ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީ އާއި އާސެނަލަށް ވެސް ފަހު ވަގުތު ޕޮއިންޓެއް

ސިޓީ އާއި އާސެނަލަށް ވެސް ފަހު ވަގުތު ޕޮއިންޓެއް

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 18 ޖެނުއަރީ 2020

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ފަހު ވަގުތު އެއްވަރުވެއްޖެ އެވެ. ސިޓި މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު އާސެނަލް އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ.

މިރޭ ސިޓީ ކުޅުނު މެޗު އެއްވަރުވުމުން އެއް ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ލިވަޕޫލަށް ވަނީ ބޮޑުވެފަ އެވެ. މާދަމާ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފިނަމަ ސިޓީއާ ލިވަޕޫލާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އޮންނާނެ އެވެ. ލީގުގެ ދެ ވަނައިގައި ސިޓީ އޮތީ 22 މެޗުން ލިބުނު 48 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލެސްޓަ ސިޓީ މާދަމާ ރަށުން ބޭރުގައި ބާންލީ ބަލިކޮށްގެން ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ.

ލީގުގައި މިދިޔަ ސީޒަނުގައި އަމިއްލަ ދަނޑުގައި ސިޓި ވަނީ ޕެލޭސް އަތުން 3-2 އިން ބަލިވެފަ އެވެ. މިރޭ ވެސް ޕެލޭސް އިން ވަނީ ސިޓީ ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގައި ސިޓީ ކޮޅަށް ފުރަތަމަ ގޯލު ޖެހީ ޕެލޭސް އިންނެވެ. އެޓީމުން ނެގި ކޯނަރެއް ގެރީ ކާހިލް ބޮލުން ޖެހުމުން އޭރިޔާތެރޭ ހުސްކޮށްހުރެ ގޯލު ކާމިޔާބުކުރީ އެވަޓަން އިން ލޯނު އުސޫލުން ޕެލޭސް އަށް ބަދަލުވި ޗެންކް ޓޮސުން އެވެ. މި ގޯލު ޕެލޭސް ޖެހުމުގެ ކުރިން ވިލްފްރެޑް ޒާހާ އަށް ސިޓީގެ ޖޯން ސްޓޯންސް ފައުލް ކުރި ކަމަށް ބުނެ އެޓީމުން ޕެނަލްޓިއަކަށް އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ސިޓީން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ ސާޖިއޯ އަގުއޭރޯ ޖެހި ދެ ގޯލުންނެވެ. ފުރަތަމަ ގޯލު ގެބްރިއަލް ޖީސުސް ނަގައިދިން ހުރަހަކުން އަގުއޭރޯ 82 ވަނަ މިނެޓުގައި ޖެހިއިރު ލީޑު ލިބުނު ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އަގުއޭރޯ ޖެހީ ބެންޔަމިން މެންޑީ ނަގައިދިން ހުރަހަކުން ބޮލުންނެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ޒާހާ ނަގައިދިން ހުރަހެއް ފެނާންޑީނިއޯ ފައިގައި ޖެހިފައި ބައިކޮޅަށް ވަނުމުން ނަތީޖާ 2-2 އަށް ބަދަލުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޕެލޭސްގެ ޑިފެންޑަރެއްގައި އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ޕެނަލްޓީއެއް ދިނުމަށް ފަހު ވީއޭއާރުގެ އެހީއާއެކު ނިންމުން ބަދަލުކޮށްފަ އެވެ. މިރޭގެ މެޗުގައި އަގުއޭރޯ ޖެހި ދެ ގޯލާއެކު އޭނާ ވަނީ ސިޓީއަށް ކުޅުނު 360 މެޗުގައި 250 ގޯލު ޖަހައިފަ އެވެ.

މިކޭލް އާޓެޓާގެ ކޯޗުކަމުގައި އާސެނަލް މިރޭ އެއްވަރުވީ 83 ވަނަ މިނެޓުގައި ޝެފީލްޑް ޔުނައިޓެޑްގެ ޖޯން ފްލެކް ޖަހައިދިން ގޯލުންނެވެ. މިއީ ލީގުގައި ފްލެކް މި ސީޒަނުގައި ޖެހި ފަސް ވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ލީޑު ނެގީ 18 އަހަރުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެލީ ޖެހި ގޯލުންނެވެ. މިރޭގެ މެޗުން އެއްވަރުވުމުން ތާވަލުގައި ކުރިއަށް ދިއުމަށް އާސެނަލަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ.

ލީގުގައި މިއަދު ހަވީރު ޓޮޓެންހަމް ހޮޓްސްޕާސް ރަށުން ބޭރުގައި ވެޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ވެޓްފޯޑަށް ލިބުނު ޕެނަލްޓީއެއް ޓްރޯއި ޑީނީ ފޮނުވާލުމުން ޓޮޓެންހަމްގެ ގޯލްކީޕަރު ޕައުލޯ ގަޒަނިގާ ވަނީ މަތަކޮށްފަ އެވެ. އަދި ފަހު ވަގުތު ޓޮޓެންހަމުން ފޮނުވާލި ހަމަލާއެއް ގޯލުގެ ރޮނގު މަތިން ވެޓްފޯޑް ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފަ އެވެ. ޓޮޓެންހަމް އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގަ އެވެ.

ލީގުގައި މިރޭ ޗެލްސީން ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކުރާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!