ފުރަތަމަ ސަފްޙާ / ޚަބަރު / ކޭން އަށް އަނިޔާވުމުން ޓޮޓެންހަމުން ފޯވާޑެއް ހޯދަނީ

ކޭން އަށް އަނިޔާވުމުން ޓޮޓެންހަމުން ފޯވާޑެއް ހޯދަނީ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 18 ޖެނުއަރީ 2020

އަނިޔާގެ ސަބަބުން އޭޕްރީލް މަހުގެ ނިޔަލަށް ކުޅުމާއި ދުރުގައި ހުރި ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން ނެތްތައް ފޫބައްދަން ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ގައުމީ ޓީމާއި ކްލަބަށް މި ސީޒަނުގައި ކުޅުނު 31 މެޗުގައި 27 ގޯލު ޖަހާފައިވާ ކޭން އަށް އަނިޔާވީ އާ އަހަރުގެ ދުވަހު ރަށުން ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ފަލަމަސްގަނޑަށް އަނިޔާވުމުން ސާޖަރީއެއް ހަދާފައިވާ ކޭން އަށް އޭޕްރީލް މަހުގެ ކުރިން ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭނެކަން ވަނީ ކަށަވަރުވެފަ އެވެ.

“ކުޅުންތެރިންނާއި އޭޖެންޓުންގެ ފަރާތުން ބައިވަރު ފޯވާޑުންގެ މައުލޫމާތު އެބަހުރި ލިބިފައި. އަހަރެމެންނަށް ފޯވާޑެއް ބޭނުންވޭ. އެކަމަކު އެ ބަދަލުން ޓީމަށް ޖެހޭނެ ފައިދާވާން” ކޭން ނެތްތައް ފޫބައްދަން ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރާކަމަށް ބުނަމުން 56 އަހަރުގެ މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި މިވަގުތު ތިބި ސޮން ހެއުން-މިން އާއި، ލޫކަސް މޯރާ، އެރިކް ލަމޭލާ، ޖިއޮވާނޯ ލޮ ސެލްސޯ އަދި ޑެލި އަލީ އަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ކަމަށާއި، އެކަމަކު ކޭން ގޮތަށް ސީދާ ފޯވާޑަށް ކުޅޭ ކުޅުންތެރިއަކު ޓީމުގައި މަދު ކަމަށެވެ.

“ކުޅުންތެރިން އިތުރު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މިއަންނަނީ ކުރަމުން. އެއީ ފަސޭހަ ކަމެއް ނޫން އެކަމަކު އެކަމަށް އެބަ ޖެހޭ މަސައްކަތް ކުރަން” ކުރިން ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދުދީފައިވާ ކޯޗު ބުންޏެވެ.

ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން ވަނީ ބެންފީކާއަށް ކުޅޭ ޕޯޗުގަލްގެ ޒުވާން މިޑްފީލްޑަރު ގެޑްސަން ފެނާންޑޭސް ލޯނު އުސޫލުން ގެނެސްފަ އެވެ. އަދި، މި ސީޒަނުގައި ލޯނެއްގެ ގޮތުގައި ރެއާލް ބެޓިސް އިން ގެނައި އާޖެންޓީނާގެ ލޮ ސެލްސޯގެ އެއްބަސްވުން ދާއިމީ ކުރުމުގެ ފުރުސަތު އެ ކްލަބަށް ވަނީ ލިބިފަ އެވެ. ޖެނުއަރީ ޓްރާންސްފާގައި 27.2 މިލިއަން ޕައުންޑް ދީގެން ޓޮޓެންހަމަށް ލޮ ސެލްސޯގެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ. ސީޒަނުން ނިމުމުން ދާއިމީ ކުރަން މަޑުކޮށްފި ނަމަ 34 މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެވެ. މޮރީނިއޯ ބުނީ ޖެނުއަރީ ޓްރާންސްފާގައި ލޮ ސެލްސޯ އެ ކްލަބާއެކު ދާއިމީ އެއްބަސްވުމަކަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކޭން ނެތްތައް ފޫބައްދަން މޮރީނިއޯ ފޯވާޑެއް ބޭނުންވާއިރު އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ގެންދަން އިޓަލީގެ އިންޓަ މިލާނުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެކަމަކު މޮރީނިއޯ ބުނީ 27 އަހަރުގެ އެރިކްސަން ހޯދުމަށް ޓޮޓެންހަމަށް އެއްވެސް ބިޑެއް ލިބިފައިނުވާ ކަމަށެވެ.

2013 ވަނަ އަހަރު ޓޮޓެންހަމާ ގުޅުނު އެރިކްސަންގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމާވާއިރު ބެލެވޭ ގޮތުގައި މި މަހު އެރިކްސަންގެ ކުރިމަގާ މެދު ގޮތެއް ނިންމާނެ އެވެ. އެރިކްސަނާ މެދު ގޮތެއް ނިންމަން ޓޮޓެންހަމަށް މަޖުބޫރުވަނީ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު ކުޅުންތެރިޔާއަށް ލިބޭނެތީ އެވެ.

މޮރީނިއޯ ބުނީ އެރިކްސަންގެ ކުރިމަގާ ގުޅޭގޮތުން އޭޖެންޓާއި އިންޓައާ ސުވާލުކުރުން ރަނގަޅުވާނެ ކަމަށާއި، އެއީ މިހާތަނަށް ޓޮޓެންހަމަށް އެއްވެސް ބިޑެއް ލިބިފައިނުވާތީ ކަމަށެވެ.

“އެމީހުން (އިންޓަ) ޔަގީންކަން އޮތީޔާ އެއްބަސްވުން ހުށަހަޅަން ތިބޭނީ ތައްޔާރަށް. އެކަމަކު އަދި މިހާތަނަށް އެކަހަލަ އެއްވެސް ކަމެއް ނެތް. އެރިކްސަން އޭނަގެ ކުޅުން ދައްކަން މަސައްކަތް ކުރިޔަސް މިކަމާ ހެދި އެންމެ ރަނގަޅަށް ސަމާލުކަމެއް ނުދެވޭ” އެރިކްސަންއާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

ލީގުގައި 22 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކު ޓޮޓެންހަމް މިވަގުތު އޮތީ ތާވަލުގެ އަށް ވަނައިގަ އެވެ. ލީގުގައި މިއަދު ހަވީރު ޓޮޓެންހަމް ރަށުން ބޭރުގައި ނުކުންނާނީ ރަނގަޅު ފޯމެއްގައި އޮތް ވެޓްފޯޑާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!