ފުރަތަމަ ސަފްޙާ / ޚަބަރު / ސިޓީގައި މަޑުކުރާނެކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި

ސިޓީގައި މަޑުކުރާނެކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 18 ޖެނުއަރީ 2020

އޭނާ ވަކިނުކުރާހާ ހިނދަކު މެންޗެސްޓަރ ސިޓީގެ ކޯޗުކަމުގައި އަންނަ ސީޒަނުގައި ހުންނާނެ ކަމަށް ޕެޕް ގާޑިއޯލާ ބުނެފި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ އަންނަ ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުނުވާނެކަމުގެ ޔަގީންކަންދީފަ އެވެ.

ގާޑިއޯލާގެ ކޯޗުކަމުގައި މިދިޔަ ދެ ސީޒަނުގައި ރެކޯޑް ޕޮއިންޓުތަކާއެކު އިނގިރޭސި ލީގު ކާމިޔާބުކުރި ސިޓީ އަށް މި ސީޒަނުގައި ލީގު ކާމިޔާބުކުރެވުމުގެ ފުރުސަތު ކުޑަ އެވެ. ލީގުގެ ދެ ވަނައިގައި ސިޓީ މިވަގުތު އޮތީ އެއް ވަނައިގައި އޮތް ލިވަޕޫލަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. ގާޑިއޯލާ ސިޓިއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.

“އަހަރެން ޓީމުން ވަކިނުކުރާހާ ހިނދަކު، ކްލަބުގައި 100 ޕަސެންޓް ހުންނާނެ” މިއަދުގެ މެޗުގެ ކުރިން 49 އަހަރުގެ ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ މިދިޔަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގްގެ މެޗާއި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކައި ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑްގެ ދަނޑުގައި 3-1 އިން އެޓީމު ބަލިކުރިއިރު ސާޖިއޯ އަގުއެރޯގެ ހެޓްރިކާ އެކު އެސްޓަން ވިލާ ދަނޑުގައި އެޓީމު މޮޅުވީ 6-1 އިންނެވެ.

“އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވީމައެއް ނޫން މިބުނީ މަޑުކުރާނެ ވާހަކަ. އެ މެޗުތައް ގޯސްކޮށް ދިޔަ ނަމަވެސް އަހަރެން އެހެން އެއްވެސް ޓީމަކަށް ނުދާނަން. އެއްވެސް މެނޭޖަރެއް އަބަދު މޮޅެއް ނުވާނެ. ބައެއް މެޗުތަކުން އަހަރެމެން ބަލިވެއްޖެ. އަދި އިތުރަށް މަސައްކަތްކޮށްގެން ނަތީޖާތައް ރަނގަޅު ކުރެވޭނެ” ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

ސިޓީ އަށް މި ސީޒަނުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ 25 އަހަރުގެ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް އޮގަސްޓް މަހު އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމެވެ. މިދިޔަ ސީޒަނުގައި ސިޓީން ތިން ތަށި ކާމިޔާބުކުރިއިރު ޑިފެންސުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ލަޕޯޓް އެވެ. އަނެއްކޮޅުން މިދިޔަ ސީޒަނަށް ފަހު ސިޓީ ދޫކޮށްލި ވިންސެންޓް ކޮމްޕެނީގެ ބަދަލުގައި ގާޑިއޯލާ އެހެން ޑިފެންޑަރެއް ގެނެސްފައެއްނުވެ އެވެ. އެހެންވެ ލަޕޯޓްގެ އަނިޔާއާ ގުޅިގެން ސިޓީގެ ޑިފެންސުގައި ބާގަނޑެއް އުފެދުނެވެ.

އަނިޔާއިން ރަނގަޅުވުމަށް މަސައްކަތް ކުރަމުން އަންނަ ލަޕޯޓް މިހާރު އަންނަނީ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ލަޕޯޓްގެ ކަކުލަށް އޮގަސްޓް މަހު އަނިޔާވީ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޓީމާއެކު ލަޕޯޓް ފަރިތަކުރާތާ ދެ ހަފްތާ ވެފައިވާއިރު މިރޭ ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅޭ މެޗުގައި ލަޕޯޓް ނުފެންނާނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު ލަޕޯޓް ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް ބެލެވެނީ އިނގިރޭސި އެފްއޭ ކަޕްގައި މި މަހުގެ 26 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް މެޗުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!