ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުތަކާއެކު އަމިއްލަ ދަނޑުގައި 2-1 އިން ޕާމާ ބަލިކޮށް އިޓަލީ ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. ރޭގެ މެޗުގައި ޔުވެންޓަސްގެ ދެ ގޯލު ވެސް ޖަހައިދިނީ އަންނަ މަހު 35 އަހަރު ފުރޭ ރޮނާލްޑޯ އެވެ.
ރޭގެ މެޗަކީ ލީގުގައި ޖެހިޖެހިގެން ރޮނާލްޑޯ ގޯލު ޖެހި ހަތް ވަނަ މެޗެވެ. ޔުވެންޓަސް އަށް އެންމެ ފަހުން ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖަހައިދިނީ 2005 ވަނަ އަހަރު ޑޭވިޑް ޓްރެޒެގޭ އެވެ. ކުރީގެ މަޝްހޫރު ފޯވާޑް ޓްރެޒެގޭ ވަނީ އެ އަހަރު ލީގުގައި ޖެހިޖެހިގެން ކުޅުނު ނުވަ މެޗުގައި ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ ވަނީ މި މަހުގެ 13 ވަނަ ދުވަހު ރަށުން ބޭރުގައި ރޯމާ އަތުން 2-1 އިން މޮޅުވީ މެޗުގައި ވެސް ޔުވެންޓަސްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ކުރިން ކަލިއާރީއާ ދެކޮޅަށް ކުޅެ 4-0 އިން އެޓީމު މޮޅުވި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ.
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ޑިފެންޑަރު މަޓެއޮ ޑާމިއަންގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ޕާމާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 55 ވަނަ މިނެޓުގައި އެންދްރެއަސް ކޯނެލިއަސް ބޮލުން ވައްދާލި ގޯލުންނެވެ. އޭގެ ތިން މިނެޓު ފަހުން ޔުވެންޓަސް މޮޅުވި ގޯލު ރޮނާލްޑޯ ޖެހީ ޕައޮލޯ ޑިބާލާ ދިން ޕާހަކުންނެވެ.
މި މޮޅާއެކު ޔުވެންޓަސް އަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ޔުވެންޓަސް އަށް 20 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް އިންޓަ މިލާނަށް 20 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. އިއްޔެ ރަށުން ބޭރުގައި ތާވަލުގެ 17 ވަނައިގައި އޮތް ލެސޭއާ ވާދަކުރި މެޗުން އިންޓަ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އިންޓަ އަށް ލީގުގެ އެއް ވަނަ ގެއްލުނީ ރޭގެ މެޗުގެ އިތުރުން އޭގެ ކުރިން އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗު ވެސް އެއްވަރުވުމުންނެވެ. މި ސީޒަނުގައި ޔުވެންޓަސް އަށް ލީގުގައި އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވެނީ އިންޓަ އެވެ. އެކަމަކު ފަހަކަށް އައިސް އެޓީމުގެ ފޯމު ފެންނަނީ ދަށްކޮށެވެ.