އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން މި ޖެނުއަރީ މަހު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި 19 އަހަރުގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އެޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި ބެންޗުން ހަދައި ހެޓްރިކް ހަދައިފި އެވެ. މިރޭ ރަށުން ބޭރުގައި އެފްސީ އޯސްބާގާ ވާދަކޮށް ޑޯޓްމަންޓް މޮޅުވީ 5-3 އިންނެވެ. މެޗުގައި ހާލަންޑް ހެޓްރިކް ހެދީ ބެންޗުން އަރައި އެންމެ 23 މިނެޓު ތެރޭގަ އެވެ.
ނޯވޭގެ ފޯވާޑް ހާލަންޑް އަކީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މަސައްކަތް ކުރިނަމަވެސް ޑޯޓްމަންޑަށް އޭނާ މިދިޔަ މަހު ބަދަލުވީ 17.1 މިލިއަން ޕައުންޑަށެވެ.
މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި އޯސްބާގުން ލީޑު ނަގާފައިވަނިކޮށް ޑޯޓްމަންޑުގެ ފުރަތަމަ ގޯލު ޖަހައިދިނީ ހޫލިއަން ބްރާންޓް އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އޯސްބާގުން ވަނީ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފަ އެވެ. މެޗުގެ 56 ވަނަ މިނެޓުގައި ހާލަންޑް ކުޅެން ނުކުމެ ތިން މިނެޓު ފަހުން ވަނީ ފުރަތަމަ ގޯލު ޖަހައިފަ އެވެ. 61 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލު ޖަހައިދިނީ ޖޭޑޮން ސަންޗޯ އެވެ. ޑޯޓްމަންޓުން މެޗުގައި ލީޑު ނަގައި އެ ލީޑު އިތުރަށް ފުޅާކޮށްދިން ގޯލުތައް ހާލަންޑް ޖެހީ 70 އަދި 79 ވަނަ މިނެޓުގަ އެވެ.
މި ހެޓްރިކަކީ ހާލަންޑް މި ސީޒަނުގައި ހެދި ހަ ވަނަ ހެޓްރިކެވެ. ހުރިހާ މުބާރާތެއްގައި ހާލަންޑް މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ. ހާލަންޑް އަކީ ކުރިން ލީޑްސް ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް އަދި މެންޗެސްޓަރ ސިޓީއަށް ކުޅުނު އަލްފް-އީން ހާލަންޑްގެ ދަރި އެކެވެ.
ހާލަންޑް ހޯދަން ބޮޑެތި ކްލަބްތަކުން ޝައުގުވެރިވީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ދެއްކި މޮޅު ކުޅުމުންނެވެ. ގްރޫޕް ސްޓޭޖުގައި އަށް ގޯލު ޖެހުމުން އޭނާ ހޯދުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރީ ޔުވެންޓަސް އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.
މިރޭ ހޯދި މޮޅާއެކު ޑޯޓްމަންޑް ވަނީ 33 ޕޮއިންޓް ހޯދައި ލީގުގެ ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތީ ޑޯޓްމަންޑަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައި އޮތް ރެޑްބުލް ލީޕްޒީގެވެ.