އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އާ ވާދަކޮށް 1-2 އިން މޮޅުވެ ލިވަޕޫލުން ޓޭބަލްގެ އެއް ވަނައިގައި 16 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ރަށުން ބޭރުގައި ޓޭބަލްގެ ހަތްވަނައިގައި އޮތް ވުލްވްސްގެ މައްޗަށް މެޗް ނިމެން ގާތްވެފައިވަނިކޮށް ލިވަޕޫލުން ހޯދި މޮޅާއެކު އެޓީމަށް ބޮޑު ލީޑެއް ލިބުނުއިރު ލީގަށް ވާދަކުރަމުންއައި ޓީމްތަކަށްވުރެ ލިވަޕޫލުން ކުޅެފައިވާ މެޗްގެ އަދަދުވެސް މަދެވެ.
މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ލިވަޕޫލުން 23 މެޗް ކުޅެފައިވާއިރު ރޭ އެމީހުން އެ ހޯދީ 22 ވަނަ މޮޅެވެ. 67 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ލިވަޕޫލްގެ މަގާމް އެޓީމުން ވަރުގަދަކުރިއިރު ލިވަޕޫލަށްވުރެ އިތުރަށް އެއް މެޗް ކުޅެގެން 51 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. 24 މެޗް ކުޅެގެން 48 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ލެސްޓާ ސިޓީ އެވެ.
ރޭގެ މެޗްގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީވެސް ލިވަޕޫލުންނެވެ. މެޗްގެ އަށް ވަނަ މިނެޓްގައި ލިވަޕޫލަށް ލީޑް ލިބުނީ އެޓީމަށް ލިބުނު ކޯނަރެއްގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ހުރަސްކޮށްލި ބޯޅަ އެ ޓީމްގެ ކެޕްޓަން އަދި މުޅި ޓީމްގެ ހިތް ކަމުގައިވާ ޖޯޑަން ހެންޑަސަން ބޮލުންޖަހައި ވައްދާލި ގޯލުންނެވެ. މި ސީޒަންގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ހެންޑަސަން ރޭގެ މެޗްގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކައި މޭން އޮފް ދަ މެޗްގެ މަގާމް ހާސިލްކޮށްފައެވެ.
މެޗްގެ ފުރަތަމަ ހާފް ލިވަޕޫލުން ކުރީގައި އޮވެ ނިންމާލި ނަމަވެސް ފަހު ހާފް ފަށައިގެން ވުލްވްސް އިން ކުޅުން ރަގަޅުކޮށް 51 ވަނަ މިނެޓްގެ ތެރޭގައި މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. ވުލްވްސް އިން ލިވަޕޫލްގެ ލީޑް ކެންސަލްކުރި ލަނޑަކީ އެޓީމްގެ އެޑަމާ ޓްރައޯރޭ ދިން ބޯޅައެއް ލިވަޕޫލްގެ ގޯލަށް ވައްދާލައިގެން ރައުލް ޖިމިނޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗްގައި މި ދެ ކުޅުންތެރިންވެސް ވަނީ މޮޅު ކުޅުމެއް ދައްކައި ލިވަޕޫލްގެ ޑިފެންސް ލައިނަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި އެހެން ޓީމަކުން ނުކުރާ ވަރަށް ބާރުބޮޑުކޮށްފައެވެ. އެކަމަކު ލިވަޕޫލްގެ އަގުބޮޑު ގޯލްކީޕަރު ބްރެޒިލްގެ އެލިސަންގެ ހުށިޔާރުކަމާއެކު ލިވަޕޫލް ސަލާމަތުގެ އައްސޭރިން ބޭރުވިޔަ ނުދީ ހިފެހެއްޓިއެވެ.
ރޭގެ މެޗްގައި ވުލްވްސްގެ ފޯވާޑް ޖިމިނޭޒް ލިވަޕޫލްގެ ގޯލަށް ވައްދާލި ލަނޑަކީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗްގެ ފަހުން ލީގުގައި ލިވަޕޫލްގެ ގޯލަށް ވަތް ފުރަތަމަ ލަނޑެވެ. ލިވަޕޫލަށް ރޭގެ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗް ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ މި ސީޒަންގައި ލިވަޕޫލަށް މުހިއްމު ގޯލްތަކެއް ކާމިޔާބުކޮށްދެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. ފިރްމީނޯގެ ލަނޑަށްފަހު މެޗުން ޕޮއިންޓެއް ހޯދަން ވުލްވްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ވުލްވްސް އިން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރުވި ޑިއޮގޯ ޖޯޓާ އަށް ލިބުނު ހުސް ފުރުސަތުގެ ބޭނުންހިފޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗްގައި ލިވަޕޫލަށް ކުރިމަތިވި ހަމައެކަނި ހާސްކަމަކަށްވީ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެންމެ ފަހުން ހާސިލްކުރި ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ލިބުނު އަނިޔާ އެވެ. މާނޭގެ ކުޑަކަޅުވާ އަށް ރޭގެ މެޗްގައި ލިބުނު އަނިޔާ އާ ގުޅިގެން މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާ ބަދަލުކުރި ނަމަވެސް އެ އަނިޔާއާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.