ރާއްޖޭގެ ފުޓްބޯޅައަށް ފަހަކަށް އައިސް ގެނައި އެންމެ ރަނގަޅު ބަދަލަކީ 2015 ވަނަ އަހަރު މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް ތައާރަފްކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމެވެ. އޭގެފަހުން މިނިވަން ޗެމްޕިއަންޝިޕަށް މުބާރާތުގެ ނަން ބަދަލުކޮށް 2018 ވަނަ އަހަރާއި ހަމައަށް ކުރިއަށްގެންދިޔައިރު މި މުބާރާތް ވެގެންގޮސްފައިވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފޯރިގަދަ ކުޅިވަރު ހަރަކާތަށެވެ. އެކަމަކު މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ރަށްތަކުން ތައްޔާރުވަމުން ދަނިކޮށް ސަރުކާރުން ކުއްލިއަކަށް ގެނައި ބަދަލާއެކު “ޖަޒީރާ ޗެމްޕިއަންޝިޕް” އުފަންވެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ޓީމުތަކަށް ގެއްލުނެވެ.
ހޯމް އެންޑް އަވޭ އުސޫލުން މުޅި ރާއްޖޭގައި ޖަޒީރާ ޗެމްޕިއަންޝިޕް 2020 ގައި ބާއްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 09 ވަނަ ދުވަހު އެވެ. އެދުވަހު އެފްއޭއެމުން ކުރި އިއުލާނުގައި ބުނެފައިވަނީ މިއަހަރު ބާއްވަން ހަމަޖެހިފައިވާ ޖަޒީރާ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް މިދިޔަ އަހަރު އިތުރު މުބާރާތެއް ރަށު ފެންވަރުގައި ބާއްވާނެ ކަމަށެވެ. އެއީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އިސްނަގައިގެން ބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީ ނުކޮށް މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބޭނުން އަދަދަކަށް ޓީމުތައް ބައިވެރިވެ ޗެމްޕިއަން ޓީމަށް ލިބޭ ފުރުސަތަކީ ޖަޒީރާ ޗެމްޕިއަންޝިޕްގައި ރަށް ތަމްސީލު ކުރުމެވެ. ޖަޒީރާ ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތާއި ޒޯން ބުރު އެފްއޭއެމުން ކުރިއަށްގެންދަން ނިންމިއިރު ކޮންމެ ޓީމެއް ވެސް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީން ވާން ޖެހޭނެ އެވެ.
ކައުންސިލުން ބާއްވާ ރަށު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ކަމަށް އެފްއޭއެމުން ކަނޑައެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު 20 އެވެ. އެއަށްފަހު އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި މި މުބާރާތް ބާއްވައި މި އަހަރުގެ ޖަޒީރާ ޗެމްޕިއަންޝިޕުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވާނެ ކަމަށް އޭރު ބުނެފައިވެ އެވެ. އެ ފޯރީގައި ރަށު ފެންވަރުގެ މުބާރާތުގައި ވާދަކުރަން ގިނަ ޓީމުތަކަކުން ފޯމު ވެސް ހުށަހެޅި އެވެ. އެކަމަކު 2019 ނިމި މިއަހަރުގެ ފުރަތަމަ މަސް ނިމިގެންދާއިރު ވެސް މުބާރާތުގެ އެއްވެސް ހަބަރެއް ނެތެވެ.
މިނިވަން ޗެމްޕިއަންޝިޕަށް ރަށްތަކުން ދިޔައީ ދުރާލާ ތައްޔާރުވަމުންނެވެ. އެ މުބާރާތުން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ހޯދަން ބޭނުންވާ ގިނަ ރަށްތަކެއް އެބަހުއްޓެވެ. އެހެންވެ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް އޮންނާނެ ކަމުގެ އުއްމީދުގައި ބައެއް ރަށްރަށުން ޕްރެކްޓިސް ފަށައި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ. އެކަމަކު މުބާރާތަށް އައި ބަދަލާއެކު އެ ރަށްތަކުން ދެން މަޑުކޮށްގެން ތިބީ ޖަޒީރާ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ވާދަކުރުމަށެވެ.
“އަޅުގަނޑުމެން މިދިޔަ އަހަރު ތިން ވަރަކަށް މަސްދުވަހު ޕްރެކްޓިސް ކުރިން މިނިވަން ޗެމްޕިއަންޝިޕަށް. އެކަމަކު އޭގެ ހަބަރެއް ނެތި ގޮސް އެނގުނީ ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުވިކަން. އެ މުބާރާތަށް ވެސް ވަރަށް އުއްމީދުކޮށް މިދިޔަ އަހަރު ކޮލިފައިވާން ވެސް ރަށްތަކުން ޓީމުތައް ބައިވެރިވި. އެކަމަކު އޭރުވެސް އިނގޭ ރަށްތަކުގައި ކޮލިފައިން ބުރެއް ކުރު މުއްދަތެއްގައި ނުބޭއްވޭނެކަން. 2020 އައިއިރު އަޅުގަނޑުމެންނަށް ނޭނގެ އަދިވެސް ވާނުވާއެއް” މިދިޔަ އަހަރު މުބާރާތަށް ތައްޔާރުވާން ފެށި ރަށެއްގެ އޮފިޝަލަކު ބުންޏެވެ.
ރަށްތަކުގައި ކައުންސިލުން އިންތިޒާމުކުރާ ކޮލިފައިން މުބާރާތަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޭކާރު ކަމެކެވެ. އެއީ ކޮންމެ ރަށަކީވެސް އަހަރުގެ ތެރޭގައި ކޮންމެވެސް ފުޓްބޯޅަ މުބާރާތެއް ބާއްވާ ރަށަކަށް ވެފައި ކުއްލިއަކަށް ކޮލިފައިން ބުރެއް ކުޅުމުގެ ފޯރި ނެރެން އުނދަގޫވުމެވެ. އަނެއްކޮޅުން ގިނަ ރަށްތަކުން މީގެ ކުރިން މިނިވަންޗެމްޕިއަންޝިޕްގައި ވެސް ވާދަކުރަމުން އައީ ވަރުގަދަ އެއް ޓީމު ނަގައިގެންނެވެ. މިނިވަންޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވި ބ. ފެހެންދޫ އަކީ އެންމެ ޓީމެއް ނެގޭ ވަރުގެ ކުޑަ އާބާދީއެއް އޮތް ރަށެވެ. ވީއިރު، އެރަށަށް ހުޅުވާލައިގެން އިތުރު ކޮލިފައިން މުބާރާތެއް ބޭއްވުމަކީ ހަގީގަތުގައި ވެސް ބޭކާރު ކަމެކެވެ.
“ކޮލިފައިން ބުރު ނުބާއްވާ ކޮންމެ ރަށަކުން ޓީމެއް ސީދާ ޖަޒީރާ ޗެމްޕިއަންޝިޕްގައި ބައިވެރިކުރުމުން ހުރިހާ ގޮތަކުން ވެސް ފަސޭހަ ވާނެ. އެއީ ކޮންމެ ރަށެއްގެ ކޮލިފައިން ބުރު ކުޅެ މުޅި އަހަރު ދުވަހު ކުޅުންތެރިން އެ މުބާރާތުގައި ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެއީ ގިނަ ރަށްތަކުގައި ކުޅުންތެރިންނަކީ ރިސޯޓު ވަޒީފާ އާއި އެހެން ވަޒީފާތަކުގައި ވެސް ރަށުން ބޭރުގައި އުޅޭ ކުދިން” ލީގުގައި 2018 ވަނަ އަހަރު ވާދަކުރި ފެހެންދޫ ޓީމުގެ އޮފިޝަލަކު ބުންޏެވެ.
ކޮންމެއަކަސް ޖަޒީރާ ޗެމްޕިއަންޝިޕްގެ އުއްމީދާއެކު ބައެއް ރަށްތަކުން އަހަރު ފެށިއިރު އަނެއްކާވެސް ވަނީ ޕްރެކްޓިސް ފަށައި ކޯޗުން ވެސް ހަމަޖައްސައިފަ އެވެ. އޭގެތެރެއިން އެއް ރަށަކީ ފުޓްބޯޅައިގައި ނަން މަޝްހޫރު ބ. އޭދަފުއްޓެވެ. މިއަހަރު އެރަށުން ވާދަކުރާ މުބާރާތްތަކުގައި އިރުޝާދުދޭނީ ރާއްޖޭގެ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އެވެ. ސާންތީގެ އިރުޝާދުގެ ދަށުން އެރަށުން މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.
ފުޓްބޯޅައިގައި ފޯރި ކެނޑިގެން މިއުޅެނީ މާލޭގަ އެވެ. އަތޮޅުތެރޭގައި ކޮންމެ ނަމެއްގައި މުބާރާތް ބޭއްވިޔަސް ފޯރި އާއި ޖޯޝަށް އަންނާނެ ބަދަލެއް ނެތެވެ. ފުރަތަމަ ޑިވިޝަނުގެ ކަލަންޑަރަށް ބޮޑެތި ބަދަލުތައް އައި ނަމަވެސް 2018 ވަނަ އަހަރާއި ހަމައަށް މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ ރަށްތަކުގެ ޝަކުވާއެއް ނެތި ރަށު ރޫހުގައި ކުޅޭ މުބާރާތެއްގެ ގޮތުގަ އެވެ. ވީއިރު މި މުބާރާތުގެ ނަމަށް، ފޯމެޓަށް، ނުވަތަ އެނޫން ކަމަކަށް ބަދަލު އަޔަސް ރަށްތަކުން ބޭނުންވަނީ މުބާރާތް ކުރިއަށްގެންދިއުމެވެ. އިއުލާން ކުރުމަށް ފަހު ރަށްތައް “ވާނުވާގައި” ބޭތިއްބުމަކީ ފުޓްބޯޅައިން މިވަގުތު ނެރެވެން އޮތް ހަމައެކަނި ފޯރި ވެސް ކަނޑާލުމެވެ.