އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އަމިއްލަ ދަނޑުގައި 3-1 އިން ރޯމާ ބަލިކޮށް ޔުވެންޓަސް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ސެމީގައި ޔުވެންޓަސް ވާދަކުރާނީ އަންނަ ހަފްތާގައި އޭސީ މިލާނާއި ޓޮރީނޯ ވާދަކުރާ ކުއާޓާ ފައިނަލް މެޗުން ކުރި ހޯދާ ޓީމަކާ އެވެ. ޔުވެންޓަސްގެ އިތުރުން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ އަނެއް ޓީމަކީ ލާޒިއޯގެ މައްޗަށް ކުރި ހޯދި ނަޕޯލީ އެވެ. އަނެއް ސެމީގައި ނަޕޯލީ ނުކުންނާނީ އިންޓަ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު ޖެހީ ގޮންޒާލޯ ހިގުއައިން ނަގައިދިން ހުރަހަކުން މިވަގުތު ރަނގަޅު ފޯމެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގައި ރޮނާލްޑޯ ޖެހި 13 ވަނަ ގޯލެވެ. އަދި، މި އަހަރު ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ރޮނާލްޑޯ މިހާރު ވަނީ ހަތް ގޯލު ޖަހައިފަ އެވެ. ރޭގެ ގޯލަކީ އިޓާލިއަން ކަޕްގައި ރޮނާލްޑޯ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. މި ގޯލާއެކު 34 އަހަރުގެ ރޮނާލްޑޯ މިހާރު ވަނީ 15 ކްލަބް މުބާރާތުގައި ގޯލު ޖަހައިފަ އެވެ.
ރޮނާލްޑޯގެ ގޯލަށް ފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުވެންޓަސް އިން ދެ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ބެންޓަންކުއާ އާއި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. މެޗުގައި ރޯމާ އިން ޖެހި ގޯލަކީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.