ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ލީޑުގައި އޮއްވައި ފަހަތުން އަރައި ޖެހި ގޯލުތަކުން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. ރޭގެ މެޗުން ޓީސީ މޮޅުވީ 3-1 އިންނެވެ.
މި މޮޅާއެކު ޓީސީ ވަނީ 34 ޕޮއިންޓާއެކު ދެ ވަނައިގައި އޮތް އީގަލްސްއާ ދެ ޕޮއިންޓަށް ކައިރިކޮށްފަ އެވެ. ދެޓީމުން ވެސް 18 މެޗު ކުޅެފައިވާއިރު އީގަލްސް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. އެއް ވަނައިގައި 47 ޕޮއިންޓާއެކު އޮތް މާޒިޔާ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ލީގުގެ ދެ ވަނަ މަގާމަށް އީގަލްސް އާއި ޓީސީން ވާދަކުރާއިރު ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ ތިން މެޗެވެ.
ރޭ މެޗަށް ނުކުތްއިރު ދެޓީވެސް އޮތީ އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ ރަނގަޅު ފޯމެއްގަ އެވެ. ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީސީން 1-0 އިން އީގަލްސް ބަލިކުރިއިރު ދަ ގްރާންޑޭ ވަނީ ކްލަބް ގްރީން ސްޓްރީޓްސް 5-2 އިން ބަލިކޮށްފަ އެވެ.
މެޗުގެ ފުރަތަމަ އެގާރައިގައި ޓީސީން ވަނީ ދާދިފަހުން އެޓީމަށް ގެނައި ސެއިންޓް ވިންސެންޓުގެ ފޯވާޑް މެލްކޮމް ކަސިއުސް ސްޓެވާޓް ބެންޗުގައި ހިމަނައިފަ އެވެ. ސަސްޕެންޝަނަށް ފަހު މުހައްމަދު އައްޒާމް އަލުން ކުޅުނުއިރު އަނިޔާގެ ސަބަބުން ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) ރޭވެސް ނުކުޅެ އެވެ.
Dhiraagu Dhivehi Premier League
TC Football Club 3-1 Da Grande Amigos New Generation SC
(Photo: FAM / Ibrahim Faid) pic.twitter.com/zJiZopXv4a— Fahuminet (@fahuminet) January 21, 2020
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ވަނީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ދަ ގްރާންޑޭ އަށް ލީޑު ނަގައިދީފަ އެވެ. އޮބައިދާ ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. ދަ ގްރާންޑޭ ލީޑުގައި އޮއްވައި ޓީސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 12 މިނެޓުގައި އަލީ އަޝްފާގް (ދަގަނޑޭ) ޖަހައިދިން ގޯލުންނެވެ. ފައްރަގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއީލް އީސާ (މެސީ) ޖެހުމަކުން ނަގައިދިން ހުރަސް ދަގަނޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ. މިއީ ޓީސީ އަލުން ބަދަލުވުމަށް ފަހު ދަގަނޑޭ އެޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ދަގަނޑޭ ވަނީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ޓީސީ ކާމިޔާބުކުރިއިރު 22 ގޯލު ޖަހައިފަ އެވެ.
ޓީސީ މެޗުން މޮޅުވި ގޯލާއި ލީޑު ފުޅާކުރި ގޯލު ޖެހީ މެޗުގެ ފަހުކޮޅު އެވެ. މެޗު ނިމެން 12 މިނެޓަށް ވެފައިވަނިކޮށް އެޓީމަށް ލީޑު ނަގައިދިން ގޯލު ޖެހީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އިޝާން އިބްރާހީމް (ސައްޓު) އެވެ. އީސަ ނަގައިދިން ހުރަސް ސައްޓު ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. ޓީސީގެ ފަހު ގޯލު ފޯވާޑް ސްޓެވާޓް ޖެހީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލްކީޕަރު މުހައްމަދު ފައިސަލް އަތުގައި ޖެހިފައި ވެއްޓުމުން ސްޓެވާޓް ވަނީ ކައިރީގައި ހުރި ދަ ގްރާންޑޭގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ސްޓެވާޓް ކުޅެން އެރީ 71 ވަނަ މިނެޓުގައި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ގެ ބަދަލުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ.
ތިން ވަނަ ބުރުގެ ތިން ވަނަ ހަފްތާގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. ހުކުރު ދުވަހު ހަވީރު ދަ ގްރާންޑޭއާ މާޒިޔާ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ އީގަލްސް އާއި ގްރީން ސްޓްރީޓްސް އެވެ.