ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ކޮޅަށް ފަސް ލަނޑު ޖަހައިފި

ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ކޮޅަށް ފަސް ލަނޑު ޖަހައިފި

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 14 ޖެނުއަރީ 2020

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން 5-2 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ. މެޗުގައި ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮބައިދާގެ އިތުރުން ދަ ގްރާންޑޭ އަށް ގޯލު ޖަހައިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. މެޗަށް ދަ ގްރާންޑޭ ނުކުތްއިރު ގަދަ ހަތަރަކުން ފުރުސަތު ހޯދަން ކުރާ މަސައްކަތުގައި ގްރީން ސްޓްރީޓްސް ބަލިކުރުން އެޓީމަށް އޮތީ މުހިއްމުވެފަ އެވެ. މެޗުން ބަލިވުމުން ގްރީން ސްޓްރީޓްސް އަށް ވަނީ ލީގުގެ ތިން ވަނަ މަގާމަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

ފުރަތަމަ ދެ ބުރަށް ފަހު ގްރީން ސްޓްރީޓްސް ދޫކޮށް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވި އަލީ އަޝްފާގް (ދަގަނޑޭ) ނެތުމުން މިރޭ ކުރީގައި ކުޅުނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. އެންމެ ފަހުން ޓީސީ އަތުން 2-0 އިން ބަލިވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން އިބްރާހީމް ރިޒުހާން (ރިޒްކޯ) ހުރީ ސަސްޕެންޝަނުގަ އެވެ. އަދި، މި ސީޒަނަށް ގްރީން ސްޓްރީޓްސް އަށް ގެނައި ޒުވާން މިޑްފީލްޑަރު ރިހާމް އަބްދުލްގަނީ (ބޮބީ) ވަނީ ޓްރާންސްފާ ބާޒާރުގައި ކްލަބް އީގަލްސް އަށް ބަދަލުވެފަ އެވެ. މެޗުގައި ގްރީން ސްޓްރީޓްސް އިން ވަނީ ޔުނައިޓެޑް ވިކްޓްރީން އެޓީމަށް ބަދަލުވި އަލީ ހަމްދާނަށް ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. ހަމްދާން ވަނީ ދެ ވަނަ ބުރުގެ ފަހު މެޗުތަކުގައި ޔުނައިޓެޑް ވިކްޓްރީ ޓީމުގައި ވިދާލައިފަ އެވެ.

ދަ ގްރާންޑޭ އިން މިރޭގެ މެޗަށް ނުކުތް ފުރަތަމަ އެގާރައިން ވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ލޯނު އުސޫލުން ބަދަލުވި މުހައްމަދު ސަޚާއު އާއި ގްރީން ސްޓްރީސް އިން ބަދަލުވި ޑިފެންޑަރު ގާސިމް ސައްމާމް (ސައްމެ) ހިމަނައިފަ އެވެ.

އޮބައިދާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. – ފޮޓޯ: އެފްއޭއެމް

މެޗުގައި ދަ ގްރާންޑޭ އިން ވަނީ ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ކުރީކޮޅު އިތުބާރު ބޮޑުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހަތަރު ގޯލު ވެސް ޖެހީ ދަ ގްރާންޑޭގެ އޮބައިދާ އެވެ. ފުރަތަމަ ގޯލު 14 ވަނަ މިނެޓުގައި އަޔާޒް އަހުމަދު (އަޔާ) ހުސްކޮށްލާފައި ދިން ބޯޅަ އޮބައިދާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ ދެ ވަނަ ގޯލު 28 ވަނަ މިނެޓުގައި އޮބައިދާ ޖެހީ ސައްމެ ނަގައިދިން ހުރަހަކުން ހުސްކޮށްހުރެ ބޮލުންނެވެ. ދެ ވަނަ ހާފް ފެށިގެން ހަތް ވަނަ މިނެޓުގައި އޮބައިދާ ހެޓްރިކް ފުރިހަމަ ކުރީ ގްރީން ސްޓްރީޓްސްގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް އަތުން ދޫވި ބޯޅައެއްގައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކީޕަރު އަތުން ބޯޅަ ދޫވީ އެބޯޅަ ހޯދަން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ވެސް މަސައްކަތް ކުރުމުންނެވެ. މި ގޯލު ޖަހަން އުފެއްދި ނުރައްކާތެރި ހަމަލާ ސަޚާއު ޖެހުމުން އަލީފް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ. މެޗުގައި ދަ ގްރާންޑޭގެ ހަތަރު ވަނަ ގޯލު 60 ވަނަ މިނެޓުގައި އޮބައިދާ ޖެހީ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއިންނެވެ.

ދަ ގްރާންޑޭއިން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި މުހައްމަދު އުމެއިރުގެ އެހީތެރިކަމާއެކު ގްރީން ސްޓްރީޓްސްގެ މުހައްމަދު ރިސްވާން (ފުކޭ) ވަނީ ފަރަގު ކުޑަކޮށްފަ އެވެ. އެ ގޯލަށް މާ ގިނަ އިރު ނުވަނީސް ސައްމެ ނަގައިދިން  ހުރަހެއް ކޮންޓްރޯލް ކުރުމަށް ފަހު ކީޕަރަށް ފުރުސަތެއް ނުދީ 79 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ އާއްކޮ ވަނީ އެޓީމުގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގައި ގްރީންގެ ފަހު ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ އައްމަޑޭ އެވެ.

ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރަނީ ދެ ވަނަ ބުރުގެ އެންމެ މޮޅު ހަ ޓީމެވެ. މޮޅާއެކު ދަ ގްރާންޑޭ އަށް ވަނީ 17 މެޗުން 24 ޕޮއިންޓް ހޯދައި ގަދަ ހަތަރެއްގެ އުއްމީދު ބޮޑުކޮށްފަ އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އޮތީ 26 ޕޮއިންޓުގަ އެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މި މެޗުގައި ވާދަކުރާނީ އީގަލްސް އާއި ޓީސީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!