ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ބާކީ ތިން މެޗު އޮއްވައި މާޒިޔާއިން ހޯދައިފި އެވެ. އެޓީމުން ޗެމްޕިއަންކަން ކަށަވަރުކުރީ ރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު 5-1 އިން ކާމިޔާބުކޮށްގެންނެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ލީގު 2000 ވަނަ އަހަރު ތައާރަފްކުރިފަހުން މާޒިޔާ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ލީގު ޗެމްޕިއަންކަން ހޯދީ ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން 2016 ވަނަ އަހަރު އެވެ. 2007 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ފަހު ވޭތުވެދިޔަ އަހަރުތަކުގައި އެއް ފެންވަރެއްގައި ކުޅެ އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޓީމަކީ މާޒިޔާ އެވެ. ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމުގެ ކުރިން އެޓީމު ވަނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގައި ވެސް އަހަރުތަކެއް ހޭދަކޮށްފަ އެވެ.
މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދިއިރު އެޓީމުން ވަނީ މި ސީޒަނަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އަނެއްކޮޅުން މި މަހު ނިމުނު ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ވަނީ ބިދޭސީ ކުޅުންތެރިން ގެނެސް އަންނަ މަހު ފަށާ އޭއެފްސީ ކޮލިފައިން ބުރަށް ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ.

ޗެމްޕިއަންކަން ލިބުމު މާޒިޔާގެ ކުޅުންތެރިން ކޯޗާއެކު އުފާފާޅުކުރަނީ. – ފޮޓޯ: މާޒިޔާ
މާޒިޔާ އަށް ލީގުގައި ބާކީ އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ވާދަކުރާ މެޗެވެ. އެޓީމުން ޗެމްޕިއަންކަން ކަށަވަރުކުރިއިރު 18 މެޗުން ވަނީ 47 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި 17 މެޗުން 33 ޕޮއިންޓް ލިބިފައިވާ އީގަލްސް އިން ކުރިއަށް އޮތް ހަތަރު މެޗު ކާމިޔާބުކުރިޔަސް މާޒިޔާ އަތެއް ނުލެވޭނެ އެވެ. ލީގުގެ ތިން ވަނައިގައި އޮތީ 17 މެޗުން 31 ޕޮއިންޓް ހޯދާފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ރޭގެ މެޗުން ބަލިވި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 18 މެޗުން 26 ޕޮއިންޓާއެކު ހަތަރު ވަނައިގަ އެވެ. ލީގުގެ ފަސް ވަނައިގައި 24 ޕޮއިންޓާ އެކު ދަ ގްރާންޑޭ އޮތްއިރު ހަ ވަނައިގައި އޮތް ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.
މާޒިޔާގެ ފަސް ގޯލުގެ ތެރެއިން އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު)، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ މި މަހުގެ 15 ވަނަ ދުވަހު ބަންދުވި ޓްރާންސްފާ ބާޒާރުގައި ޓީސީ ސްޕޯޓްސް ކްލަބުން ބަދަލުވި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ފޭދޫ އިއްބެ ޖެހުމާއި ހަމައަށް ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މި ގޯލު ފޭދޫ އިއްބެ ޖެހީ ހަމްޕު އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގްރީން ސްޓްރީޓްސްގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް ސޭވްކުރި ބޯޅަ ލިބުމުންނެވެ. މާޒިޔާއިން ލީޑުގައި އޮއްވައި ގްރީން ސްޓްރީޓްސް އަށް ލިބުނު ހިލޭ ޖެހުމެއް މުހައްމަދު އުމެއިރު ފޮނުވާލުމުން ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ. މި ހާފުގެ ބާކީ ބައިގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ) ވަހީދަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މި ދެބޯޅައިގެ ވެސް ހުރަހަކަށްވީ ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީފް އެވެ.

ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޕު. މާޒިޔާއިން ލީގު ހޯދިއިރު މޮޅު ކުޅުމެއް ދެއްކި. – ފޮޓޯ: މާޒިޔާ
ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި މާޒިޔާއިން ލީޑު ފުޅާކުރި ގޯލު ފޭދޫ އިއްބެ ޖެހީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ދިން ބޯޅައެއް ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެ ގޯލުގެ ލީޑެއްގައި އޮއްވައި ގްރީން ސްޓްރީޓްސްގެ ބިދޭސީ ޑިފެންޑަރު އަލްސައީދު މަހުމޫދު ވަނީ އުމެއިރު ނަގައިދިން ހުރަހަކުން ބޮލުން ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ހަމްޕު ދިން ބޯޅައެއް އޭރިޔާ ބޭރުގައި ހުރެފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިދިނީ އައިސަމް އެވެ. މާޒިޔާގެ ފަހު ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމްޕު އެވެ. ހަމްޕުގެ ފުރަތަމަ ގޯލު 79 ވަނަ މިނެޓުގައި ޖެހީ ހަސަން ޝިފާޒް ދިން ބޯޅަ ހޯދުމަށް ފަހު ކައިރީގައި ހުރި ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު ސައީދު ކައިރިން ނައްޓާލުމަށް ފަހު ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސްޓެވާޓް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން ހަމްޕު މެޗުގެ ފަހު ލަނޑު ޖެހީ 82 ވަނަ މިނެޓުގަ އެވެ.
ލީގުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި އީގަލްސް އާއި ފޯކައިދޫ ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ދަ ގްރާންޑޭ އެވެ. މާޒިޔާ ޗެމްޕިއަންކަން ހޯދުމުން ލީގުގައި ދެން އޮންނާނީ ދެ ވަނައިގެ ވާދަވެރިކަމާއި ގަދަ ހަތަރެއްގެ ވާދަވެރިކަމެވެ.