ސަރ އެލެކްސް ފާގަސަންގެ ކޯޗުކަމުގައި މެންޗެސްޓަރ ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގައި ހޯދިއިރު ފުޓްބޯޅަ ޑޮމިނޭޓް ކުރި ކުރުން ލިވަޕޫލަށް ތަކުރާރު ނުކުރެވޭނެ ކަމަށް އެޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ. ކްލޮޕް މިހެން ބުނީ ލީގުގައި މާދަމާ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އުނދަގޫ ހާލަތުގައި އޮތް ޔުނައިޓެޑާ 1986 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވުމަށް ފަހު ފާގަސަން ވަނީ އެ ކްލަބާއެކު 13 ފަހަރު ލީގު ކާމިޔާބުކޮށް ގާތްގަނޑަކަށް 20 އަހަރު އެންމެ މަތީ ފަންތީގައި އެޓީމު ބާއްވައިފަ އެވެ. 93-1992 ވަނަ ސީޒަނުގައި ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު 2013 ވަނަ އަހަރު މަގާމުން ވަކިވުމާ ހަމައަށް ޔުނައިޓެޑް ވެގެންދިޔައީ އޭރު އިންގްލެންޑުގައި އެންމެ އެންމެ ވަރުގަދަ ކްލަބަށެވެ.
“ތެދަށް ބުނަންޏާ އަހަރެންނަށް ހިއެއް ނުވޭ އެއީ ވާނެ ކަމެއް ހެނެއް. ޔުނައިޓެޑުން ފުޓްބޯޅަ އޭރު ޑޮމިނޭޓް ކުރި ގޮތަށް އެކަން ކުރަން ދެން ވަރަށް އުނދަގޫ ވާނެ” ޔޫކޭ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ.
ފާގަސަން ކްލަބް ދޫކޮށްލުމުން ޔުނައިޓެޑާ ފަހުން ހަވާލުވި ކޯޗުންނަށް އެޓީމުގެ ކުރީގެ ކުޅުން ނެރެވޭ ގޮތެއްނުވި އެވެ. މިހާރު އިނގިރޭސި ފުޓްބޯޅައިގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ މޮޅު ކްލަބަކީ ޖަރުމަނުގެ ކްލޮޕްގެ ކޯޗުކަމުގައި ކުޅެމުން އަންނަ ލިވަޕޫލެވެ. 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފަހި ފުރުސަތެއް ލިވަޕޫލަށް ލިބިފައިވާއިރު މިވަގުތު ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ކްލޮޕް ގަބޫލުކުރާ ގޮތުގައި ނުވައިދިހައިގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު ޔުނައިޓެޑުން އިނގިރޭސި ލީގުގައި ނެރުނު ނަތީޖާތައް ތަކުރާރު ނުކުރެވޭނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ޔުނައިޓެޑުން އެ އަހަރުތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދިއިރު ހަތްދިހައިގެ އަހަރުތަކާއި އަށްޑިހައިގެ އަހަރުތަކުގައި ލިވަޕޫލަކީ އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެކެވެ.
“ފުޓްބޯޅަ އެއްކޮށް ބަދަލުވެއްޖެ، ބައެއް ކްލަބްތަކަށް ލިބިފައިވާ ބާރުވެސް މިހާރު އެއްކޮށް ބަދަލުވެއްޖެ. ލިވަޕޫލުން ދެ ނިންމުމެއް ވަރު ރަނގަޅަށް ދިއުމުގެ ސަބަބުން މި ޓީމަށް ކުރިއެރުން ލިބުނީ. އެހެން ޓީމުތަކަށް ވެސް އެ ފުރުސަތު އެބައޮތް މިހާރު” ކްލޮޕް ބުންޏެވެ.
“މާލީގޮތުން ބައިވަރު ޓީމުތައް ވަރުގަދަވެ މިހާރު އެކި މުބާރާތްތަކަށް ވާދަކުރާ ޓީމުތައް ވަނީ އިތުރުވެފަ. ކްލަބްތަކަށް ރަނގަޅު ދުވަސްވަރާއި ގޯސް ދުވަސްވަރު މިހާރު ފެންނަމުން ދަނީ. މާނައަކީ ޔުނައިޓެޑާ ލިވަޕޫލުން ޑޮމިނޭޓް ކުރިގޮތަށް އެކަން ކުރުމަކީ ދުރު ކަމެކޭ” މާދަމާރޭ ވާދަވެރި ޔުނައިޓެޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.
މިދިޔަ ސީޒަނުގެ ލީގުގައި 97 ޕޮއިންޓް ހޯދި ނަމަވެސް ލިވަޕޫލަށް ލިބުނީ ލީގުގެ ދެ ވަނަ އެވެ. އެކަމަކު މި ސީޒަނުގައި އެޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވެފަ އެވެ. އެޓީމަށް ހަމައެކަނި މޮޅު ނުވެނުނީ ފުރަތަމަ ބުރުގައި ރަށުން ބޭރުގައި ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވި މެޗުގަ އެވެ. ފުރަތަމަ 21 މެޗުން ލިވަޕޫލް ހޯދާފައިވާ 61 ޕޮއިންޓަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތާރީހުގައި މިހާތަނަށް ޓީމަކުން އެންމެ ގިނަ ޕޮއިންޓް ހޯދި އަދަދެވެ.
ކްލޮޕް ބުނީ ޔުނައިޓެޑުން އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓް ކުރި ވަރަށް ލިވަޕޫލަށް ނުކުރެވުނު ނަމަވެސް ގަވައިދުން ލީގަށް ވާދަކުރާ ޓިމެއްގެ ގޮތުގައި ލިވަޕޫލް އޮންނަން އޭނާ ބޭނުންވާ ކަމަށެވެ.
“ޔުނައިޓެޑް އެދުވަސްވަރު ގިނަ މެޗުތަކުން 4-0 ނޫނީ 5-0 އިން މޮޅުވެފައެއް ނެތް. އެކަމަކު އެމީހުން މޮޅުވާނެ ކަމަށް ޕްރެޑިކްޓް ކުރެވޭނެ. އެކަން ވަރަށް ސާފު. ލިވަޕޫލުން ވެސް 1-0 ނޫނީ 2-1 އިން ބައިވަރު މެޗުތައް ކާމިޔާބުކޮށްފި. އަދި، ބައެއް މެޗުތަކުން މޮޅުވާން ވަރަށް މަސައްކަތް ކުރަން ޖެހުނު. އެކަމަކު އަހަރެމެން ކޮންމެ އަހަރަކު ލީގަށް ވާދަކުރުން އެއީ މީގަ މުހިއްމު ކަމަކީ” ކްލޮޕް ބުންޏެވެ.
ކްލޮޕް ލިވަޕޫލާ ހަވާލުވުމަށް ފަހު ކުޅުމަށް ބޮޑު ބަދަލެއް ގެނެސް އެޓީމު ބަލިކުރުމަކީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އުނދަގޫ ކަމެކެވެ. މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން މިދިޔަ އަހަރު އެޓީމުން ވަނީ ޔޫއެފާ ސުޕަރ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. މި ސީޒަނުގައި އެޓީމު މިހާތަނަށް ކެޓި ހަމައެކަނި މުބާރާތަކީ އިނގިރޭސި ލީގު ކަޕެވެ. ސީނިއާ އެއްވެސް ކުޅުންތެރިއެއް އަދި ކޯޗު ކްލޮޕް ނެތި އެ ކްލަބް ތަމްސީލު ކުރި ރިޒާވް ޓީމް ލީގު ކަޕްގައި ބަލިވީ ރަށުން ބޭރުގައި އެސްޓަން ވިލާ އަތުންނެވެ. އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް އެޓީމު ދަތުރުކޮށްފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެޓީމު ނުކުންނާނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.