ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިދިޔާ އާދީއްތަ ދުވަހު 3-0 އިން ކްލަބް އީގަލްސް އަތުން ބަލިވި ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ ތިން ވަނަ ބުރުގައި މިރޭ އީގަލްސްއާ ވާދަކޮށް 1-0 އިން މޮޅުވެއްޖެ އެވެ. މިރޭގެ މެޗަކީ ތިން ވަނަ ބުރުގައި މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗެވެ.
މުހިއްމު މޮޅާއެކު ޓީސީ ވަނީ ލީގުގެ ދެ ވަނަ އަށް އެރުމަށް ކުރާ އުއްމީދު ދަމަހައްޓައިފަ އެވެ. 17 މެޗުން ލިބުނު 31 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި ޓީސީ އޮތްއިރު ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މިރޭގެ މެޗުން މޮޅުވެގެން އީގަލްސްއަށް ލީގުގެ ދެ ވަނަ ކަށަވަރުކުރުމުގެ ފުރުސަތު ވަރަށް ބޮޑުވީހެވެ. ހަ ޓީމު ވާދަކުރާ ލީގުގެ ފަހު ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ.
މިދިޔަ ސީޒަނުގެ ދެ ވަނަ އީގަލްސްއަށް ގެއްލުނީ ލީގުގެ ފަހު މެޗުގައި ޓީސީއާ ވާދަކޮށް ފަހު ވަގުތު އެއްވަރުވުމުންނެވެ. ދެ ވަނަ ނުލިބުމުން އީގަލްސްއަށް މި އަހަރުގެ އޭއެފްސީ ކަޕް ކޮލިފައިން އިން ފުރުސަތު ގެއްލުނެވެ. މިފަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ކޮލިފައިންގައި ވާދަކުރަނީ އެންމެ ފަހުން ނިމުނު ސީޒަނުގެ ދެ ވަނަ ހޯދި މާޒިޔާ އެވެ. ލީގުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭއިރު ދެ ވަނަ ޓީމު ފަށަން ޖެހޭނީ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުންނެވެ.
މިރޭގެ މެޗަށް އީގަލްސްގެ ތިން ކުޅުންތެރިއަކު ތިބީ ސަސްޕެންޝަނުގަ އެވެ. އެއީ އަބްދުﷲ ސަމީހު މޫސާ އާއި މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން އީގަލްސްއާ ގުޅުނު ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އަދި ނިލަންދޫ ޓީމުގެ ކެޕްޓަންކަން ކުރި އެރަށަށް އުފަން ފަރުހާދު އިސްމާއީލް (ފަރޭ) އެވެ. ޓޮޝީކީ އަށް ވަނީ ދެ ވަނަ ބުރުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދައްކައިފަ އެވެ. ޓީސީން މިރޭ ނެރުނު ފުރަތަމަ އެގާރައިގައި ސަސްޕެންޝަނަށް ފަހު އެނބުރި އައި އަލީ ޝާމިސް (ތޮއްޕޭ) ވަނީ ހިމަނައިފަ އެވެ. އީގަލްސް އަތުން އެންމެ ފަހުން ބަލިވި މެޗުގައި ރަތް ކާޑު ދެއްކި ސާދު ނިޒާރު އާއި ދެ ކާޑު ހަމަވުމުގެ ސަބަބުން މުހައްމަދު އައްޒާމް ސަސްޕެންޝަނުގައި ހުރިއިރު އަނިޔާގެ ސަބަބުން ކެޕްޓަން އަހުމަދު ފައްރާހް ވެސް ހުރީ ކުޅުމާ ދުރުގަ އެވެ. ޓްރާންސްފާ ބާޒާރުގައި އިއްޔެ މާޒިޔާއިން އެނބުރި ޓީސީ އަށް ބަދަލުވި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ޓީމުގައި ހިމަނާފައެއްނުވެ އެވެ. އެކަމަކު ޔުނައިޓެޑް ވިކްޓްރީން ޓީސީއަށް ބަދަލުވި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ބެންޗުގައި ހިމަނައިފަ އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ޓީސީ އެވެ. މެޗުގައި ޓީސީން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ޓީސީގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ތޮއްޕޭ ނަގައިދިން ހުރަސް ދަގަނޑޭ ބޮލުން ޖެހުމުން ކީޕަރު ސުޖަން ވަނީ އެބޯޅަ ހުއްޓުވައިފަ އެވެ. އީގަލްސް އިން ފުރަތަމަ ހާފުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ޕާކިސްތާން ކީޕަރު ހަނީފް ސާގިބް ވަނީ ހިފަހައްޓައިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ދަގަނޑޭ ފޮނުވާލި އިތުރު ހަމަލާއެއް އީގަލްސްގެ ޑިފެންޑަރަކު ވަނީ ބްލޮކްކޮށްފަ އެވެ.
ދެ ވަނަ ހާފުގައި އިޝާން އިބްރާހީމް (ސައްޓު) ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ސުޖަން ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ. ދެ ވަނަ ހާފުގެ ފަހު 25 މިނެޓަށް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ އިބްރާހީމް އަތީގް ހަސަންގެ ބަދަލުގައި ބައްކު ކުޅެން އަރުވައިފަ އެވެ. މެޗުގައި ޓީސީން ލީޑު ނެގީ 77 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖަހައިދިން ގޯލުންނެވެ. އޭރިޔާތެރެއިން ސައްޓު ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތުގައި ޖެހިފައި ނުކުތް ވަގުތު އީސަ ވަނީ ގޯލަށް ވައްދާލައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސެންޓޭ ފޮނުވާލި ހިލޭޖެހުން ކީޕަރު ސާގިބް ވަނީ ހިފަހައްޓައިފަ އެވެ. އީގަލްސް ޓީމަށް ގިނަ ގޯލުތަކެއް ޖަހައިދެމުން އަންނަ އަހުމަދު ރިޒުވާން (ރިޒޭ) ހުއްޓުވުމުގައި ޑިފެންޑަރު ތޮއްޕޭ ވަނީ މިރޭ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ތޮއްޕޭ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅުވި ލަނޑު ޖަހައިދިން އީސަ އެވެ.
ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.