ފުރަތަމަ ސަފްޙާ / ޚަބަރު / އާ ކޯޗުގެ ފުރަތަމަ މެޗުގައި މެސީ ބާސެލޯނާ މޮޅުކޮށްދީފި

އާ ކޯޗުގެ ފުރަތަމަ މެޗުގައި މެސީ ބާސެލޯނާ މޮޅުކޮށްދީފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 20 ޖެނުއަރީ 2020

އާނެސްޓޯ ވަލްވޭޑޭ މަގާމުމް ވަކިކުރުމަށް ފަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ކީކޭ ސެޓިއަންގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިއޮނަލް މެސީ ޖެހި ގޯލުން މޮޅުވެ ތާވަލުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ. އަމިއްލަ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭ ރޭގެ މެޗުން ބާސެލޯނާއިން ކާމިޔާބުކުރީ 1-0 އިންނެވެ.

ސެޓިއެން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ މީ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މިދިޔަ ސީޒަނުގައި ރެއާލް ބެޓިސްގެ ކޯޗުކަން ދޫކޮށްލުމަށް ފަހު ބާސެލޯނާއާ ގުޅުމާ ހަމައަށް 61 އަހަރުގެ ސެޓިއެން ހުރީ އެއްވެސް ޓީމަކަށް އިރުޝާދުނުދީ އެވެ. އެނާގެ ކޯޗުކަމުގައި ބާސެލޯނާއިން ރޭ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ.

ރޭގެ މެޗުގައި ގްރަނާޑާ އަށް މައްސަލަތައް ކުރިމަތިވީ 69 ވަނަ މިނެޓުގައި މެސީ އަށް ކުރި ފައުލަކަށް ޑިފެންޑަރު ޖާމަން ސަންޗޭޒަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ހަތް މިނެޓު ފަހުން މެސީ ވަނީ ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. އާޓޫރޯ ވިޑާލް ޖައްސާލި ބޯލަ އޭރިޔާ ތެރޭގައި ހުރެފައި މެސީ ގޯލުގެ ތެރެއަށް ފޮނުވާލީ ތިރިތިރިންނެވެ. މުޅި މެޗުގައި ވެސް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅުނު ގްރަނާޑާގެ ޔަން އެޓެކީ ދެ ވަނަ ހާފުގައި ޖެހި ބޯޅައެއް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ބާސެލޯނާ ރޭގެ މެޗަށް ނުކުތްއިރު އެއް ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެ ރޭ ސެވިއްޔާ ބަލިކޮށް 43 ޕޮއިންޓް ހަމަކުރި ރެއާލް މެޑްރިޑެވެ. އެކަމަކު ރޭގެ މޮޅާއެކު ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށް ބާސެލޯނާ އެއް ވަނަ ކަށަވަރުކުރީ ގޯލުގެ ތަފާތުންނެވެ. ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.

ސެޓިއެއްގެ ކޯޗުކަމުގައި ބާސެލޯނާ ދެން ކުޅޭނީ ކޮޕަ ޑެލްރޭގެ 32 ޓީމު ހިމެނޭ ބުރުގެ މެޗެވެ. އެ މެޗުގައި ރަށުން ބޭރުގައި ބުދަ ދުވަހު އެޓީމު ނުކުންނާނީ އިބިޒާއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!