ފުރަތަމަ ސަފްޙާ / ޚަބަރު / ޔުނައިޓެޑް ބަލިކޮށް ލީގު ރޭހުގައި ލިވަޕޫލް ކުރިއަށް

ޔުނައިޓެޑް ބަލިކޮށް ލީގު ރޭހުގައި ލިވަޕޫލް ކުރިއަށް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 20 ޖެނުއަރީ 2020

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި 2-0 އިން ބަލިކޮށް ލިވަޕޫލުން މި ސީޒަނުގެ ޗެމްޕިއަންކަން ހޯދުމުގެ އުއްމީ ދަމަހައްޓައިފި އެވެ.

ރޭގެ މޮޅާއެކު ލިވަޕޫލް ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން 64 ޕޮއިންޓް ހޯދައި އެއް ވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ދެ ވަނައިގައި އޮތީ ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން 48 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ސިޓީ އެވެ. މެޗު ހަމަކޮށްގެން އެއް ވަނައިގައި އޮތް ލީޑު 19 ޕޮއިންޓަށް ބޮޑު ކުރުމުގެ ފުރުސަތު ލިވަޕޫލަށް މިހާރު ވަނީ ލިބިފަ އެވެ. ލިވަޕޫލުން ދައްކަމުން އަންނަ މޮޅު ކުޅުމާއެކު މިއީ 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެޓީމުން ލީގު ކާމިޔާބުކުރާނެ ސީޒަނަށް ވާނެކަމަށް އެންމެންވެސް މިހާރު ގަބޫލުކުރެ އެވެ. މިދިޔަ ސީޒަންތަކުގައި އެޓީމުން ވަނީ ލީގު ހޯދުމާ ދާދި ގާތަށް ޖެހިލައި ފަހު ވަގުތު ތަށި ހޯދުމުގެ ފުރުސަތު ގެއްލިފަ އެވެ.

މި ސީޒަނުގައި ލިވަޕޫލް އަތުން ޕޮއިންޓެއް ހޯދުނު ހަމައެކަނި ޓީމަކީ ޔުނައިޓެޑެވެ. އެޓީމުން ވަނީ ފުރަތަމަ ބުރުގެ މެޗުގައި އަމިއްލަ ދަނޑުގައި 1-1 އިން ލިވަޕޫލާ އެއްވަރުކޮށްފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މި ސީޒަނުގައި އެ ކްލަބަށް 19 ގޯލު ޖަހައިދީފައިވާ 22 އަހަރުގެ ފޯވާޑް މާކަސް ރަޝްފާޑަށް އަނިޔާވެ މެޗުގައި ނުކުޅެވުމެވެ. ލިވަޕޫލުން ވަނީ އަނިޔާއިން ރަނގަޅުވި ބްރެޒިލްގެ ފަބީނިއޯ ރޭގެ މެޗުގެ ޓީމުގައި ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ވާޖިލް ވެން ޑައިކެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ކޯނަރަކުން މި ގޯލު ވެން ޑައިކް ޖެހީ ބޮލުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ އެންދްރައެސް ޕްރޭރާއަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭނުން ނުހިފިފަ އެވެ. މި ހާފުގައި ލިވަޕޫލުގެ ރޮބާޓޯ ފިރްމީނޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފަ އެވެ. ފިރްމީނޯގެ ގޯލު ކެންސަލް ކުރީ އޭގެ ކުރިން ވެން ޑައިކް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ފައުލް ކުރުމުންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ސަޑިއޯ މާނޭ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޑެހެއާ ފައިން މަތަކުރިއިރު ޖިނީ ވައިނަލްޑަމް އޮފްސައިޑުގައި ހުރެ ޖެހި ގޯލު ބަލައިގެންފައެއްނުވެ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ވަރަށް ބޮޑުތައް ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިފަ އެވެ. މިހާފުގައި އެޓީމުގެ އެންތަނީ މާޝިއާލް އަށް ވަނީ ގޯލު ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. މާޝިއަލް ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. ލިވަޕޫލުން މެޗުގެ ފަހު ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ މުހައްމަދު ސަލާހް އެވެ. ޔުނައިޓެޑްގެ މުޅި ޓީމު ކުރީގައި އޮއްވައި ލިވަޕޫލްގެ ކީޕަރު އެލިސަން ހުސްކޮށް އޮތް ސަލާހް އަށް ދިން ބޯޅަ ހިފައިގެން ގޮސް އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ޔުނައިޓެޑް ކޮޅަށް ކެރިއަރުގައި ޖެހި ފުރަތަމަ ގޯލަށް ފަހު ސަލާހް ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ 30 އަހަރަށް ފަހު އެޓީމުން ލީގު ހޯދާނެ ކަމަށް ބުނެ ސްޓޭޑިއަމްގައި އުފާފާޅުކޮށްފަ އެވެ. ކޯޗު ޔާގެން ކްލޮޕް ބުނީ މިހާރު އެޓީމުގެ ސަޕޯޓަރުން ތިބޭނީ ރަނގަޅު މޫޑެއްގައި ކަމަށާއި ލީގު ލިބޭނެކަން ސަޕޯޓަރުން ގަބޫލުކުރަން ފަށާފައިވާކަމަށެވެ. އެކަމަކު ލިވަޕޫލުން އަދިވެސް މަސައްކަތް ކުރާނީ ކޮންމެ މެޗެއްވެސް ވީ އެންމެ ރަނގަޅަކަށް ކުޅެ ކާމިޔާބު ކުރަން ކަމަށް ކްލޮޕް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ކޯނަރަކުންނާއި މެޗުގެ ފަހު ބޯޅައިން ގޯލު ވަނުމުން މާޔޫސްވާ ކަމަށާއި ޓީމަށް ލިބޭ ފުރުސަތުތައް ބޭނުންހިފުމުގައި މައްސަލަ އުޅޭ ކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!