލާއިންނެވެ.
ޔޫރޯ މެޗެއް ބަލާލުމުގެ އިތުރުން ނަސީބުވެރި ފަރާތްތައް ހޮވައި އައިފޯން 11 އާއި އެލްއީޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށް ކޮކާކޯލާއިން ވަނީ ބުނެފަ އެވެ. އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރީ އަހަރުތަކުގައި ވެސް ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ކޮކާކޯލާއިން ވަނީ މިފަދަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. މިދިޔަ އަހަރު ކޮކާކޯލާއިން ވަނީ އެސްއެމްއެސް ކޮށްގެން ހޮވޭ ނަސީބުވެރިންނަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލުމުގެ ފުރުސަތުދީފަ އެވެ. އަދި، 2018 ވަނަ އަހަރު ރަޝީއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ކޮކާކޯލާއިން ވަނީ މެޗުތައް ބަލަން ދިއުމުގެ ފުރުސަތު ސަޕޯޓަރުންނަށްދީފަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮންނާނީ ޔޫރަޕްގެ ތަފާތު 12 ސިޓީއެއްގަ އެވެ. ޔޫރޯ މުބާރާތް ވަކި ގައުމެއްގައި ހޯސްޓު ނުކުރަން މިފަހަރު ނިންމީ މުބާރާތް ބާއްވަން ފެށިތާ 60 އަހަރުވީ މުނާސަބަތާ ގުޅުވައިގެންނެވެ. ކޮކާކޯލާގެ ނަސީބުވެރިން ދިއުމަށް ހަމަޖެހިފައިވާ އަޔަލެންޑުގެ ޑަބްލިންގައި ހުންނަ އަވީވާ ސްޓޭޑިއަމްގައި ކުޅޭނީ ޔޫރޯގެ ގަދަ 16 ގެ މެޗެކެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ ޖޫން 12 އިން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށެވެ.