ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ކޮކާ ކޯލާ އަދި މޯލްޑިވްސް ސޮކަ މޭޓްސް ގުޅިގެން ލެޖެންޑުންގެ ފުޓްބޯޅަ މެޗެއް މި މަހު ބާއްވަން ނިންމައިފި އެވެ. މެޗު އޮންނާނެކަން އިއުލާންކުރީ އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި ދާދިފަހުން ރިޓަޔާ ކުރި ކުޅުންތެރިން އަދި މިހާރު ވެސް ކުޅޭ ބައެއް ކުޅުންތެރިން ހިމަނައިގެން އެކުލަވާލާ ދެ ޓީމުގެ ދެމެދުގައި އެކުވެރިކަމުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ. އެދުވަހުގެ ހަވީރު މި މެޗު ކުޅޭނީ މާފަންނު އެއް ނަންބަރު ޓާފް ދަނޑުގަ އެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިން ވިކްޓްރީގައި ވިދާލި އިސްމާއީލް އަނިލް އާއި ނިއު ރޭޑިއަންޓާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަޝްރަފް ލުތުފީ (ސަމްޕަތު) އަދި ފުޓްބޯޅައިގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވާ މިހާރު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ބައިވެރިވި އެވެ.
މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒޭން ބުނީ މިއީ ދެ ޖީލުގެ މަޝްހޫރު ކުޅުންތެރިން އެއް މެޗަކުން ފެންނާނެ ފަހަރެއް ކަމަށާއި ފުޓްބޯޅައިގެ މުޅި އާއިލާ އާއި ފުޓްބޯޅައިގެ އެކި ކަންކަމުގައި އުޅެފައިތިބި މީހުން ވެސް މެޗުން ފެންނާނެ ކަމަށެވެ. ޝެޑިއުލް ތަންދޭނަމަ މެޗުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ސުޒޭން ބުންޏެވެ. މެޗުގައި ކުރީގެ އެއް ވަނަ ކުޅުންތެރިޔާ މޫސާ މަނިކު (ކުޑަ މޫސަ) ވެސް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ސުޒޭން ބުނީ ދަގަނޑޭ މެޗުގައި ކުޅޭނަމަ މިއީ ދެ ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިން އެއް މެޗަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށެވެ.
“ލެޖެންޑުންގެ ގޮތުގަ އަކްރަމް އަކީ ދެ ވަނަ އެއް ނެތް ހިދުމަތްތެރިއެއް. އޮއްޕޮމެން ކަހަލަ ކުޅުންތެރިން. މިދާކަށް ދުވަހު ހުއްޓާލާފަ ތިބި ތަފާތު ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭނަން. އަދި ރާއްޖޭގައި މިދިޔަ 40 އަހަރު އެންމެ ޓޮޕް ލެވެލްގައި ކުޅުނު ހުރިހާ ކުޅުންތެރިން ފެނިގެންދާނެކަމަށް މި ގަބޫލުކުރަނީ” އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
ޖަވާ ވިދާޅުވީ ހުކުރު ދުވަހު ޓާފް ދަނޑުގައި މެޗު ބާއްވަން ނިންމީ ގިނަ ބަޔަކަށް މެޗު ބެލުމުގެ ފުރުސަތު ދިނުމަށާއި ފުޓްބޯޅައިގެ ރަނގަޅު މާހައުލެއް އަނެއްކާވެސް ގާއިމުކުރަން ކަމަށެވެ. މެޗު ކުޅޭ ދުވަހު ކޮކާ ކޯލާއާ ގުޅިގެން ގިނަ އާ ކަންކަން އިއުލާން ވެސް ކުރާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.
“24 ވަނަ ދުވަހު ފެންނާނީ އެކަހަލަ މާހައުލެއް. އެންމެ އެއްކޮށް މަސައްކަތްކޮށް ޕޮސިޓިވް ވައިބް ގެނެސްގެން ކުރިއަށް ގެންދެވޭނީ. މެޗުގައި އެފްއޭއެމްއާ ސްޕޮންސާއާ ގުޅިގެން ވަރަށް ގިނަ އާ ކަންކަން އިއުލާން ވެސް ކުރާނެ” ޖަވާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުން ނިންމާލުމުގެ ކުރިން މެޗުގައި ބޭނުންކުރާނެ ދެ ޖާޒީ ވަނީ ދައްކާލާފަ އެވެ.
ލެޖެންޑުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މިހާރު ވެސް އެކުވެރިކަމުގެ މެޗުތައް މަދުން ނަމަވެސް ކުޅެ އެވެ. އެކަމަކު މި ހުރިހާ ބައެއްގެ ބައިވެރިވުމާ އެކު މިފަދަ މެޗެއް އިންތިޒާމުކުރާ މިއީ ފުރަތަމަ ފަހަރެވެ. ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މިހާރު ބާއްވާ އެންމެ ބޮޑު ހަރަކާތަކީ ކޮންމެ ރޯދަ މަހެއްގައި އޮންނަ ވެޓަރެންސް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތް މިހާރު އިންތިޒާމުކުރަނީ ލެޖެންޑުންގެ މެޗު އިންތިޒާމު ކުރުމުގައި ވެސް ހަރަކާތްތެރިވާ ސޮކަ މޭޓްސް އިންނެވެ.